ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށާއި، ގައުމީ ފުޓްބޯޅަ ޓީމަށް އެއް މިލިއަން ރުފިޔާގެ ބޯނަހެއް ދިނުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވާތީ ފުޓްސަލް ޓީމަށާއި ސްރީލަންކާގައި މިދިޔަ އަހަރު ބޭއްވި ސުޕަ ކަޕްގެ ޗެންޕިއަންކަން ހޯދި ފުޓުބޯޅަ ޓީމަށް އެއް މިލިއަން ރުފިޔާގެ ބޯނަހެއް ދިނުމަށް ރައީސް ނިންމާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ނިންމަވާފައި ވަނީ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް މުޅި ޓީމަށް މި ބޯނަސް ދިނުމަށް ކަމަށް ވެސް ރާފިއު ވިދާޅުވިއެވެ.
މިއީ ރައީސް މުއިއްޒު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ގައުމީ ޓީމާއެކު ސިޓްރޮން ރެސްޓޯރެންޓުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ނިންމަވާފައިވާ ނިންމެވުމެއް ކަމަށް ވެސް ރާފިއު ވިދާޅުވިއެވެ. އަދި އެ ފައިސާ ކުޅުންތެރިންނާ ހަވާލުކުރަނީ ފުޓުބޯޅަ އެސޯސިއޭޝަން މެދުވެރިކޮށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ބޫޓާން ބަލިކޮށް ރާއްޖެއިން ވަނީ ފުޓްސަލްގެ ތާރީޚުގައި ފުރަތަމަ ބައިނަލްއަޤްވާމީ ޓްރޮފީ ހޯދައިފައެވެ. ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑަކާއެކު ރާއްޖެއިން މުބާރާތުގެ ތަށި ކަށަވަރުކުރިއިރު، މިއީ ފުޓްސަލްގެ ރަސްމީ އިންޑޯ ޕިޗެއް ނެތް ރާއްޖެއަށް ބޮޑު ކާމިޔާބީއެކެވެ.
ހަމައެއާއެކު ސްރީލަންކާގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ސުޕަ ކަޕް ކާމިޔާބުކޮށް ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ރާއްޖެއަށް ވަނީ ތަށި ގެނެސްދީފައެވެ. މިއީ ފުޓުބޯޅައިގައި ރާއްޖެއަށް ތައްޓެއް ނުލިބި ގިނަ އަހަރުތަކެއް ފާއިތުވި ފަހުން ހޯދި ފުރަތަމަ ކުލަގަދަ ކާމިޔާބީއެވެ.