ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ސިފައިންނާއި އާބަންކޯ

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދި ދިވެހި ސިފައިންގެ ކްލަބު، ލީގު ޝީލްޑާއެކު -- ފޮޓޯ/ ވީއޭއެމް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލުގެ ޖާގަތައް ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އާއި ކްލަބު އާބަންކޯއިން ހޯދައިފިއެވެ.

ސޯޝަލް ސެންޓަރު އިންޑޯ ކޯޓުގައި ކުރިއަށްގެންދާ އެ މުބާރާތުގެ ފައިނަލުން ޑީއެސްސީން ޖާގަ ހޯދީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުން މޮޅުވެގެންނެވެ. އަދި އާބަންކޯއިން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގެ ތިންވަނަ މެޗުން މޮޅުވެގެންނެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި ޑީއެސްސީން ވަނީ ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުން ސިޓީ ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ. އެ މެޗުގެ ފުރަތަމަ ސެޓު 26-24 އިން ޑީއެސްސީން ގެންގޮސްފައިވަނިކޮށް، ސިޓީ ސްޕޯޓްސް ކްލަބުން ވަނީ 21-25 އަދި 26-28 އިން ޖެހިގެން އައި ދެ ސެޓު ގެންގޮސްފައެވެ. ޑީއެސްސީން މެޗު ގެންދިޔައީ ފަހު ދެ ސެޓު 25-19 އަދި 20-18 އިން ފަހު ދެ ސެޓު ގެންގޮސްގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޑީއެސްސީގެ ބިދޭސީ ކުޅުންތެރިޔާ މުބާޝިރް ރަޒާއެވެ. އެ މޮޅާއެކު ޑީއެސްސީން ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ.

އެ ދުވަހު ކުޅުނު ސެމީގެ ދެވަނަ މެޗުގައި ކްލަބު އާބަންކޯއިން ވަނީ ސީދާ ތިން ސެޓުން ކްލަބު ވެމްކޯ ބަލިކޮށްފައެވެ. އާބަންކޯއިން އެ މެޗުގެ ސެޓުތައް ގެންދިޔައީ 25-21، 25-15 އަދި 25-23 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މާގަމަށް ހޮވުނީ އާބަންކޯގެ ބިދޭސީ ކުޅުންތެރިޔާ ކަވިޝްކާ މަދުޝަންކާ ނިލްވާލާ ގަމަރަލަލަގޭއެވެ.

ފައިނަލުގެ ފަހު ޖާގަ ހޯދާ ޓީމެއް ކަށަވަރުކުރުމަށް ރޭ ކުޅުނު ސެމީގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ސެމީގެ ފުރަތަމަ މެޗުން ބަލިވި ސިޓީ ސްޕޯޓްސް ކްލަބާއި ސެމީގެ ދެވަނަ މެޗުން މޮޅުވި އާބަންކޯއެވެ. އެ މެޗުގައި ސިޓީ ސްޕޯޓްސް ކްލަބުގެ މައްޗަށް އާބަންކޯ އިން ކުރި ހޯދީ 3-1 ސެޓުންނެވެ. އެ މެޗުގެ ފުރަތަމަ ސެޓު 23-25 އިން އާބަންކޯއިން ގެންގޮސްފައިވާ އިރު، ދެވަނަ ސެޓު 25-23 އިން ގެންދިޔައީ ސިޓީ ސްޕޯޓްސް ކްލަބެވެ. އާބަންކޯއިން ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ފަހު ދެ ސެޓު 12-25 އަދި 25-27 އިން ގެންގޮސްގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އާބަންކޯގެ ބިދޭސީ ކުޅުންތެރިޔާ ލަސިންދޫ މެތުމަލް ވަސަންތަޕްރިޔާ ގޮނާރާ ގަމާޖްއެވެ.

އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި ޑީއެސްސީ އާއި އާބަންކޯ ބައްދަލުކުރާނީ މާދަމާ ރޭ 8:15 ގައެވެ. އެ މެޗުގައި އެއްކޮޅުން ނުކުންނަ ޑީއެސްސީއަކީ ދާދި ފަހުން ނިމުނު ގައުމީ ވޮލީބޯޅަ ލީގުގެ ވެސް ޗެމްޕިއަނުންނެވެ. އާބަންކޯ ނިންމާލީ ލީގުގެ ތިންވަނައިގައެވެ.

comment ކޮމެންޓް