ކަންބޮޑުވުމާއި ހާސްކަމުގެ ފަރުވާއަކީ ނަމާދު: ބިލާލް ފިލިޕްސް

ޖުލައި 13، 2017: "ޓުރޫލީ ސަކްސެސްފުލް ޕީޕަލް" ނަމުގައި ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް އިސްލާމީ މަރުކަޒު ބޭރުގައި ރޭ ދެއްވި ދަރުސްގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކަންބޮޑުވުމާއި ހާސްކަމުން އަރައިގަންނަން ބޭނުންނަމަ ފަރުޟު ފަސް ނަމާދު ގާއިމު ކުރުންމަތީ ދެމިތިއްބެވުމަށް ޑރ. ބިލާލް ފިލިޕްސް ގޮވާލައްވައިފިއެވެ.

މިއަދުގެ ހުކުރު ނަމާދުގެ ހުތުބާ އިސްލާމީ މަރުކަޒުގައި ދެއްވަމުން ޑރ. ޕިލިޕްސް ވިދާޅުވީ މިހާރަކަށް އައިސް ޒުވާނުންނާއި ޖުމުލަކޮށް ހުރިހާ އެންމެނަށް ވެސް ޑިޕްރެޝަން ނުވަތަ ކަންބޮޑުވުމާއި ހާސްކަމުގެ މައްސަލަތައް ކުރިމަތިވާ ކަމަށާއި އެމައްސަލައިގެ އެންމެ ރަނގަޅު ފަރުވާއަކީ ﷲއަށް ޝުކުރުކޮށް ނަމާދު ގާއިމް ކުރުންމަތީ ދެމިތިބުން ކަމަށެވެ.

ޑރ. ފިލިޕްސް ވިދާޅުވީ ތަފާސް ހިސާބްތަކަށް ބަލާއިރު ކެންސަރު ޖެހިގެން މީހުން މަރުވާ އަދަދަށް ވުރެން ގިނައިން ޑިޕްރެޝަންގައި މީހުން މަރުވާ އަދަދު ގިނަ ކަމަށެވެ.

"ފަރުޟު ފަސް ނަމާދުގެ އިތުރުން ހެއްދެވި ފަރާތުން ދެއްވާފައިވާ ނިއުމަތްތަކަށް ޝުކުރު އަދާކޮށް ކުރާ ސުންނަތް ނަމާދުގެ ސަބަބުން ގިނަ ފަރާތްތަކަކަށް ދިމާވެފައިވާ ޑި÷ޕްރެޝަން ބަލިން އެނބަހުރި އަރައިގަނެފައި،" ޑރ. ފިލިޕްސް ވިދާޅުވިއެވެ.

ޑރ. ފިލިޕްސް ވިދާޅުވީ ނަމާދަކީ ހަމައެކަނި ޑިޕްރެޝަނަށް ފައިދާހުރި އަޅުކަމެއް ނޫން ކަމަށާއި ދެ ދުނިޔޭގެ ބައްޖަވެރިކަމަށް އެދޭ މީހާ ފަރުޟު ފަސް ނަމާދު ކުރުންމަތީ ދެމި ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މިއީ އިސްލާމީ މަރުކަޒުގައި އިނގިރޭސި ބަހުން ހުތުބާ ދޭ ދެވަނަ ފަހަރެވެ. މީގެ ކުރިން އިނގިރޭސި ބަހުން އިސްލާމީ މަރުކަޒުގައި ހުތުބާ ދެއްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ޒިމްބާބުވޭ މުފްތީ ޝައިހް އިސްމާއިލް އިބްނު މޫސާ މެންކް އެވެ.

މީގެ ކުރިން ހަތަރު ފަހަރަކު ޑރ. ބިލާލް ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އަދި މިފަހަރު އޭނާ ރާއްޖެ ވަޑައިގަންނަވާނީ ރާއްޖޭގެ ދީނީ ހަރަކާތްތައް ހިންގާ ޕީސް ފައުންޑޭޝަންގެ ދައުވަތަކަށެވެ.

comment ކޮމެންޓް