ބައެއް ދިވެހީން ކަންނެތްވެ، އިގުތިސާދީ ކަންކަމުގައި ބިދޭސީ އަތްތަކަށް ބަރޯސާވާން ފަށައިފި ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ޚުތުބާ ޚާއްސަކޮށްފައިވަނީ މަސައްކަތްތެރި އުފެއްދުންތެރި ބަޔަކަށް ވާން ގޮވާލައެވެ.
ޚުތުބާގައި ބުނީ، އިސްލާމް ދީނަކީ އެ ދީނުގެ އަހުލުވެރީން ދިރިއުޅުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރަން މަސައްކަތްކުރަން އަންގަވާ ދީން ކަމަށެވެ. އަދި، އެ ކަމުގައި މުސްލިމުން ލަދުވެރިވެގެން ނުވާނެ ކަމަށް ވެސް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
އެކަމަކު، މިއަދު ބައެއް ދިވެހީން ކަންނެތްވެ، މަސައްކަތާ ދުރުވެއްޖެކަން ހިތާމައާ އެކު ޚުތުބާގައި ފާހަގަކުރިއެވެ.
"މިއަދު ބައެއް ދިވެހީން ކަންނެތްވެ، މަސައްކަތާ ދުރުވެއްޖެއެވެ. އިޤުތިޞާދީ ކަންކަމުގައި ބިދޭސީ އަތްތަކަށް ބަރޯސާވާން ފަށައިފިއެވެ. މިއަދު މަހަށް ފުރާނެ ދިވެހި ފަޅުވެރިއަކު ނުވެއެވެ،" ޚުތުބާގައި ފާހަގަކުރިއެވެ.

މީހުން ހުކުރު ނަމާދަށް ޖަމާވެ: ޚުތުބާގައި ވަނީ މަސައްކަތްތެރިވާން ގޮވާލާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޚުތުބާގައި ބުނީ، ދިވެހި އިގުތިސާދުގެ އެއް މައިނާރަކީ މަސްވެރިކަން ކަމަށްވީއިރު އެ ސިނާއަތު އޮންނަންވާނީ ދިވެހީންގެ އަތްމަތީގައި ކަމަށެވެ. އަދި، ދަނޑުވެރިކަމާއި އެ ނޫން ވެސް އިގުތިސާދީ ސިނާއަތްތަކުގައި ދިވެހީން ހީވާގިވެ އުޅޭތަން ނުފެނުމަކީ ހިތާމަހުރި ކަމެއްކަން ޚުތުބާގައި ފާހަގަކުރިއެވެ.
އެހެންވެ، އެހެން ބަޔަކަށް ބަރޯސާވުމުގެ ބަދަލުގައި، ބޭނުންތައް ފުއްދާނެ ގޮތްތަކާއި ވަސީލަތްތައް އަމިއްލައަށް އުފައްދާ، އޭގެ ބޭނުންހިފާ ބައެއްކަމުގައިވާން ޚުތުބާގައި ވަނީ ގޮވާލާފައެވެ.
"މާތް الله ވަޙީކުރައްވައިފައިވެއެވެ. އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފި ނަމަ، ނަމާދުޤާއިމުކޮށް، ޒަކާތްދީ، ހެޔޮ ކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކޮށް އުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ اللهއަށެވެ،" ޚުތުބާގައި ހަނދާންކޮށްދިނެވެ.

ހުކުރު ނަމާދުގެ ތެރެއިން: ޚުތުބާގައި ވަނީ ކަންނެތްނުވާން ގޮވާލާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ ކަންކަން ކުރެވޭނީ މުސްލިމުންނަކީ ބާރުވެރި، މިނިވަން ބަޔަކަށް ވެގެންކަން ފާހަގަކޮށް، ޚުތުބާގައި ވަނީ ފުދުންތެރި އިގުތިސާދެއް އޮތް ބަޔަކަށްވާން ގޮވާލާފައެވެ. އެ ގޮތުން، މުސްލިމުންނަކީ މަސައްކަތް ދަންނަ، މަސައްކަތް ކޮށްގެން ތަކެތި އުފައްދާ ބަޔަކަށް ވާން ޚުތުބާގައި ގޮވާލިއެވެ.
ދަނޑުގޮވާންކުރުމާއި މަހަށްފަރަށް ދިއުމަކީ ދަށު ދަރަޖައިގެ ކަންކަން ނޫންކަން ފާހަގަކޮށް ޚުތުބާގައި ވަނީ ރަސޫލުންނާއި ނަބީން ވެސް ދިރިއުޅެން މަސައްކަތްކުރެއްވިކަން ހަނދާންކޮށްދީފައެވެ.
އެހެންވެ، ދުވާލުގެ އަލިކަމުގައި ދިރިއުޅެން މަސައްކަތްކޮށް، ރޭގަނޑު އަރާމުކުރަން އެންމެހާ ދިވެހީންނާއި މުސްލިމުންނަށް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.