މިހާރު ކުރިއަށްދާ 26 ވަނަ ވޮލީބޯޅަ އެސޯސިއޭޝަންގެ އަންހެނުންގެ މުބާރާތުގެ ދެވަނަ މެޗުން ޕޮލިސް ކުލަބް މޮޅުވެއްޖެއެވެ.
ފުވައްމުލައް ސިޓީގައި ކުރިއަށްދާ އެ މުބާރަތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވާދަކުރީ ޕޮލިސް ކުލަބާއި ދަ ފޭދޫ ސްޕޯޓްސްއެވެ.
ފޯރިގަދަ ކުޅުމަކަށްފަހު އެ މެޗު ފުލުހުން ގެންދިޔައީ 3-1 ސެޓުންނެވެ.
ފުރަތަމަ ސެޓުތަކަށް ބަލާއިރު ފުރަތަމަ ސެޓް ފުލުހުން ކާމިޔަބުކުރީ 25-12 އިންނެވެ. ދެވަނަ ސެޓް ދަ ފޭދޫ ސްޕޯޓްސްއިން 22-25 އިން ކާމިޔާބުކުރިއިރު ތިންވަނަ ސެޓް ފުލުހުން ގެންދިޔައީ 25-17 އިންނެވެ. ހަތަރުވަނަ ސެޓަށް ބަލާއިރު އެ ސެޓް ފުލުހުން ކާމިޔާބުކުރީ 25-13 އިންނެވެ.
އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބުގެ ޖާޒީ ނަންބަރު 6 ހައްވާ ރާޝިދާއެވެ.
އެ މުބާރާތުގެ ދެ މެޗު މިރޭވެސް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ފްރެންޑްސް ކްލަބް ފުނާޑާއި ވިލިގިލި ޒުވާނުންގެ ޖަމިއްޔާ ވާދަކުރާއިރު ދެވަނަ މެޗުގައި ވާދަކުރާނީ ފޭދޫ ޔޫތު ކޮމިއުނިޓީއާއި މިސްކިތްމަގު އެންމެންގެ ގުޅުމެވެ.