މި ދޯނި ހަދަމުން ލިބޭނެ ކަމަށް އުއްމީދުކުރި އެވޯޑުތަކާއެކު އަބްދުއްރަޝީދު: "މި ވަނަތައް ޒުވާނަކު ހޯދިނަމަ މާ އުފާވީސް"

އަބްދުއްރަޝީދު މައުރަޒަށް ތައްޔާރުކުރި ދޯނި ކައިރީ ހުއްޓިލައިގެން --- ސަން ފޮޓޫ/ ހުސައިން ހާފިޒު

އެއް ތަނަކުން މުޅި ރާއްޖޭގެ އުފެއްދުންތައް ފެނުމަކީ މަދުން ނޫނީ ނުލިބޭނެ ފުރުސަތެކެވެ. އެ ނަސީބުގެ ބޭނުން ހިފައި، ރަހުމަތްތެރިއަކު ގޮވައިގެން ދިވެހީންގެ އުފެއްދުންތެރި ކަމުގެ މައުރަޒުގެ އަޖުމަ ބަލައިލަން އަހަރެން ވެސް ދިޔައީމެވެ.

ހަތަރުހާހަށް ވުރެ ގިނަ އުފެއްދުމާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި މައުރަޒު އެއްކޮށް ބަލައިލެވޭތޯ އަހަރެން ވެސް ބެލީމެވެ. މީހުންތަކުން ފުރިފައި އޮތް އެ ތަނަކީ ކާނިވަލެކޭ ބުނުމަކުން ވެސް ދޮގަކަށް ނުވާނެއެވެ. މިއީ އެއް ދުވަހަކުން ވާނެ ކަމެއް ނޫންކަން އެނގުނެވެ. ދެ ގަޑިއެއްހާއިރުގެ މި ދަތުރުގައި އަހަރެންގެ ލޮލުގައި އެންމެ އަޅައިގަތީ އެ މައުރަޒުގެ ރަން ފަސްވަނައާއެކު އިތުރު ހަތަރު އެވޯޑެއް ލިބިފައިވާ ދޯންޏެކެވެ. މި ދޯނީގެ ފަހަތުގައިވާ ވާހަކަތައް އަޑުއަހައިނުލާ ކެތެއް ނުވިއެވެ.

72 އަހަރުގެ އަބްދުއްރަޝީދު ހަސަން އޭނާގެ ދޯނި ކައިރީގައި --- ސަން ފޮޓޯ/ ހުސައިން ހާފިޒު

ނަސީބު ކަން ދިމާކުރި ގޮތުން ދޯނި ހެދި މޭސްތިރިޔާއާ މާ ގިނައިރެއް ނުވެ، ވާހަކަދެއްކިއްޖެއެވެ. ހީކުރި ވަރަށް ވުރެ މި ދޯނި ޚާއްސަކަން އެ ހިސާބުން ޔަގީންވެއްޖެއެވެ.

ފަލިތަކާއި ރިޔަލަކާއެކު މި ދޯނި ބަނދެފައި ވަނީ، ރ. އިނގުރައިދުއަށް އުފަން އަބްދުއްރަޝީދު ހަސަނެވެ.

"1984 ވަނަ އަހަރު ދިޔައީ ކުރަމައްޗަށް. ކުރަމަތީގައި ވަޑާން ކުރި ދުވަސްވަރު ހަދައިލީ ކުޑަކުޑަ ދޯންޏެއް. އެ ދޯނި ގެސްޓަކު މާ ބޭނުންވެގެން ގެންދިޔައީ 100 ޑޮލަރު ދީފައި. އޭގެ ފަހުން ލިބޭ ހުސް ގަޑީގައި މި ކަން ކޮށްލާ ހިތްވޭ" މައުރަޒަށް ހެދި ދޯނީގެ ވާހަކަ އެހުމުން 'ސަން'އަށް ދިން އިންޓަވިއު އަބްދުއްރަޝީދު ފެށީ ވެސް މާޒީގެ ހަނދާންތަކުންނެވެ.

