ދެވަނަ ބޮޑު ހަނގުރާމައިގެ ތެރެއިން އުފަންވި 80 އަހަރުވީ އެކުވެރިކަން: އުމުރުން 109 އަހަރު ވިޔަސް ގުޅުމަކަށް ބަދަލެއް ނާދޭ

ޢުމުރުން 109 އަހަރުވެފައިވާ ވެލްމާ ލޯންގް އަދި ޑޮރޮތީ ބޮގަސް--ފޮޓޯ/ފޭސްބުކް

ދެވަނަ ބޮޑު ހަނގުރާމައިގެ ނާމާން ދުވަސްވަރު އެމެރިކާ ސަރުކާރުގެ ވޯ ޑިޕާޓްމަންޓަށް ޓައިޕިސްޓުންގެ ގޮތުގައި ގުޅުނު ދެ އެކުވެރިއަކު، 80 އަހަރަށްވުރެ ދިގުދެމިގެންދިޔަ ވަރުގަދަ ގުޅުމުގެ ވާހަކައާއި، ދުޅަހެޔޮ އަދި އުފާވެރި ދިގު ޢުމުރެއް ވޭތުކުރުމުގެ މުހިންމު ސިއްރުތަކެއް ހިއްސާކޮށްފިއެވެ.

މިހާރު ޢުމުރުން 109 އަހަރު ފުރިފައިވާ ވެލްމާ ލޯންގް އަދި ޑޮރޮތީ ބޮގަސްގެ މި ބަދަހި ރަޙުމަތްތެރިކަމަކީ، ޒަމާންތަކުގެ ތެރޭގައި ގުޑުމެއް ނެތި ދެމިއޮތް ނަމޫނާ ގުޅުމެކެވެ.

އެމެރިކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ދެ އެކުވެރިން އެންމެ ފުރަތަމަ ބައްދަލުވީ އެމެރިކާގެ ކުރީގެ ރައީސް ފްރެންކްލިން ޑީ. ރޫޒްވެލްޓްގެ ވެރިކަމުގައި، ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ވަޒީފާ އަދާކުރަން ފެށި ހިސާބުންނެވެ. އެ ދުވަސްވަރުގެ ހަނދާންތައް އައުކުރަމުން ބޮގަސް ބުނެފައިވަނީ، ވޮޝިންގްޓަން ޑީސީއަށް އައިއިރު އެއްވެސް މީހަކު ނުދަންނަ ކަމަށާއި، ނަމަވެސް އެ ދުވަސްވަރަކީ ނުހަނު ޝައުޤުވެރި އަދި އާދަޔާޚިލާފު ތަޖުރިބާތަކަކާ ކުރިމަތިލާންޖެހުނު ފޯރިގަދަ ދުވަސްވަރެއް ކަމަށެވެ.

އޭގެ ފަހުން ވޭތުވެދިޔަ 80 އަހަރުގެ ތެރޭގައި އެ ދެމީހުންގެ ގުޅުން ބަދަހިވެގެންދިޔައީ ހަމައެކަނި ވަޒީފާގެ މާޙައުލަކު ނޫނެވެ. ޒަވާޖީ ޙަޔާތެއް ފެށުމުގެ ކުރިން އެކުގައި ދަތުރުތައް ރާވައި، ކައިވެންޏަށްފަހު އާއިލާތަކާ އެކު ވަގުތު ހޭދަކުރުމުގައިވެސް ދެމީހުން ދެމިތިބީ ފުރިހަމަ ގާތްކަމެއްގައެވެ. ދެ އާއިލާ އެކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ހަނދާންތައް ބިނާކުރިއިރު، ދިރިއުޅުމުގެ އެކި އޮއިވަރުތަކުގައި އެތައް ގާތް ރަޙުމަތްތެރިންނެއް ވަކިވެ ދިޔަ ނަމަވެސް، މި ޢުމުރުގައިވެސް ދުޅަހެޔޮކަންމަތީ އެކަކު އަނެކަކަށް ހިތްވަރުދީގެން ދިރިއުޅެވުމަކީ ލިބުނު ބޮޑު ނަސީބެއް ކަމަށް ބޮގަސް ފާހަގަކުރިއެވެ.

