ރާއްޖެއަށް ސާއިދު އިތުރު ރަން މެޑެއްޔެއް ހޯދައިދީފި

މެލޭޝިއަން އެތުލެޓިކްސް އޯޕަންގެ 100 މީޓަރު ދުވުމުން ރަން މެޑެއްޔެއް ހޯދުމަށްފަހު ސާއިދު(ކ)، ކޯޗު އަހުމަދު ފާއިލް(ވ)އާއެކު --- ފޮޓޯ/ އެތުލެޓިކްސް އެސޯސިއޭޝަން

މެލޭޝިއަން އެތުލެޓިކްސް އޯޕަންގެ 100 މީޓަރު ދުވުމުގެ ފައިނަލުން އެއްވަނަ ހޯދައި، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، ރާއްޖެއަށް އިތުރު ރަން މެޑެއްޔެއް ހޯދައިދީފިއެވެ.

ސަރަހައްދީ ދުވުންތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންދާ ސާއިދު، 94 ވަނަ މެލޭޝިއަން އެތުލެޓިކްސް އޯޕަން 100 މީޓަރު ދުވުމުގެ ފައިނަލުން އެއްވަނަ ހޯދީ އެކި ގައުމުތަކުގެ ހަތް ދުވުންތެރިންނާ ވާދަކޮށް، 10.48 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

މެލޭޝިއަން އެތުލެޓިކްސް އޯޕަން 100 މީޓަރު ދުވުމުގެ ފައިނަލުގައި ސާއިދުގެ ފަހަތުން ނިންމައި، ރިހި މެޑެލް ހޯދީ 10.55 ސިކުންތުން ރޭސް ފުރިހަމަކުރި މުހައްމަދު ހައިކަލްއެވެ. އަދި އެ އިވެންޓުގެ ލޯ މެޑެލް ހޯދީ 10.62 ސިކުންތުން ރޭސް ފުރިހަމަކުރި ބަދްރުލް ހިސިޔާމްއެވެ.

މެލޭޝިއަން އެތުލެޓިކްސް އޯޕަންގައި ދިހަ ގައުމަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ކާމިޔާބު ދުވުންތެރިޔާ ސާއިދުގެ އިތުރުން ތައިލެންޑް އަދި ފިލިޕީންސްގެ ބާރު ދުވުންތެރިން ފާހަގަކޮށްލެވެއެވެ.

ސާއިދު ވަނީ މީގެ ކުރިން 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ 100 މީޓަރު ދުވުމުން ވެސް ރާއްޖެއަށް ރަން މެޑެއްޔެއް ހޯދައިދީފައެވެ.

ސާއިދު ވަނީ ދާދިފަހުން އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްސްގެ 100 މީޓަރު ދުވުމުގެ ހަތަރުވަނަ މަގާމު ހޯދައިފައެވެ. އޭޝިއާގެ ބޮޑެތި ގައުމުތަކުގެ އެތުލީޓުންނާ ވާދަކޮށް 100 މީޓަރު ފައިނަލު ސާއިދު ނިންމީ 10:37 ސިކުންތުންނެވެ.

ރާއްޖޭގެ 100 މީޓަރު ދުވުމުގެ ރެކޯޑް ވެސް އޮތީ ސާއިދު އަތުގައެވެ. އޭނާ އެ ރެކޯޑު ގާއިމްކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭފްރީލް މަހު އެމްވީޕީ ޓްރެކް އެންޑް ފީލްޑް މީޓިންގައި 10.33 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭގެ އިތުރުން 200 މީޓަރު އަދި 400 މީޓަރު ދުވުމުގެ ރެކޯޑު ވެސް އޮންނަނީ ސާއިދު އަތުގައެވެ.

comment ކޮމެންޓް