ބާސާއަށް ބެންފިކާގެ ސެމެޑޯ ގެނެސްފި

ބެެންފީކާ ދޫކޮށް، ބާސާއާ ގުޅުނު ސެމެޑޯ: އޭނާ އެ ކްލަބާ ގުޅުނީ 30 މިލިއަން ޕައުންޑްގެ އަގަކަށް ---

ބެންފީކާގެ ރައިޓް ބެކް ނެލްސަން ސެމެޑޯ، 30 މިލިއަން ޕައުންޑްގެ އަގަކަށް ބާސެލޯނާއާ ގުޅިއްޖެއެވެ.

އުމުރުން 23 އަހަރުގެ ސެމެޑޯ ހޯދުމުގެ މަސައްކަތް ބާސާއިން ފެށީ މިދިޔަ މަހު އާސެނަލްގެ ހެކްޓާ ބެލެރިން އެ ކްލަބަށް ލިބޭނެގޮތެއް ނުވުމުންނެވެ.

ސެމެޑޯ ގެނައުމުގެ ހުރިހާ ކަންތައްތަކެއް ނިމުމަކަށް ގޮސްފައިވާކަން ބާސާއިން އިއްޔެ އިއުލާންކޮށްފައިވެއެވެ. ދާދި ފަހުން ސެމެޑޯ ވަނީ އެ ކްލަބުގެ މެޑިކަލްގައި ވެސް ބައިވެރިވެފައެވެ. ޕޯޗުގަލް ގައުމީ ޓީމަށް ހަ މެޗު ކުޅެފައިވާ ސެމެޑޯ، ބާސާގެ ކުޅުންތެރިންނާއެކު މިއަދު ކުރިއަށްގެންދާ އެ ކްލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވާގޮތަށް ހަމަޖެހިފައިވެއެވެ.

ސެމެޑޯއަކީ ކުރިއަށްއޮތް ސީޒަނަށް ބާސާގެ އާ ކޯޗު އާނެސްޓޯ ވަލްވާޑޭ، އެ ކްލަބަށް ހޯދި ތިންވަނަ ކުޅުންތެރިޔާއެވެ. ސެމެޑޯގެ ކުރިން ބާސާއާ ގުޅިފައިވަނީ އެ ކްލަބަށް ކުރިން ކުޅުނު ޖެރާޑް ޑޫލޮފެއޫ އަދި ޒުވާން ޑިފެންޑަރު މާލޮންއެވެ.

މިދިޔަ ހަފްތާގައި ބާސާގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއޫ ބުނީ، އަންނަ މަހު ޓްރާންސްފާގެ މުއްދަތު ހަމަވުމުގެ ކުރިން ދޭއް ނުވަތަ ތިން ކުޅުންތެރިއެއް އެ ކްލަބާ ގުޅޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މިދިޔަ ސީޒަނުގައި ސްޕެނިޝް ލަލީގާގެ ދެވަނާގައި ނިންމާލި ބާސާއިން ބްރެޒިލް މިޑްފީލްޑަރު ޕައުލީނިއޯ އަދި މެންޗެސްޓާ ޔުނައިޓެޑްގެ ސްޕެއިން މިޑްފީލްޑަރު އެންޑާ ހެރޭރާއަށް ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

comment ކޮމެންޓް