މިހާރު ޢުމުރުން 109 އަހަރުވެފައިވާ ވެލްމާ ލޯންގް އަދި ޑޮރޮތީ ބޮގަސްގެ އެހާރާއި މިހާރުގެ ފޮޓޯއެއް--ފޮޓޯ/ފޭސްބުކް

ޢުމުރުން 109 އަހަރު ވޭތުކުރެވުނު ސިއްރާ މެދު ސުވާލުކުރުމުން ލޯންގް ބުނީ، ހުރިހާ ވާހަކައެއް އެއްފަހަރާ ހާމަނުކުރެވުނު ނަމަވެސް، ކޮންމެ ދުވަހަކު ކަސްރަތު ކުރުމާއި ސިއްޙަތަށް ފައިދާހުރި ރަނގަޅު ކާނާ ބޭނުންކުރުމަކީ ދިރިއުޅުމުގެ އެންމެ މުހިންމު އެއް އާދަ ކަމަށެވެ. ނަމަވެސް، މިފަދަ ދުޅަހެޔޮ އާދަތަކަށްވުރެ ވެސް ބޮޑަށް، އިންސާނިއްޔަތަށް ކުުލުނުވެރިވެ މީސްތަކުންނަށް އޯގާތެރިކޮށް ހިތުމަކީ ޙަޔާތަށް ޙަޤީޤީ ހިތްހަމަޖެހުމާއި ދިގު ޢުމުރެއް ގެނެސްދޭ މައިގަނޑު އަސްލު ކަމުގައި އޭނާ ބުންޏެވެ.

މި އަހަރުގެ މެއި މަހު 109 ވަނަ އުފަންދުވަސް ފާހަގަކުރި ބޮގަސް އަކީ، އެމެރިކާގެ މުޖުތަމަޢުއަށް އަގުހުރި ޚިދުމަތްތަކެއްކޮށް އެކަމުގެ ޝަރަފު ހޯދާފައިވާ ފަރާތެކެވެ. އެގޮތުން ކެންޓަކީ ސްޓޭޓް ޔުނިވާސިޓީން އޭނާއަށް އޮނަރަރީ ޑޮކްޓަރޭޓް ޑިގްރީއެއް އަރުވާފައިވާއިރު، އޭނާއަކީ 1941 ވަނަ އަހަރު އޭރުގެ ވޯ ޑިޕާޓްމަންޓް (މިހާރުގެ ޑިޕާޓްމަންޓް އޮފް ޑިފެންސް)ގައި މަސައްކަތްކުރި އެފްރިކަން އެމެރިކަން އަސްލަށް ނިސްބަތްވާ ފުރަތަމަ ފަސް "ވޯ ގާލްސް"ގެ ތެރޭގައި ހިމެނޭ ތާރީޚީ ޝަޚްސިއްޔަތެކެވެ.

މީގެ އިތުރުން، އޭނާގެ ފިރިމީހާ ޖޯޖް ބޮގަސްއާ އެކު ވޭތުކުރި 74 އަހަރުގެ ދިގު ކައިވެނީގައި ދުނިޔޭގެ އެކި ޤައުމުތަކަށް ކުރި ދަތުރުތަކުގެ މައްޗަށް ބިނާކޮށް، "އައި ވިޝް ޔޫ ވާ ހިއާ"ގެ ނަމުގައި ފޮތެއްވެސް އޭނާ ވަނީ ޝާއިއުކޮށްފައެވެ. ސަރުކާރުގެ ވަޒީފާއަށްފަހު އިޖުތިމާއީ ޚިދުމަތްތެރިއެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި ބޮގަސްގެ މި މުއްސަނދި ޙަޔާތަކީ، މިއަދު އޭނާގެ ކުދިންނާއި ކާފަ ކުދިންގެ އިތުރުން މުޅި މުޖުތަމައުވެސް ފަޚުރުވެރިވާ ފަދަ ޚިދުމަތްތެރި މިސާލެކެވެ.

comment ކޮމެންޓް