އެކަށީގެންވާވަރަށް ނިވައިވުން ކަނޑައަޅާނީ ކާކު؟

މިހާރު ދިވެހިންގެ ސޯޝަލް އެކައުންޓުތަކުން ފަތުއަޑުކިޔާފައި ދައުރުވާ އެއް ވާހަކައަކީ ސްކޫލް ކުދިންގެ ޔުނީފޯމަށް އެޑިއުކޭޝަން މިނިސްޓްރީން ގެންނެވި ބަދަލެއްގެ ސަބަބުން އެ ކަމާ ރުހޭ މީހުންނާއި ނުރުހޭ މީހުން ދައްކާ ވާހަކަތަކެވެ.

އެޑިއުކޭޝަނުން ސްކޫލް ކުދިންގެ ޔުނީފޯމަށް ގެންނެވި ބަދަލަކީ، އިސްލާމީ މުޖުތަމަޢަކަށް ބޭނުންޖެހިފައިވާ ބަދަލެއް ކަމަށް ގިނަ މީހުން ޤަބޫލުކުރާތީ ފެނެއެވެ. ކަމުގެ ރަނގަޅު ވާހަކަ ދައްކާތީ އިވެއެވެ. މިނިސްޓްރީން ގެންނެވި އައު އިޞްލާޙުގައި އޮތް އެއް ކަމަކީ އަންހެން ދަރިވަރުން ލާ ސްކާރޓުގެ ވާހަކައެވެ. ސްކާރޓު ލާ ދަރިވަރުން ހަރުވާޅުލުން މަޖުބޫރުވާ ގޮތަށް ގެންނެވި އިޞްލާޙެވެ.

މި އިޞްލާޙާ ބެހޭ ގޮތުން، ފުންނާބު އުސް ސިޔާސީ ބޭފުޅަކު ވިދާޅުވި ވާހަކައެއް މީޑިއާއަކުން އަޅުގަނޑު ވެސް ދުށީމެވެ. އޭގައި އޮތީ "މިހާރު ވެސް ދަރިވަރުން އެކަށީގެންވާވަރަށް ނިވައިވެފައި ތިބި ކަމަށް" އެބޭފުޅާ ދެކެވަޑައިގަންނަވާ ކަމަށް ލިޔެފައެވެ. އެކަށީގެންވާވަރަކީ ކޮބައިތޯ ބަލައިލުން މިހާ ހިސާބުން މުހިންމު ނުވޭތޯއެވެ؟ އަދި އެކަށީގެންވާވަރަށް ނިވައިވިކަން ކަނޑައަޅާނީ ކާކުތޯ ވެސް ބަލައިލަން ޖެހެއެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި މުސްލިމުންގެ ކަންކަމާމެދު ކީރިތި ޤުރުއާނާއި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ ސުންނަތުގައި ކަނޑައަޅުއްވައިފައިވާ ގޮތްތަކަކީ މުސްލިމުން ބަލައިގަންނަންވީ ގޮތްތަކެވެ. މި ދެ މަސްދަރުގައި ވަކި ގޮތަކަށް ކަނޑައަޅުއްވައިފައި ނުވާ ކޮންމެ ކަމަކާމެދު ޝަރުޢީ ޢީލްމު ލިބިލައްވައިފައި ތިއްބެވި ބޭފުޅުންނަށް މަޝްވަރާކުރެއްވުމުގެ ދޮރު ހުޅުވިފައި އޮންނާނެއެވެ. މި ހަމައިން ބަލާއިރު ބާލިޣުވެފައި ތިބޭ އަންހެނުންނާއި ފިރިހެނުންގެ އައުރަ ނިވައިކުރުމުގެ މިންގަނޑަކީ އިލާހީ ދަރުބާރުގެ ދެ މަސްދަރުން ފުރިހަމަ ގޮތުގައި ކަނޑައަޅުއްވައިދެއްވައިފައި އޮތް މައްސަލައެކެވެ.

އައުރަ ނިވައިކުރުމަށް ﷲ އަންގަވައިފައި ވާ ވުމާ އެކު ދެން އަންގަވަނީ ޝައިޠާނާގެ ބޭނުމަކީ މީހުންގެ އައުރަ ކަޝްފުކުރުވައި އެ މީހުން އޮރިޔާން ކޮށްލުން ކަމުގައެވެ. އަދި އެއީ އަޅުގަނޑުމެންގެ ބައްޕަ އާއި މަންމަ ކަމުގައިވާ އާދަމުގެފާނާއި ހައްވާގެފާނަށް ވެސް އެ ޝައިޠާނާ ދިން އެންމެ ބޮޑު އަނިޔާއާއި ހިތާމަކަން ވެސް އެނގެވިއެވެ.

މާތް ﷲ ވަޙީކުރެއްވި އާޔަތް ބައްލަވާށެވެ! ﴿يَا بَنِي آدَمَ لَا يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُم مِّنَ الْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْآتِهِمَا إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لَا تَرَوْنَهُمْ إِنَّا جَعَلْنَا الشَّيَاطِينَ أَوْلِيَاءَ لِلَّذِينَ لَا يُؤْمِنُونَ﴾ ‎(الأعراف: ٢٧) މާނައީ: "އޭ އާދަމުގެދަރިންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިން ކަމުގައިވި (އާދަމުގެފާނާއި ހައްވާގެފާނާއި) ދެކަނބަލުންގެ އައުރަ އެ ދެކަނބަލުންނަށް ދެއްކުމަށް ޓަކައި، އެ ދެކަނބަލުންގެ ފޭރާން ބާލައި، އެ ދެކަނބަލުން ސުވަރުގެއިން ނެރެލިފަދައިން، ޝައިޠާނާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެ ޝައިޠާނުން ނުފެންނަހިނދުގައި، އެ ޝައިޠާނާއާއި، އޭނާގެ ލަޝްކަރަށް ތިޔަބައިމީހުން ފެނެއެވެ. ހަމަކަށަވަރުން، އީމާންނުވާ މީހުންނަށް، ވާގިވެރިވާ ބަޔަކު ކަމުގައި، ތިމަންރަސްކަލާނގެ ޝައިޠާނުން ލެއްވީމެވެ.

