އިއްޔެގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ފަސް އިންސައްތަ ދަށްވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އިއްޔެގެ ނިޔަލަށް މި އަހަރު 974،043 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރު އެ އަދަދު އުޅެނީ 1،023،591 ގައެވެ.
އެހެންކަމުން އެއީ މިދިޔަ އަހަރާ އަޅައިބަލާއިރު ފަސް އިންސައްތައިގެ ދަށްވުމެކެވެ.
ފަތުރުވެރިން ރާއްޖެ އައިސްފައިވާ އަދަދުގެ އިތުރުން، ދުވާލެއްގެ މައްޗަށް ފަތުރުވެރިން ރާއްޖެ އަންނަ އަދަދުވެސް ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ދުވާލެއްގެ މައްޗަށް 6،438 ފަތުރުވެރިން ރާއްޖެ އައިއިރު، މިހާރު ދުވާލެއްގެ މައްޗަށް އަންނަނީ 6،126 ފަތުރުވެރިންނެވެ.
ރާއްޖެއަށް ފަތުރުވެރިން ގިނައިން އަންނަ ގައުމުތަކަށް ބަލައިލާއިރު، ލިސްޓުގެ ކުރީގައި އަދިވެސް އުޅެނީ ޗައިނާއެވެ. ދެވަނައިގައި ރަޝިއާ އޮތް އިރު، ތިންވަނައިގައި އޮތީ ޔޫކޭއެވެ. ލިސްޓަށް މާ ބޮޑު ބަދަލެއް ނައި ނަމަވެސް، އޮސްޓްރޭލިއާއިން ރާއްޖެ އަންނަ ފަތުރުވެރިން ވަނީ އިތުރުވެފައެވެ. އޮސްޓްރޭލިއާއިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެފައިވާއިރު، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން ވަނީ، އޮސްޓްރޭލިއާއަށް ދަތުރުތައް ވެސް ފަށައިފައެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެފައިވާއިރު، އަވައްޓެރި ސްރީލަންކާއަށް އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެ ގައުމުގެ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެސްއެލްޓީޑީއޭ) އިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މެއި މަހު އެ ގައުމަށް 145،745 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
އެއީ މިހާތަނަށް މެއި މަހެއްގައި އެ ގައުމަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ފަހަރެވެ.
މި އަހަރުގެ މެއި މަހު ސްރީލަންކާއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެގޮތުން އިންޑިއާއިން 60،342 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ 42 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 9،248 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. މީގެ އިތުރުން ޗައިނާއިން 9،156 ފަތުރުވެރިން، ޖަރުމަނުވިލާތުން 6،734 ފަތުރުވެރިން އަދި އޮސްޓްރޭލިއާއިން 6،414 ފަތުރުވެރިން ވަނީ ސްރީލަންކާއަށް ޒިޔާރަތްކޮށްފައެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދަތުރުފަތުރުގެ އަގުތައް އުފުލިފައިވީ ނަމަވެސް، އޭޝިއާ އަދި ޔޫރަޕްގެ މާކެޓުތަކުން ސްރީލަންކާއަށް އޮންނަ ތަރުހީބު ދަނީ އިތުރުވަމުންނެވެ.
ސްރީލަންކާއާ ޚިލާފަށް ރާއްޖެއަކީ ވަރަށް މަތީ ފެންވަރުގެ ފަތުރުވެރިކަމެއް އޮންނަ ގައުމަކަށް ވާތީ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިން ރާއްޖެ އަންނަ އަދަދު ވަނީ ވަރަށް ބޮޑަށް ދަށް ވެފައެވެ. ނަމަވެސް މި ފަހުން ބައެއް ހަފުތާތަކުގައި އަދަދުތައް ދަނީ އިތުރުވަމުންނެވެ. ރާއްޖެއަށް ފަތުރުވެރިން ގެނެވޭ މިންވަރު ދަށްވާ މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ އެއާޕޯޓްތައް ބަންދު ވުމެވެ.