މަޖިލީހުގެ ތެރެއިންވެސް ސަރުކާރު ވައްޓައެއް ނުލެވޭނެ: މެމްބަރު ޔާމީން

ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު -- ސަން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް މި ސަރުކާރު ވައްޓާ ނުލެވޭނެ ކަމަށް ޕީޕީއެމްގެ ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު، އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.

ސަން ޓީވީގެ "50 މިނެޓު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ މި ސަރުކާރަކީ ސިޔާތީ ގޮތުން "ޖޯރު" ހުރި އަދި ކުރިއަރާފައިވާ ސަރުކާރެއް ކަމަށެވެ. އެހެން ކަމުން މަގުމައްޗަކުން އަދި ވަކިން ޚާއްސަކޮށް މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ޔަގީން ކަމެއް. ސަބަބަކީ ރައީސުލްޖުމްހޫރިއްޔާއަކީ، އެބޭފުޅުން ދެކުޅި ކުރިއަށް ކުޅޭ ކަމަށް ވަންޏާ އަޅުގަނޑުމެން ހަ ކުޅި ކުރިއަށް ކުޅެފަ އޮންނާނީ. މިއީ ތަފާތަކީ. ހަމަ އެހެންމެ ވަރަށް ބޮޑަށް މަޝްވަރާ ކުރެވިގެން ވަރަށް ބޮޑަށް ރައްޔިތުންގެ ހައްގުތަކަށް ބެލިގެން، އަދި ވަރަށް ބޮޑަށް ކޯޓުތަކަށް ދޭން ޖެހޭ ފުރިހަމަ އިޚްތިރާމް ދީގެން މިހާތަނަށް އައީ،" ޔާމީން ވިދާޅުވިއެވެ.

މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމްއަށް ގެއްލުނު ވާހަކައަށް ނިސްބަތްކޮށް ޔާމީން ވިދާޅުވީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ މިހާރު މުހިއްމެއް ނޫން ކަމަށެވެ. އަދި ލިބިފައިވާ ސޮއިގެ އިތުރުން އެންމެ ވޯޓެއްވެސް އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ވައްދާފައިވާ މައްސަލައަށް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މަޖިލީހުގެ މެޖޯރިޓީއަކީ މިއަދު ސަރުކާރަށް މާ މުހިއްމު އެއްޗެއްވެސް ނޫން. ސަބަބަކީ ރައްޔިތުންގެ މަޖިލީހުގައި ކުރަން ޖެހޭ މައިގަނޑު މަސައްކަތްތައް، ގާނޫނީ މަސައްކަތްތަކާއި ގާނޫނީ އެޖެންޑާ މިއޮތީ ވަރަށް ބޮޑަށް ފުރިހަމަވެގެން ގޮސްފަ. އެހެންވީމަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލިދާނެތީ ސަރުކާރު ޕްރެޝަރަށް ވެއްޓި ސަރުކާރު ތެޅިއެއް ނުފޮޅޭނެ،" ޔާމީން ވިދާޅުވިއެވެ.

ނަމަވެސް މެޖޯރިޓީ އޮތުމަކީ ޕްލަސް ޕޮއިންޓެއް ކަމަށާއި އޭގެ ސަބަބުން ސަރުކާރުގެ ގިނަ ކަންތައްތަކެއް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ސަބަބަކީ މެޖޯރިޓީ އޮވެއްޖެ ނަމަ ސަރުކާރުގެ މަޝްރޫއަކަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ ކުއްލި ބަދަލާއި ސަރުކާރުގެ ޕޮލިސީތައް ތަންފީޒު ކުރުމަށް ރައްޔިތުންގެ މަޖިލީހަކީ މުހިއްމު ގުނަވަނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލިފައިވާއިރު މަޖިލީހުގެ ގާނޫނު ބުނާ ގޮތުން ނަމަ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ ހޯމަ ދުވަހުގެ ޖަލްސާގައި ބާއްވަން ޖެހެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 175 ވަނަ މާއްދާގެ (ހ)ގައި ބުނަނީ މަޖިލީހަށް އެފަދަ މައްސަލައެއް ވެއްދޭނީ 42 މެމްބަރުންގެ ސޮޔާ އެކު ކަމަށެވެ. އަދި ހަމަ އެ މާއްދާގެ (ނ)ގައި ބުނެފައިވަނީ އެ މައްސަލައިގެ ލިއުން މަޖިލީހަށް ލިބޭތާ ތިން ދުވަހުގެ ތެރޭގައި އެމައްސަލައިގެ ނޯޓިސް އަމީން އާންމު މެމްބަރުންނަށާއި މަޖިލީހުގެ ރައީސަށް ދިނުމަށްފަހު އެ ނޯޓިހުގެ ތާރީޚުން ފެށިގެން ރަސްމީ ބަންދު ނޫން 10 ދުވަހުގެ މުއްދަތު ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް ހުށަހަޅަން ވާނެ ކަމަށެވެ.

އެ މާއްދާގައި ބުނާ 10 ދުވަހުގެ މުއްދަތަށްފަހު އެ ޖަލްސާ ބާއްވަން ޖެހޭ ތާރީޚަކީ މިމަހުގެ 24 ވަނަ ދުވަހެވެ. އެއީ އަންނަ ހަފްތާގެ ހޯމަ ދުވަހެވެ.

ސާޅީސް ފަސް މެމްބަރުންގެ ސޮޔާ އެކު އެ މައްސަލަ މަޖިލީހަށް ވެއްދުމާއެކު މަޖިލީހުގެ ޖަލްސާތައް ވަނީ މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައެވެ. އަދި އިދިކޮޅު ފަރާތްތަކުން ހުށަހެޅި އެ މައްސަލައަށް 45 މެމްބަރުންގެ ސޮއި ލިބިފައިވާއިރު މިހާރު މަޖިލީހުގެ މެޖޯރިޓީ ވަނީ ޕީޕީއެމަށް ގެއްލިފައެވެ.

ޕީޕީއެމް ކޯލިޝަނުގެ މެމްބަރުންގެ ގޮތުގައި މިވަގުތު މަޖިލީހުގައި ތިއްބެވީ 40 މެމްބަރުންނެވެ. އެއީ އެމްޑީއޭގެ ފަސް މެމްބަރުން ލައިގެންނެވެ.

އިދިކޮޅު މައި ޕާޓީ އެމްޑީޕީގައި 21 މެމްބަރުން ތިއްބެވި އިރު ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދަކީ ހަތެކެވެ. އަދި އަދާލަތު ޕާޓީގެ އެއް މެމްބަރަކާ އެކު އިދިކޮޅު އިއްތިހާދުގައި ތިއްބެވި މަޖިލީހުގެ މެމްބަރުންގެ ރަސްމީ އަދަދަކީ 29 އެވެ. އެހެން ނަމަވެސް ވަކި ޕާޓީއަކާ ނުގުޅި ތިއްބެވި 16 މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން މިހާރު ތިއްބެވީ ސަރުކާރާ އިދިކޮޅަށެވެ.

comment ކޮމެންޓް