ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ، އަދި ފާހަގަކުރެވޭ ޚިދުމަތްތަކެއް ކޮށްދީފައިވާ 10 ފަރާތެއްގެ އަގު ވަޒަންކުރުމުގެ ޚާއްސަ އެވޯޑު ދިނުން މިރޭ އޮންނާނެ އެވެ.
ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާ މަޓާޓޯއިން ދޭ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި މިރޭ އޮންނާނީ ޕީޕަލްސް އެޑިޝަނެވެ. މިއީ މަޓާޓޯ އިން ޓްރެވަލް އެވޯޑްސްގެ ދަށުން އަލަށް ބާއްވާ އެޑިޝަނެކެވެ.
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕީޕަލްސް އެޑިޝަން މިރޭ އަދާރަން ސިލެކްޓް ހުދުރަންފުށި ރިސޯޓުގައި ކުރިޔަށްދާ އިރު، ޓޫރިޒަމް ދާއިރާގައި ޚިދުމަތް ކޮށްދީފައިވާ 10 ފަރާތެއް ފާހަގަކޮށް، އެފަރާތަށް "ޓޫރިޒަމް ޕާސަނަލިޓީ އޮފް ދަ އިޔާ" ނުވަތަ ޓޫރިޒަމް ދާއިރާގައި އަހަރުގެ ޝަޚުސިއްޔަތު އެވޯޑު ދޭނެ އެވެ.
މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް މުނާޒު ވިދާޅުވި ގޮތުގައި، ޕީޕަލްސް އެޑިޝަން އެވޯޑްސް ބޭއްވުމުގެ މަގުސަދަކީ ޓޫރިޒަމް ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކޮށްދީ، އަދި އިންޑަސްޓްރީއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ދޭ އެވޯޑެކެވެ.
މިފަދަ އެވޯޑެއް ދޭން ނިންމީ، ޓްރެވަލް އިންޑާސްޓްރީގައި ގައުމީ ފެންވަރުގައި ފާހަގަކުރަން ޖެހޭ ފަދަ ދިވެހީން ތިބުމުންކަމަށް އޭނާ ވިދާޅުވި އެވެ.
"މި އިންޑަސްޓްރީ އަސްލު އިންޑަސްޓްރީއަކަށް ވެފައި މިއޮތީ އެމީހުންގެ ސަބަބުން. އެހެންވެ އެމީހުން ކުރިއަށް ނެރެ އެމީހުންގެ އަގު ވަޒަން ކުރުމުގެ ގޮތުން މި ބާއްވަނީ،" މުނާޒް ވިދާޅުވި އެވެ.
މިރޭގެ ހުދުރަންފުށި ރިސޯޓުގައި ކުރިޔަށްދާ ހަފްލާއަށް ދައުވަތު އެރުވިގެން، ޓޫރިޒަމް ދާއިރާގެ ގިނަ ފަރާތްތަކެއް ބައިވެރިވާނެ އެވެ. މިރޭގެ އެވޯޑު ހަފްލާ ހޯސްޓުކުރާނީ މަޝްހޫރު ޕްރެޒެންޓަރު މޫސާ ވަސީމުގެ އިތުރުން، މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމެވެ.
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕީޕަލްސް އެޑިޝަނަށް ފަހު، ގެސްޓްހައުސް އެޑިޝަނެއް ވެސް މި އަހަރު ބާއްވާނެ އެވެ. އަދި މަޓާޓޯ ޓްރެވަލް ކޮންފަރެންސާއި ޓްރެވަލް އެވޯޑްސްގެ ގާލާވެސް މިއަހަރުގެ ތެރޭގައި އޮންނާނެ އެވެ.
މި އަހަރުގެ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.