އެތުލީޓުންނަށް ފަރުވާ ދިނުމަށް ސޯޝަލް ސެންޓަރުގައި ޚާއްޞަ ފެސިލިޓީއެއް މިރޭ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.
އެ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ މިއަދު ކަށަވަރުވެގެން ދިޔައީ އެތުލީޓުންނަށް ބޭނުންވާ އެންމެ އަސާސީ އެއް ޚިދުމަތް ކަމަށެވެ.
އޭނާ ވިދާޅުވީ ކުޅުމުގެ ތެރެއިން އެތުލީޓުންނަށް ލިބޭ ތަފާތު އަނިޔާތަކަށް އެ ފެސިލިޓީން އަވަސް ފަރުވާ ލިބޭނެ ކަމަށާއި އޭގެ ސަބަބުން ދާއިމީ ގޮތުން ލިބޭ އަނިޔާތަކުން ސަލާމަތް ވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ފެސިލިޓީ ގާއިމު ކުރުމުން ހަމައެކަނި ފަރުވާ ލިބޭނީ އެތުލީޓުންނަށް ނޫން ކަން ވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ. އެގޮތުން، ކުޅިވަރު ބަލަން ގޮސް ތިބޭ މީހުންނަށާއި މީޑިއާ މީހުންނަށް ވެސް މި ޚިދުމަތް ލިބޭނެ ކަމަށް ރާފިއު ވިދާޅުވިއެވެ.

އެތުލީޓުންނަށް ފަރުވާދޭން ސޯޝަލް ސެންޓަރުގައި ޚާއްޞަ ފެސިލިޓީއެއް ހުޅުވުން: އެ ފެސިލިޓީން އެތުލީޓުންނަށް ހަފުތާއަކު ތިން ދުވަހު ތެރަޕީ ނެގޭ ގޮތް ހަމަޖެއްސޭނެ -- ފޮޓޯ/ ރައީސް އޮފީސް
މީގެ އިތުރަށް މިނިސްޓަރު ވިދާޅުވީ އެތުލީޓުންނަށް ފަރުވާ ދިނުމަށް ސޯޝަލް ސެންޓަރުގައި ގާއިމު ކުރެވުނު ތަނުގައި ބޭނުންކުރަން ޖެހޭ ސާމާނު މިހާރު ފުރިހަމަ ކޮށްފައިވާކަމަށެވެ.
"އަދި މިހިސާބުން ވެސް ނިމުނީކީ ނޫން އިނގޭތޯ. އެއަށް ވުރެ ވެސް ސްޕީޑު މައްޗަށް ޖައްސާލި، އެގޮތުން އެ ފެސިލިޓީތަކުގަ ބޭނުންވާ ފަސްޓް އެއިޑަރުން ތަމްރީނު ކުރެވި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާ ގުޅިގެން އެކަން މި ވަނީ ހަމަޖެހިފައި،" ރާފިއު ވިދާޅުވިއެވެ.
ގައުމީ އެތުލީޓުންނަށް ކޮންމެ ހަފުތާއަކު ތިން ދުވަހު ތެރަޕީ ނެގޭނެ ގޮތް ވެސް މާދަމާއިން ފެށިގެން ހަމަޖެހޭނެ ކަމަށް މިރޭގެ ރަސްމިއްޔާތުގައި ރާފިއު ވަނީ ވިދާޅުވެފައެވެ.
ގައުމީ އަދި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ކޮންމެހެން ހުންނަން ޖެހޭ ޞިއްޙީ ޚިދުމަތްތަކާބެހޭ މިންގަނޑުތައް އެކުލަވާލުމަކީ މި ސަރުކާރުން ފުރަތަމަ 14 ހަފުތާ ތެރޭގައި ކުރަން ނިންމާފައިވާ ކަމެކެވެ.
އަދި، ކުޅިވަރު ކުރިއެރުވުމާއި ކުޅުންތެރިންނަށް ބޭނުންވާ ޞިއްޙީ ފަރުވާ އަދި ފިޓްނަސްއާ ގުޅޭކަންކަން ފަހިކޮށްދިނުމަކީވެސް ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.