މި އާޔަތުގައި އެ އަންގަވަނީ އައުރަ ކަޝްފުކުރުވައި އެ ދެކަނބަލުންނަށް ދިން ގެއްލުން ފަދައިން، އެ ޝައިޠާނާ އަޅުގަނޑުމެން ފިތުނަވެރިކުރިޔަނުދިނުމަށެވެ. އެ ދެކަނބަލުންގެ މައްޗަށް ކުރިމަތިވި ފިތުނައަކީ އައުރަ ކަޝްފުވުން ކަން އެ އޮތީ އެނގޭށެވެ. އެހެންކަމުން އެ ފިތުނައިން ސަލާމަތް ވެވޭނީ އައުރަ ނިވައިކޮށްގެންނެވެ. މި ކަމާމެދު ބުއްދީގެ ހަމައިން ވިސްނައިފި ކޮންމެ މީހަކަށް އެނގޭނީ ނިވައިކަން ކުޑަވިވަރަކަށް ފިތުނަވެރިކަން ބޮޑުވާނެ ކަމެވެ. އަދި ބޮޑަށް ނިވައިވި ވަރަކަށް ފިތުނަވެރިކަން ކުޑަ ކުރެވޭނެކަމެވެ.

މިހާރަކަށް އައިސް ސްކޫލު ޔުނީފޯމު އަޅާ ބައެއް ކުދިން ލާފައި ހުންނަ ސްކާރޓް ވަރަށް ކުރުކޮށް ހުންނާތީ ވެސް ފެނެއެވެ. އެއްވެސް މިންގަނޑެއް ނެތި އެ ގޮތަށް ދޫކޮށްލާފައި އޮތުމަކީ ދަރިވަރުންގެ ސިފަ އެ ކުދިންގެ ކިބައިން ފިލައިދާވަރަށް ޔުނީފޯމުތަކަށް ބަދަލު އަތުވެދާނެ ކަމެކެވެ. އެހެންވީމާ އެޑިއުކޭޝަން މިނިސްޓަރީން އެގެންނެވި ބަދަލަކީ ދަރިވަރުންނަށް ކޮންމެހެން ބޭނުން ޖެހިފައި އޮތް ހެޔޮ ބަދަލެކެވެ. އެތައް ބެލެނިވެރިންނެއް އިންތިޒާރުކުރަމުން އައި ކަމެކެވެ.

އަޅުގަނޑުމެންގެ ތެރެއިން މީހަކަށް ނުވަތަ ދެ މީހަކަށް ފެންނަ މިންވަރަކީ އެކަށީގެންވާވަރަށް ނިވައިވެވުން ކަމުގައި ޤަބޫލުކުރަން ވެއްޖެއްޔާ މުސްލިމުންގެ މެދުގައި ޙިޔާލުތަފާތުވުން އުފެދި ބައިބައިވުން ފެށިދާނެއެވެ. މުސްލިމުންނަށް އޮތީ ﷲއާއި އެކަލާނގެ ރަސޫލާ ކަމެއްގައި ގޮތެއް ނިންމަވައިފިއްޔާ ކިޔަމަން ވުމެވެ. އެ ކަމަކާމެދު އެހެން ގޮތެއް އޮތްތޯ ބެލުމުގެ އިޚްތިޔާރެއް ވެސް ދެއްވައިފައެއް ނުވެއެވެ. މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. "އަދި ﷲ އާއި، އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފިހިނދު، މުއުމިނު ފިރިހެނަކަށް ވެސް، އަދި މުއުމިނު އަންހެނަކަށް ވެސް، އެއުރެންގެ އެ ކަމުގައި އެއުރެންނަށް އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ. އަދި ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެ މީހަކު ފުރެދިއްޖެކަން ކަށަވަރެވެ." (އަޙްޒާބު: 36)

ކަން މިހެން އޮތްއިރު، މާތް ﷲއާއި އެކަލާނގެ ރަސޫލާގެ ފަރާތުން އައުރަ ނިވައިކުރުމާ ބެހޭ ގޮތުން އަންގަވައިފައި ހުރި ވާހަކަތަކަށް ބެލުމެއް ނެތި އެކަށީގެންވާވަރަށް ނިވައިވެފައި ތިބިކަމަށް ބުނެވޭނީ ފަހެ، ކާކަށް ހެއްޔެވެ؟ އެކަށީގެންވާ ވަރަކީ ﷲ އެންގެވި ވަރެވެ. އެއީ އިންސާނުންގެ ޠަބީޢަތް ދެނެވޮޑިގެން، އެއިލާހުގެ ހުރިހާ ޢިލްމުފުޅަކާ އެކު، ކަނޑައެޅުއްވި މިންވަރެވެ. އެ މިންވަރަށް ވެސް އަޅުގަނޑުމެންނަށް ނިވައިނުވެވިގެން އުޅޭއިރު، އިންސާނުން އެކަށީގެންވާ މިންވަރު ކަނޑައެޅުމަކީ މުސްލިމުންގެތެރޭ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ނިވައިވުމުގައި އެކަށީގެންވާ މިންވަރު ކަނޑައަޅުއްވާނީ އަރަހުށި ހުސްޠާހިރުވަންތަ މާތް ﷲއެވެ.

comment ކޮމެންޓް