ފަރުޟު ނަމާދު ފުރިހަމަ ކޮށްދީ ސުވަރުގޭގައި ގެއެއް ބިނާ ކުރެވޭ 12 ރަކުޢަތް

ރަވާތިބު ސުންނަތް ކުރާ މީހާ އަށް ޓަކައި ސުވަރުގޭގައި ގެއެއް ބިނާ ކުރެވޭނެ ކަމަށް އަންގަވާފައި ވޭ -- ފޮޓޯ / މައުޑޫ3.ކޮމް

ފަރުޟު އަޅުކަންތަކާ އެކު ސުންނަތް އަޅުކަންތައް ވެސް އަދާ ކުރުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރުޝާދު ދެއްވައި ނަމޫނާ ދައްކަވާފައި ވެއެވެ. މީގެ ތެރޭގައި ހިމެނޭ އެއް ޢަމަލަކީ "ރަވާތިބު ސުންނަތް" ނުވަތަ ފަރުޟު ނަމާދުގެ އިސްފަހުގައި ކުރުމަށް އަންގަވާފައި ވާ ސުންނަތް ބާރަ ރަކުޢަތް ކުރުމެވެ. އެއީ ޤިޔާމަތް ދުވަހުގައި ޙިސާބު ބައްލަވާ އިރު ފަރުޟު ނަމާދުތަކުން އުނިވާ ބައި ފުރިހަމަ ކޮށްދޭނެ އަޅުކަމެކެވެ. އަދި އެ ނަމާދުތައް ކުރާ މީހާ އަށް ޓަކައި ސުވަރުގޭގައި ގެއެއް ބިނާ ކުރެވޭނެ މަތިވެރި ޢަމަލެކެވެ.

ރަވާތިބު ސުންނަތުގެ ރަކުޢަތުގެ ޢަދަދު

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިކަނބަލުން އުއްމު ޙަބީބާ - ރަޟިޔަﷲ ޢަންހާ - ގެ އަރިހުން ރިވާ ވެގެން ވާ ގޮތުގައި ރަވާތިބު ސުންނަތުގެ ގޮތުގައި އިތުރު އެކަލޭގެފާނު ކުރެއްވީ ބާރަ ރަކުޢަތެވެ. އެއީ، މެންދުރު ނަމާދުގެ ކުރީގައި ކުރެވޭ ހަތަރު ރަކުޢަތާއި ފަހުގައި ކުރެވޭ ދެ ރަކުޢަތާއި، މަޣުރިބު ނަމާދުގެ ފަހުގައި ކުރެވޭ ދެ ރަކުޢަތާއި، ޢިޝާ ނަމާދުގެ ފަހުގައި ކުރެވޭ ދެ ރަކުޢަތާއި، އަދި ފަތިސް ނަމާދުގެ ކުރީގައި ކުރެވޭ ދެ ރަކުޢަތެވެ (ތިރުމިޛީ، 415). ޢަބްދުﷲ ބުނު ޢުމަރު - ރަޟިޔަﷲ ޢަންހު - ގެ ރިވާޔަތުގައި ވާ ގޮތުން މެންދުރު ނަމާދުގެ އިހު ސުންނަތުގައި އޮންނަނީ ދެ ރަކުޢަތެވެ. އެހެން ކަމުން ރަވާތިބު ސުންނަތުގެ ޢަދަދަކީ ދިހައެކެވެ (މުސްލިމު، 729). ނަމަވެސް ދަލީލުތަކަށް ބަލާ އިރު ބޮޑަށް ބުރަ ވެވެނީ އުއްމު ޙަބީބާގެ ރިވާޔަތަށެވެ.

ރަވާތިބު ސުންނަތުގެ ބާރަ ރަކުޢަތް ދައްކުވައިދޭ ކުރެހުމެއް -- ސަން ގްރެފިކްސް

ރަވާތިބު ސުންނަތުގެ ގޮތުގައި އިސްވެ ބަޔާން ކުރި ބާރަ ރަކުޢަތުގެ އިތުރުން ވެސް ފަރުޟު ނަމާދުގެ އިސް ފަހުގައި ކުރުން ސުންނަތް ނަމާދުތައް ވެއެވެ. އެ ގޮތުން، މެންދުރު ނަމާދުގެ ފަހުގައި ކުރެވޭ ރަވާތިބު ސުންނަތުގެ ދެ ރަކުޢަތާ އެކު އިތުރު ދެ ރަކުޢަތް ކުރުމުގެ ދަރުމަ ބަޔާން ކުރައްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. "މެންދުރު ނަމާދުގެ ކުރީގައި ސުންނަތް ހަތަރު ރަކުޢަތާއި، އަދި އެ ނަމާދުގެ ފަހުގައި ސުންނަތް ހަތަރު ރަކުޢަތް ކޮށްފި މީހާ އަށް ﷲ ވަނީ ނަރަކަ ޙަރާމް ކުރައްވާފައެވެ" (ތިރުމިޛީ، 427).

