އަހަރެއްގެ މެދުކެނޑުމަކަށްފަހު އަލުން ބޭއްވި ގައުމީ ވޮލީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކުލަބު އަތުން ބަލިބި ނަމަވެސް ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދައިފި އެވެ.
ލީގުގެ ފަހު މެޗުގައި ރޭ ކުޅުނު މެޗުން ސަފައިންގެ ކުލަބް އަތުން ޕޮލިހުން ކުރި ހޯދީ 2-3 ސެޓުންނެވެ. އެކަމަކު އެ މެޗު ފަސް ސެޓަށް ދިއުމުން ސިފައިންގެއަށް ވަނީ އެއްވަނަ ކަށަވަރު ވެފަ އެވެ. ސިފައިންގެ ކުލަބުން މިފަހަރުގެ ލީގު ކާމިޔާބު ކުރީ 16 ޕޮއިންޓާ އެކު އެވެ. ރޭގެ މެޗުން މޮޅުވި ޕޮލިސް ކުލަބަށް ލިބުނީ 15 ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ އިއްޔެ ހަވީރު ސްޕޯޓްސް ކްލަބް ސިޓީ އަތުން ސީދާ ތިން ސެޓުން މޮޅުވި ގުޑީސް ސްޕޯޓްސް ކްލަބް އެވެ. ގުޑީސް އަށް ވަނީ 14 ޕޮއިންޓެވެ.
މާފަންނު ސޯޝަލް ސެންޓަރުގެ އެތެރެ ކޯޓުގައި ރޭ ކުޅުނު ވާދަވެރިކަން ބޮޑު މެޗުގެ ސެޓުތައް ދިޔައީ 23-25، 26-24، 24-26 ،28-26 އަދި 11-15 އިންނެވެ.
މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ސިފައިން ރަނގަޅު ލީޑެއް ނެގި ނަމަވެސް ސެޓުގެ މެދަކާ ހަމައިން ޕޮލިސް ކުލަބުން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. އަދި ޕޮލިހުގެ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ދިޕްތީ އާއި ސަމާލްގެ އިތުރުން ގައުމީ ޓީމުގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ)ގެ މޮޅު ކުޅުމާ އެކު ދެ ޕޮއިންޓްގެ ތަފާތަކުން ޕޮލިސް އެ ސެޓު ގެންދިޔައީ 23-25 އިންނެވެ.
ދެވަނަ ސެޓު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނުނު އިރު ފުރަތަމަ ސެޓުން ލިބުނު މޮޅުން ލިބުނު ހިތްވަރާ އެކު ޕޮލިހުން އެ ސެޓުގައި ލީޑު ނެގޭތޯ މަސައްކަތް ކުރި އެވެ. އެކަމަކު ފަހު ގަޑީގައި ހެދުނު ބައެއް ގޯސްތަކުގެ ފައިދާ ނަގައި ސިފައިން ވަނީ އެ ސެޓު ކާމިޔާބުކޮށްފަ އެވެ. އެ ސެޓު ސިފައިން ގެންދިޔައީ 24-26 އިންނެވެ. ދާދި ފަހުން ގައުމީ ޓީމަށް ކުޅުން ހުއްޓާލި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ވަނީ އެ ސެޓު ސިފައިންނަށް ހޯދައިދިނުމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.
ތިންވަނަ ސެޓު ފަށައިގެން ސިފައިން ލީޑު ނެގުމަށް މަސައްކަތް ކުރި ނަމަވެސް ފުރަތަމަ ސެޓެކޭ އެއް ގޮތަށް ސެޓުގެ މެދަކާ ހަމައިން ޕޮލިހުން އަނެއްކާވެސް ޕޮއިންޓް ހަމަކޮށް ސިފައިން އަތުން ސެޓު ކާމިޔާބު ކުރި އެވެ. އެ ސެޓު ޕޮލިހުން ގެންދިޔައީ 24-26 އިންނެވެ.
މެޗުގެ އެންމެ މުހިއްމު ސެޓު ކަމަށްވާ ހަތަރުވަނަ ސެޓު ފެށިގެން ސިފައިން މޮޅަށް ކުޅެ ލީޑު ނެގިއެވެ. މުބާރާތުގެ ތަށި ބަރޯސާ ވެފައި އޮތް އެ ސެޓުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ސިފައިންގެ ކުލަބުގެ އާދަމް ނަސީމް (އެޑަމް) އެވެ. ފަހަކަށް އައިސް އިންޑޯ ކޯޓުގެ ބަދަލުގައި ބީޗް ވޮލީގައި ކުރިއެރުންތައް ހޯދަމުން އަންނަ އެޑަމް ހުއްޓުވުމަށް ޕޮލިހުންނަށް އެ ސެޓުގައި އުނދަގޫވި އިރު ވާދަވެރި ކުޅުމަކަށްފަހު ސިފައިން ސެޓު ގެންދިޔައީ 26-28 އިންނެވެ.
އެއާ އެކު ޗެމްޕިއަންކަން ސިފައިންނަށް ޔަގީން ވުމުން ބާކީ އެއް ސެޓު އޮއްވާ އެ ޓީމުން ވަނީ ވަރަށް ބޮޑަށް އުފާފާޅު ކޮށްފަ އެވެ. އެއްވަނަ ކަށަވަރުވުމާ އެކު ފަސްވަނަ ސެޓަށް ސިފައިން ނުކުތީ ގިނަ ބަދަލުތަކަކާ އެކު އެވެ. އެ ސެޓު ޕޮލިހުން ކާމިޔާބު ކުރީ 11-15 އިންނެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔަކީ ސިފައިންގެ އެޑަމް އެވެ. އެންމެ މޮޅު ކޯޗުގެ މަގާމު ސިފައިންގެ ކޯޗު މުންތޭ އަށް ލިބުނުއިރު، ފެއާޕްލޭ ޓީމަކީ ސިފައިން އެވެ. ޑްރީމް ޓީމުގައި ހިމެނެނީ ސިފައިންގެ ލޯންގޭ އާއި ޝާޑު އަދި ނަބީލްގެ އިތުރުން ޕޮލިހުގެ ހުޒަންޓެ އާއި ކުޑަކާއްޓެ އަދި ހުސެއިން ޔޫސުފް އަދި ގުޑީސްގެ އާދަމް ފައިރޫޒް އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކީ ގުޑީސްގެ ޝަމާއިލް ހުސެއިން އެވެ.