ސުލޫކީ މައްސަލައެއްގައި ޕާޓީއަކުން މެމްބަރަކު ވަކިކުރިޔަސް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ނުގެއްލޭނެ ކަމަށާއި ގޮނޑި ގެއްލުނު ކަމަށް މީހަކު ބުންޏަށް އެކަން ގަބޫލުފުޅު ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން އެހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކާއެކު މ. ކުނޫޒުގައި މިރޭ ބޭއްވި މަޝްވަރާތަކަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ. އިދިކޮޅު ފަރާތްތަކުގެ މަޝްވަރާތަކުގައި އަމަލީ ގޮތުން މައުމޫން މިރޭ ބައިވެރިވެވަޑައިގެންނެވިއިރު އެ މަޝްވަރާތަކުގެ ތަފްސީލެއް އެމަނިކުފާނު މީޑިއާއަށް ވިދާޅެއް ނުވި އެވެ.
މީހަކު ބުނެފާނެ މި ނިމުނީއޭ، އެހެން ބުންޏަކަސް އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން. އެ ނުނިމޭނެ ރައީސް މައުމޫން
މައުމޫން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ނުހުއްޓުވޭނެ ކަމަށާއި ގައުމު އިސްލާހުކޮށް، ކާމިޔާބު ހޯއްދަވާނެ ކަމަށެވެ.
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހައްޔަރުކޮށްފައިވާތީ، މައުމޫން ވިދާޅުވީ ފާރިސް އެނބުރި ވަޑައިގަންނަވާނެ ކަމަށާއި ފާރިސް ވެސް އެބޭފުޅުންނާއެކު ހުރިކަމަށް ބަލައިގެން މަސައްކަތް ކުރުމުން ރަނގަޅުވާނެ ކަމަށެވެ.
"ފާރިސް ހުރި ކަމަށް ބަލައިގެން މަސައްކަތް ކުރީމަ ރަނގަޅުވާނެ. މީހަކު އެއްޗެއް ބުނެގެން އިސްލާހީ މަސައްކަތް ނުހުއްޓުވޭނެ ކަމަށް. ކާމިޔާބު ކުރެވޭނެ މަޖިލިސް ބޭއްވޭނެ. އެކަން ކާމިޔާބުވާނެ ކަމަށް،" މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން މީޑިއާއަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ހަތަރު މެމްބަރުން ކަމުގައިވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ޕީޕީއެމުން ވަކިކުރިކަން މަޖިލީހަށް އަންގާފައިވާތީ، އެބޭފުޅުންގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން މައުމޫން ވިދާޅުވީ އެބޭފުޅުންގެ ގޮނޑި ނުގެއްލޭނެ ކަމަށެވެ.
"ގާނޫނުގަ (ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި) ވަރަށް ރީތިކޮށް އެބަ ބުނޭ، ސުލޫކީ މައްސަލައެއްގައި ޕާޓީން ވަކިކުރިކަމުގައި ވިޔަސް މަޖިލީހުގެ މެމްބަރު ކަމުގައި ދެމިހުންނާނެ ކަމަށް ކަނޑައެޅިގެން ގާނޫނުގައި ބުނެފައި އެބަ އޮތް. އަނެއްކާ މިއަށް ހުރުމަތްތެރިކޮށް ހިތަން ސުޕްރީމް ކޯޓުން ފަހުން ނެރުއްވި އަމުރުގައި އެބަ އޮތް. އެކަން އިސްތިސްނާއެއް ނުވާނެއޭ. އެއަށް އަމަލު ކުރަންޖެހޭނެއޭ. އެހެންވީމަ ޕާޓީން ވަކިކުރިއަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ނުގެއްލޭނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
މަޖިލީހުގެ މެމްބަރަކު ޕާޓީން ވަކިވިކަން އިލެކްޝަން ކޮމިޝަނުން މަޖިލީހަށް އަންގާ ހިސާބުން އެ މެމްބަރެއްގެ ގޮނޑި ގެއްލުނީ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވާތީ، މައުމޫން ވިދާޅުވީ އެ ހުކުމާ ގުޅިގެން ކުރި އަމުރުގައި އެކަން ސާފުކޮށްދީފައިވާ ކަމަށާއި މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް މީހަކު ބުންޏަށް އެކަމެއް ގަބޫލު ނުކުރާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންފަދަ މުއައްސަސާތަކަށް ސަރުކާރުން ނުފޫޒު ފޯރާފައިވާތީ، އެފަދަ ނުފޫޒެއް ތެރެއިން އެކަންކަން ސަރުކާރުން ބޭނުންވާ ގޮތަށް ނިންމި ނަމަވެސް އެފަދަ ނިންމުމެއް ގަބޫލު ކުރައްވާނަންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް މައުމޫން ވިދާޅުވީ އެކަން ނުނިމޭނެ ކަމަށެވެ.
"ގާނޫނާ ހިލާފު ކަމެއް ނުނިމޭނެއޭ. މީހަކު ބުނެފާނެ މި ނިމުނީއޭ، އެހެން ބުންޏަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން. އެ ނުނިމޭނެއެއްނު. ކަނޑައެޅިގެން ގާނޫނާ ހިލާފު. ކަނޑައެޅިގެން ސުޕްރީމް ކޯޓުގެ އަމުރާ ހިލާފު. އެހެންވީމާ ނުނިމޭނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އެމަނިކުފާނު މަަސައްކަތްޕުޅު ކުރައްވަނީ ކިނިކަންޏާ ނޫން ކަމަށާއި އެމަނިކުފާނުގެ ފަހަތްޕުޅުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ ހުންނެވި ކަމަށެވެ. އަދި ވިދާޅުވީ ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަރީރުން ވެސް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ބަލައިގަންނަ ކަމަަށާއި ހުރިހާ ސާފީރުން ވެސް އެބޭފުޅުން ކުރައްވާ މަސައްކަތަށް ތާއިދު ކުރައްވާ ކަމަށެވެ.