އެ ތަޖުރިބާއަށް ފަހު ވަޑާމުގެ މި ހުނަރު އޭނާ ދޫކޮށެއް ނުލައެވެ. އޭގެ ފަސް އަހަރު ފަހުން، 1989ގައި އިތުރު ދޯންޏެއް އޭނާ ބަނެވެ. އެ ދޯނި ހިފައިގެން ރަށަށް އައިތަނުން މީހަކު އޭރު އޮތް މައުރަޒެއްގައި ހިމެނިއެވެ. އެ އަހަރު އެ ދޯންޏަށް ވަނައެއް ލިބުނެވެ. ދެން ވެސް އޭނާ އައީ މައުރަޒުތަކުގައި ބައިވެރިވަމުންނެވެ. އެކަމަކު، ދުވަސްތަކެއް މެދުކެނޑުމަކަށް ފަހުގައެވެ. އެއީ، މި ކަމަށް ޒުވާން ކުދިންގެ ޝައުގުވެރިކަން ހުރިތޯ ބެލުމަށެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކުރި ދޯނި ކައިރީ ހުރެ އަބްދުއްރަޝީދު 'ސަން'އަށް އިންޓަވިއު ދެނީ --- ސަން ފޮޓޯ/ ހުސައިން ހާފިޒު

މިހާރު 72 އަހަރުގެ އަބްދުއްރަޝީދު ކިޔައިދިން ގޮތުގައި، މި ދޯނި ހެދިއިރު ވެސް ވަނައެއް ލިބޭނެކަން އޭނާއަށް ޔަގީނާ ގާތަށް އެނގެއެވެ.

"އެހެންވީމަ އަޅުގަނޑަށް އެނގޭ މީތި އިންސާފުކޮށްލަން ވަރަށް ފަސޭހައިން. މި ދޯނި ހަދަމުން ވެސް ބުނިން މިއީ ރާއްޖޭން ރަންވަނައެއް ގެންނާނެ ދޯންޏެކޭ. އެއީ އެ ހުރިހާ ފަހަރަކު [މައުރަޒުތަކުގައި] ބައިވެރިވެގެން ވަނަ ލިބިފައި ހުރީމަ،" އަބްދުއްރަޝީދު ފާހަގަކުރިއެވެ.

ވަޑާން ކުރުމުގައި އެތައް އަހަރެއްވީ އަބްދުއްރަޝީދު ބުނާ ގޮތުން، މި ދޯނި ހަދާފައި ވަނީ އޭނާގެ ތަޖުރިބާ ހުރި މިންވަރުންނެވެ. އޭނާ ބުނާ ގޮތުގައި، ދޯންޏެއް ހެދިޔަސް އަދި ނިމުނީއެއް ނޫނެވެ. އެކަމުގައި ވެސް އުސޫލުތަކެއް ހުންނަން ޖެހޭނެއެވެ. މިހާރާ އެއްގޮތަށް ކުދި ބަދަލުތައް ގެނެސްފައި ހުރި ނަމަވެސް އެ މިންތައް އޭނާގެ ހުރިހާ ދޯނިތަކެއްގައި ހަމަވާނެ ކަމަށް އަބްދުއްރަޝީދު ބުންޏެވެ.

އަސްލާ އެއްގޮތަށް ފަރުމާކޮށްފައިވާ މި ދޯނި ވަރަށް ޚާއްސައެވެ. އެ ތަޖުރިބާތަކުން މި ބޮޑު ދޯނި ހެދުމަށް އޭނާއަށް އެއްވެސް ގޮންޖެހުމަކާ ވެސް ކުރިމައްޗެއް ނުވެއެވެ. އެ ކަމުގެ ފަހަތުގައި އޮތް ސަބަބަކީ، މި މަސައްކަތަށް އޭނާގެ ހިތުގައި އޮތް ލޯބިކަން ހާމަވެއެވެ.

އަބްދުއްރަޝީދު ދޯނި ހެދުމުގެ މަސައްކަތުގައި --- ފޮޓޯ/ މޯލްޑިވިއަން ލައިފްސްޓައިލް ފޮޓޯސް، ފޭސްބުކް

ދޯނީގެ މަސައްކަތް ފެށީ ވެސް ތިލަދުންމައްޗަށް ގޮސް، ބޭނުންވާ ތަކެތި ހަމަކޮށްގެންނެވެ. މި ދޯނި ހެދުމަށް ބޭނުންކުރި ތަކެތީގެ ތެރެއިން ލޯ ނަރާއި ކަބީލާ ނޫނީ ހުރިހާ އެއްޗިއްސަކީ ރާއްޖޭގެ އުފެއްދުންތަކެވެ. މިގޮތުން، ވާވެލާވެއްޔާއި ދިވެހި ރުކާއި ރިޔާ ފޮތި ހިމެނެއެވެ. މި ތަކެތި ބޭނުންކޮށްގެން ދޯންޏެއްގެ ސިފަ ޖެއްސުމަށް ހަ މަހެއްހާ ދުވަސް އޭނާ ހޭދަކުރިއެވެ.

