ކްލަބް އެމްޓީސީސީއާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ބާއްވާ ސުޒުކީ ވިލި މުއައްސަސާ ކަޕް 'ގްރޫޕް އޭ'ގެ އެންމެ ކުރިއަށް ޓީމް އެމްޓީސީސީއާއި ދިވެހި ސިފައިންގެ ކްލަބު ޖެހިލައިފިއެވެ.
ރޭގެ މެޗުތަކަށްފަހު ގްރޫޕްގެ އެއްވަނައަށް އެމްޓީސީސީއާއި ސިފައިން ޖެހިލީ ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކުއެވެ. އެ ދެ ޓީމުގެ ފަހަތުގައި އޮތީ ދެ މެޗުން ތިން ޕޮއިންޓް ހޯދި ޔޫތު މިނިސްޓްރީގެ ޓީމާއި ދިރާގެވެ. އެ ގްރޫޕްގެ ފުލުގައި އޮތް ވިލިމާލެ ޕޮލިހަށް ކުޅުނު ދެ މެޗުން އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ސުޒުކީ ވިލި މުއައްސަސާ ކަޕް 'ގްރޫޕް އޭ'ގައި އެމްޓީސީސީއާއި ޔޫތު މިނިސްޓްރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އެމްޓީސީސީ މޮޅުވީ 11-2 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް
ވިލިމާލޭ ފުޓްސަލް ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގެ 'ގްރޫޕް އޭ'ގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އެމްޓީސީސީއާއި ޔޫތު މިނިސްޓްރީގެ ޓީމެވެ. އެ މެޗުން އެމްޓީސީސީ މޮޅުވެފައިވަނީ ފަސޭހަކަމާއެކު 11-2 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި އެމްޓީސީސީން ކާމިޔާބުކުރި 11 ލަނޑުގެ ތެރެއިން ހަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަހްމަދު އައިހަމްއެވެ. އެމްޓީސީސީގެ އިބްރާހިމް ނަޒީހު އަދި މުހައްމަދު އަހުސަން، މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކުރިއިރު އިބްރާހިމް އަލީ ވެސް ލަނޑެއް ކާމިޔާބުކުރިއެވެ. ޔޫތު މިނިސްޓްރީގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ހަސަން ނިޝާއު އަލީއެވެ.

ސުޒުކީ ވިލި މުއައްސަސާ ކަޕް 'ގްރޫޕް އޭ'ގައި އެމްޓީސީސީއާއި ޔޫތު މިނިސްޓްރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އެމްޓީސީސީ މޮޅުވީ 11-2 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް
ރޭ ކުޅުނު އެ ގްރޫޕްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ދިވެހި ސިފައިންގެ ކްލަބާއި ދިރާގެވެ. ވާދަވެރި ކުޅުމަކަށްފަހު ދިރާގުގެ މައްޗަށް ސިފައިން ކުރި ހޯދީ 6-4 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ސިފައިން ކާމިޔާބުކުރި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މުހައްމަދު އަލީއެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ ހުސައިން ހަފީޒާއި މުހައްމަދު އަރީޝް އަދި އަހްމަދު އަޝްރަފެވެ. ދިރާގުން ކާމިޔާބުކުރި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ އިރުޝާދު އަދުނާނާއި މަބްރޫކް މުހައްމަދާއި އާދަމް މުޝްފިގް އަދި ޔޫހު ނަސީރެވެ.

ސުޒުކީ ވިލި މުއައްސަސާ ކަޕް 'ގްރޫޕް އޭ'ގައި ސިފައިންނާއި ދިރާގު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިފައިން މޮޅުވީ 6-4 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް
އެ މުބާރާތުގައި މިރޭ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 8:15ގައި ކުޅޭ 'ގްރޫޕް އޭ'ގެ މެޗުގައި ޔޫތު މިނިސްޓްރީއާއި ފުލުހުން ބައްދަލުކުރާއިރު، މިރޭ 9:15ގައި ކުޅޭ 'ގްރޫޕް ބީ'ގެ މެޗުގައި ބައްދަލުކުރާނީ މޯލްޑިވް ގޭސްއާއި މުހްޔިއްދީން ސްކޫލެވެ. އަދި މިރޭ 10:15ގައި ކުޅޭ 'ގްރޫޕް އޭ'ގެ މެޗުގައި ބައްދަލުކުރާނީ ދިރާގާއި އެމްޓީސީސީއެވެ.
އެ މުބާރާތުގައި ޖުމްލަ ނުވަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ. 'ގްރޫޕް އޭ'ގައި ހިމެނެނީ ޓީމް އެމްޓީސީސީއާއި، ޔޫތު މިނިސްޓްރީއާއި، ސިފައިންނާއި، ފުލުހުން އަދި ދިރާގެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ ސްޓެލްކޯއާއި، ޓީމް ހައުސިންއާއި، މޯލްޑިވް ގޭސް އަދި މުހްޔިއްދީން ސްކޫލެވެ.
އެ މުބާރާތުގެ ވަނަވަނަތަކަށް ހޮވޭ ޓީމުތަކަށް ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.

ސުޒުކީ ވިލި މުއައްސަސާ ކަޕް 'ގްރޫޕް އޭ'ގައި ސިފައިންނާއި ދިރާގު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިފައިން މޮޅުވީ 6-4 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް
މިމަހުގެ 13އިން ފެށިގެން 22ގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީއެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިއީ މިފަދަ މުބާރާތެއް ވިލިމާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
ވިލި މުއައްސަސާ ކަޕްގެ މެއިން ސްޕޮންސަރަކީ ސުޒުކީއެވެ. އިވެންޓް ޕާޓްނަރުންނަކީ އޮފިޝަލް އިވެންޓްސްއެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރުންނަކީ ވިޓާއެވެ. އަދި މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރުންނަކީ ކްލަބު ގްރީން ސްޓްރީޓްސްގެ ވެސް ރަސްމީ ފޮޓޯގްރަފީ ޕާޓްނަރުން ކަމަށްވާ އެންޓޮމްއެވެ.