ހަމަ މި ގޮތަށް، އަސުރު ނަމާދުގެ ކުރީން ސުންނަތް ހަތަރު ރަކުޢަތް ކުރުމީ މުސްތަޙައްބު (އެދެވިގެން ވާ) ކަމެކެވެ. އެހެނީ މި ހަތަރު ރަކުޢަތް ކުރާ މީހާއަށް ﷲ ރަޙުމަތް ލެއްވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެދިވަޑައިގެންނެވިއެވެ (އަބޫދާއޫދު، 1271). އިތުރު އެކަލޭގެފާނު މި ހަތަރު ރަކުޢަތް ކުރެއްވީ ސަލާން ދެއްވަމުން ކޮންމެ ދެ ރަކުޢަތެއް ވަކީން ކަމަށް ޢަލީގެފާނުގެ އަރިހުން ރިވާ ވެގެން ވެއެވެ (ތިރުމިޛީ، 429).

އަދި ކޮންމެ ބަންގި އަކާއި ޤަމަތަކާ ދެމެދުގައި ސުންނަތް ނަމާދެއް ވާ ކަމަށާއި، އެ މީހަކު ބޭނުން ނަމަ މަޣުރިބު ނަމާދުގެ ބަންގި އަށް ފަހުގައި ޤަމަތް ދިނުމުގެ ކުރީން ސުންނަތް ދެ ރަކުޢަތް ކުރެވިދާނެ ކަމަށް ޙަދީޘްގައި ވެއެވެ (ބުޚާރީ، 624).

ރަވާތިބު ސުންނަތުގެ މަތިވެރިކަން

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ރެއަކާއި ދުވާލު ކުރެވޭ ފަރުޟު ނަމާދުތަކުގެ އިތުރުން، ތަޠައްވުޢުގެ ގޮތުގައި މީހަކު ބާރަ ރަކުޢަތް ކޮށްފި ނަމަ އޭނާ އަށް ޓަކައި ސުވަރުގޭގައި ގެއެއް ބިނާ ކުރެވޭ ހުއްޓެވެ" (މުސްލިމު، 728). އަދި މި ބާރަ ރަކުޢަތް ކުރުމަށް ކެތްތެރި ކަމާ އެކު ގަދަ އަޅައި މަސައްކަތް ކުރާ މީހާ އަށް ޓަކައި ސުވަރުގޭގައި ގެއެއް ބިނާ ކުރެވޭނެ ކަމަށް ޢާއިޝަތުގެފާނުގެ އަރިހުން ރިވާ ވެގެން ވެއެވެ (ތިރުމިޛީ، 414).

ފަތިސް ނަމާދުގެ ކުރީގައި ކުރެވޭ ދެ ރަކުޢަތް ދުނިޔެ އާއި ދުނިޔޭގައި ވާހައި އެއްޗަކަށް ވުރެ ހެޔޮކަން ބޮޑު ކަމަށް އަންގަވާފައި ވެއެވެ (މުސްލިމު، 725). އަދި ސުންނަތް ނަމާދުތަކުގެ ތެރެއިން ފަތިސް ނަމާދުގެ އިހުގައި ކުރެވޭ ދެ ރަކުޢަތަށް ވުރެ ބޮޑަށް އެހެން އެއްވެސް ސުންނަތް ނަމާދަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަމާލުކަން ދެއްވާތީ ފެނިވަޑައި ނުގަންނަވާ ކަމަށާއި، މެންދުރު ނަމާދުގެ ކުރީގައި ކުރެވޭ ސުންނަތް ހަތަރު ރަކުޢަތް ކުރެއްވުން އެކަލޭގެފާނު ދޫކޮށް ނުލައްވާ ކަމަށް ޢާއިޝަތުގެފާނުގެ އަރިހުން ރިވާ ވެގެން ވެއެވެ (ބުޚާރީ، 1169، 1182).

