ގަތަރުގައި ވޯލްޑް ކަޕް ނުބޭއްވުމަށް ހަ ގައުމަކުން ފީފާގައި އެދިއްޖެ

2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ގަތަރުގައި ވަމުންދާ ތައްޔާރީތަކުގެ ތެރޭން މިހާތަނަށް ނިމިފައިވާ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް -- ފޮޓޯ: ޕްރެސް އެސޯސިއޭޝަން

ގަތަރުގައި 2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އެގައުމުގައި ނުބޭއްވުމަށް އެދި ހަ ގައުމަކުން ފީފާގައި އެދިއްޖެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ގަތަރުގައި ނުބޭއްވުމަށް އެދި ފީފާއަށް ހުށަހަޅާފައި ވަނީ، މިދިޔަ މަހު ގަތާރާ ޑިޕްޕޮމެޓިކް ގުޅުން ކަނޑައިލި ގަލްފުގެ ގައުމުތަކުންނެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ގަތަރުގައި ނުބޭއްވުމަށް އެދި ފީފާއަށް ހުށަހެޅި ގައުމުތަކަކީ، ސައުދީ އަރަބިއާ، ޔަމަން، މޮރިޓޭނިއާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރެއިން އަދި މިސްރެވެ. މިގައުމުތަކުން ވަނީ ގަތަރުގައި މުބާރާތް ބާއްވާނަމަ އެ މުބާރާތް ބޮއިކަޓްކުރާނޭ ކަމުގެ އިންޒާރުވެސް ދީފައެވެ.

މި ގައުމުތަކުން ފީފާއަށް އެފަދަ މައްސަލައެއް ހުށަހަޅާފައިވާކަން ފީފާގެ ރައީސް ޖިއަނީ އިންފެންޓީނޯ ކަށަވަރުކޮށްދެއްވާ ކަމަށް ރޮއިޓަސްއިން ބުނެއެވެ.

ފީފާ ވޯލްޑް ކަޕް ޓްރޮފީ -- ފޮޓޯ: ގެޓީ

"އެ ގައުމުތަކުން ވަނީ ގަތަރަކީ ޓެރަރިޒަމްގެ ހާއްޔެއްކަމަށް ބުނެ، ކުޅުންތެރީންނާއި ސަޕޯޓަރުންނަށް ނުރައްކާތެރިކަން އޮތްކަން ފީފާގެ ސަމާލުކަމަށް ގެނެސްފައި،" އިންފެންޓިނޯ ވިދާޅުވެފައިވެއެވެ.

އިންފެންޓީނޯ ވިދާޅުވީ، ގަލްފުގެ ގައުމުތަކުން ފީފާގައި އެދިފައި ވަނީ، ފީފާގެ ގަވާއިދުގެ 85 ވަނަ މާއްދާގައި ވާގޮތުން ކުއްލި ހާލަތެއް މެދުވެރި ވެއްޖެ ނަމަ، މުބާރާތް ބާއްވާން ހަމަޖެހިފައިވާ ގައުމު ނޫން އެހެން ގައުމަކަށް އެ މުބާރާތް ބަދަލުކުރުމުގެ އިހްތިޔާރު ފީފާއަށް ލިބޭތީ އެގޮތަށް ހަމަޖައްސައި ދިނުމަށް ކަމަށެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ޖޫން މަހު ބުނެފައިވާ ގޮތުން، އެ އިދާރާއިން ދަނީ ގަތަރުގެ ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އަދި ޑިޕްލޮމެޓިކް މައްސަލަތަކެއް އެގައުމަށް ކުރިމަތިވެފައިވީ ނަމަވެސް އެއީ ފީފާއާ ގުޅުންހުރި ކަމަކަށް ނުވާތީ އެކަމާ ކަންބޮޑުވާން ނުޖެހޭ ކަމަށްވެސް އޭރު ފީފާއިން ބުނެފައިވެއެވެ.

comment ކޮމެންޓް