އެމްޑީޕީ ޗެއާޕާސަން އިންތިޚާބު: މިރޭ 21:00 ހަމައަށް ވޯޓުލާ ވަގުތު އިތުރުކޮށްފި

އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގެ ވޯޓުލުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އިޔާދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން މިރޭ 21:00 އަށް އިތުރުކޮށްފިއެވެ.

މިއަދު 14:30 ގައި ވޯޓުލާން ފެށި މި އިންތިޚާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމެވެ. މީކާއިލް ނުކުމެވަޑައިގެން ހުންނެވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފުރިހަމަ ތާއީދާ އެކުގައެވެ.

އެހެންކަމުން، މިއީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުގެ މެދުގައި އޮތް ވާދަވެރިކަން އަނެއްކާ ވެސް ފެންނާނެ އިންތިޚާބެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މި އިންތިޚާބަކީ ކުރިން އެ މަޤާމުގައި ހުންނެވި ފައްޔާޒު އިސްމާޢީލް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ބާއްވާ އިންތިޚާބެކެވެ. ފައްޔާޒު މިހާރު ހުންނެވީ ރައީސް ނަޝީދަށް ތާއީދު ކުރައްވައިގެންނެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މެންބަރުންނަށެވެ.

އިންތިޚާބުގެ ކަންކަން އޮބްޒާވްކުރުމަށާއި ޝަކުވާތައް ބެލުމަށް ޚާއްޞަ ކޮމްޕްލަޔަންސް ކޮމިޓީއެއް ވެސް އެ ޕާޓީން ވަނީ އެކުލަވާލާފައެވެ. މީގެ އިތުރުން، ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހަމަޖައްސައި، އިންތިޚާބުގެ އިންތިޒާމުތައް ފުރިހަމަކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަންގެ މަޤާމަށް ބޭފުޅަކު ހޮވުމަށް ކުރިއަށްދާ އިންތިޚާބުގެ ވޯޓުލުމުގެ ވަގުތު އިތުރުކޮށް، އިންތިޒާމުތައް ވަނީ ހަރުދަނާކޮށްފައެވެ. މި އިންތިޚާބަކީ ޕާޓީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުގެ މެދުގައި އޮތް ވާދަވެރިކަން ދައްކުވައިދޭ މުހިންމު ހަރަކާތެކެވެ. ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް އިސްތިއުފާ ދެއްވުމާ ގުޅިގެން ބާއްވާ މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބެނީ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރީވެފައިވާ މެންބަރުންނަށެވެ.

  • ވޯޓުލުމުގެ ވަގުތު މިރޭގެ 21:00 އާ ހަމައަށް ވަނީ އިތުރުކޮށްފައެވެ.
  • އިންތިޚާބުގައި ވާދަކުރައްވަނީ މުޙައްމަދު ނަޝީދާއި މީކާއިލް އަޙްމަދު ނަސީމެވެ.
  • މިއީ ޕާޓީގެ އެތެރޭގެ ދެ ފެކްޝަނުގެ ވާދަވެރިކަން ފެނިގެންދާނެ އިންތިޚާބެކެވެ.
  • ޝަކުވާތައް ބެލުމަށާއި ކަންކަން އޮބްޒާވްކުރުމަށް ޚާއްޞަ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.
comment ކޮމެންޓް