އަހަރުތަކެއް ދޯނި ބަނުމުގައި ހޭދަކޮށްފައިވާތީ، ދާއިރާގެ މުސްތަގުބަލާމެދު ސުވާލު ކޮށްނުލައެއް ނުހުރެވުނެވެ. އަބްދުއްރަޝީދު ބުނި ގޮތުގައި، މި ދާއިރާއަށް ޝައުގުވެރިވާ ޒުވާނުން އަދިވެސް މަދީއެވެ. މަސައްކަތް ދަސްކުރަން އަންނަ ޒުވާނަކަށް ވަގުތު ހުސްކޮށްދޭން އުފަލުން އޭނާ ހުރީ 'ހޭވައްލާ' ތައްޔާރަށެވެ.

"އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ ކަމެއް [ދާއިރާއަށް ކުދިން ވައްދަން ކޮށްފިން]. މި ކަމެއް ނުކުރެވޭނެ ކުދިންނަށް ދަރިން ލިބުނީމައެއް. ދަރިން ލިބުނީމަ ނޯވޭ [މި ކަހަލަ މަސައްކަތަކަށް] ވަގުތު ހުސްކުރެވޭކަށް. އެއީ މި އަށް އޮތް ގޮންޖެހުމަކީ. އޭގެ ކުރިން ސުކޫލު ނިންމާ ގޮތަށް ކުރަންޏާ ކުރަންވީ." މި ދާއިރާގައި ޒުވާނުން ހަރުނުލާ ސަބަބު ވެސް އޭނާ ކިޔައިދިނެވެ.

އަބްދުއްރަޝީދު ހެދި ދޯނި އުފެއްދުންތެރި ކަމުގެ މައުރަޒުގައި: މިހާރު ވެސް މި ދޯނި ވަނީ ވިކިފައި --- ސަން ފޮޓޯ/ ހުސައިން ހާފިޒު

އެތައް ދުވަހެއްގެ ދާ އޮހޮރުވައިގެން އަބްދުއްރަޝީދު ހެދި މި ދޯނި މައުރަޒަށް ގެނައިއިރު ވެސް ހުރީ ވިކިފައެވެ. އެއީ، 110،000 ރުފިޔާ އަށެވެ. އޭނާ ކިޔައިދިން ގޮތުގައި، އަދިވެސް ދޯނި ބޭނުންވެގެން މީހުން އެބަ ގުޅައެވެ.

އުއްމީދު ކުރި ރަންވަނައާއެކު އެތައް ވަނައެއް ލިބުމުން އުފާ ވޭތޯ އަހާލީމެވެ. ލިބުނީ މުޅިން އަޖައިބުކުރަނިވި ޖަވާބެކެވެ.

"އަހަރެންގެ ހިތަކަށް މާ ބޮޑު އުފަލެއް މި ކަމަކުން ނުވޭ. އެހެނެއްނޫން އަހަންނާ ވާދަކޮށްލާނެ ޒުވާން ކުއްޖަކު އައިސް މި ވަނަ ނެގި ނަމަ، އަހަރެން މާ އުފާވީސް."

އަބްރުއްރަޝީދު އެ ބުނިހެން ކޮންމެ ދާއިރާއަކަށް ވެސް ޒުވާން ޖީލު އެބަ ބޭނުންވެއެވެ. ކާބަފައިންގެ މި އަތްތެރި މަސައްކަތް ދިރުވައި، އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދެވޭނީ އޭރުންނެވެ. ކޮންމެ ހުނަރަކީ ވެސް އަހަރެމެންނަށް އޮތް ޚަޒާނާއެކެވެ. އެ ކަންކަން ދިރުވުމަކީ، ޒުވާނުންނަށް އޮތް އަމާނާތެކެވެ.

comment ކޮމެންޓް