މިއަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުންނަށް ހަސަން ސާއިދާއި އާއިޝަތު އައިނީ މުހައްމަދު ހޮވިއްޖެއެވެ.
އެ މުބާރާތް ނިންމުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސިފައިންގެ ކްލަބުގެ ސާއިދާއި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިނީއަށް އިނާމު ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.
އެ މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ސާއިދު ސްޕޯޓްސް ހޯދި އިރު، އަންހެން ޗެމްޕިއަންކަން ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނެވެ. އެ ޓީމުތަކަށް އިނާމު ހަވާލުކޮށްދެއްވީ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމެވެ.
ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނު ސާއިދު ވަނީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފައެވެ. އަދި އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު އައިނީ ވަނީ ޑިސްކަސް އުކުމާއި ޝޮޓްޕުޓް އުކުމުން ރަން މެޑަލް ހޯދައިފައެވެ.
މުބާރާތުގެ ފިރިހެން ބައިގައި ދިވެހި ސިފައިންގެ ކްލަބުން ވަނީ ހަތް ރަން މެޑަލާއި ހަތަރު ރިހި މެޑަލާއި ހަތަރު ލޯ މެޑަލް ހޯދައިފައެވެ. ސާއިދު ސްޕޯޓްސް އިން ހަތަރު ރަން މެޑަލާއި ހަތަރު ރިހި މެޑަލާއި ހަތް ލޯ މެޑަލް ހޯދި އިރު، ނަސީރު ސްޕޯޓްސް އިން ވަނީ ދެ ރަން މެޑަލާއި ހަތަރު ރިހި މެޑަލް ހޯދައިފައެވެ.
އަންހެނުންގެ ބައިގައި ޓްރެކް އެންޑް ފީލްޑުން ވަނީ ހަތަރު ރަން މެޑަލާއި ހަތަރު ރިހި މެޑަލް އަދި ތިން ލޯ މެޑަލް ހޯދައިފައެވެ. ޝަރީފް ސްޕޯޓްސް އިން ތިން ރަން މެޑަލް އާއި އެއް ރިހި މެޑަލް އަދި ދެ ލޯ މެޑަލް ހޯދި އިރު، ކްލަބު ރާވެރިޔާ އިން ވަނީ ދެ ރަން މެޑަލާއި ފަސް ރިހި މެޑަލް އަދި ތިން ލޯ މެޑަލް ހޯދައިފައެވެ.
މި ފަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި 20 ކްލަބަކުން ޖުމުލަ 214 އެތުލީޓުން ވާދަކުރިއެވެ. އެއީ، 132 ފިރިހެން އެތުލީޓުންނާއި 82 އަންހެން އެތުލީޓުންނެވެ.