ސުންނަތް ނަމާދު ކުރާނެ ގޮތް:

މިސާލަކަށް ފަތިސް ނަމާދުގެ އިހު ސުންނަތުގެ ދެ ރަކުޢަތް ކުރުމަށް ޓަކައި އެންމެ ފުރަތަމަ ހިތުން ނިޔަތް ގަންނާނީ އެވެ. އެއީ ފަތިސް ނަމާދުގެ އިހުގައި ކުރެވޭ ރަވާތިބު ސުންނަތް ﷲ އަށް ކުރަމޭ ހިތަށް އަރުވައިލުމެވެ. އެއާ އެކު اللَّهُ أَكْبَر ކިޔައި ހަށަން ބަންނާނީއެވެ. އޭގެ ފަހުގައި، ދުޢާއުލް އިސްތިފްތާޙުގެ ގޮތުގައި ވާރިދު ވެގެން ވާ ކޮންމެވެސް ދުޢާ އެއް ކިޔާނީއެވެ. މިސާލަކަށް: سُبحانَكَ اللَّهمَّ وبحَمدِكَ، وتبارَك اسمُكَ، وتعالى جَدُّكَ، ولا إلهَ غيرُكَ (ބުޚާރީ، 743). މި ދުޢާ ކިއިދާނެއެވެ. ދެން ސޫރަތުލް ފާތިޙާ (އަލްޙަމްދު ސޫރަތް) ކިޔަވައި އޭގެ ފަހުން ޤުރުއާނުން ފަސޭހަ މިންވަރެއް ކިޔަވާނީއެވެ. ދެން ރުކޫޢާއި ސަޖިދަ ކޮށް، ފުރަތަމަ ރަކުޢަތެކޭ އެއްގޮތަށް ދެވަނަ ރަކުޢަތް ކޮށް، ފުރަތަމަ އައްތަޙިއްޔާތާއި އިބުރާހީމީ ޞަލަވާތް ކިޔަވައި ސަލާމް ދޭނީއެވެ.

ރަވާތިބު ސުންނަތް ޤަޟާ ކުރުން

މެންދުރު ނަމާދުގެ އިހު ސުންނަތް އެ ވަގުތުގައި ނުކުރެއްވުނު ނަމަ، މެންދުރު ނަމާދަށް ފަހުގައި އެ ހަތަރު ރަކުޢަތް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޤަޟާ ކުރައްވައެވެ (ތިރުމިޛީ، 426). ވުމާ އެކު ފަރުޟު ނަމާދުގެ އިސްފަހުގައި ކުރާ ސުންނަތް ނަމާދެއް ނުކުރެވި ފާއިތު ވެއްޖެ ނަމަ، ފަހުން އެ ނަމާދު ޤަޟާ ކުރުން ހުއްދަކަން މި ޙަދީޘްފުޅުން އެނގެއެވެ.

ރަވާތިބު ސުންނަތާއި އަދި އެހެނިހެން ސުންނަތް ނަމާދުތައް ކުރުމުގެ އެންމެ މަތިވެރި ފައިދާ އަކީ، ޤިޔާމަތް ދުވަހުގައި ޙިސާބު ބެއްލެވޭ ހިނދު، އެ މީހެއްގެ ފަރުޟު ނަމާދުތަކުން އުނިވާ ބައި ފުރިހަމަ ކުރުމަށް ޓަކައި، އޭނާ ކޮށްފައި ވާ ސުންނަތް ނަމާދެއް ވޭތޯ ބެލެވޭނެ ކަމަށް އަންގަވާފައި ވުމެވެ (އިބުނު މާޖާ، 1426). ވީމާ، މި މަތިވެރި ނިޢުމަތް ޙާޞިލު ކުރުމަށް ޓަކައި ނަމާދުގެ އިސްފަހުގައި ކުރެވޭ ރަވާތިބު ސުންނަތުގެ ބާރަ ރަކުޢަތާއި އަދި އެހެނިހެން ސުންނަތް ނަމާދުތައް އަދާ ކުރުން މަތީ ދެމި ތިބެވޭތޯ ބަލަމާ ހިނގާށެވެ!

ގުޅޭ ޓެގު
comment ކޮމެންޓް