ޗެލްސީއާ މެންޔޫއަށް ނޫނެކޭބުނެ، ހަމޭސް ރޮޑްރިގޭޒް ބަޔާންއާ ގުޅިއްޖެ

ރެއާލް މެޑްރިޑްގެ ކޮލަމްބިއާ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް ވަނީ ދެ އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކާ ގުޅިފައި -- ފޮޓޯ: ގެޓީ

ރެއާލް މެޑްރިޑްގެ ތަރި ހަމޭސް ރޮޑްރިގޭޒް، ދެ އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކާ ގުޅިއްޖެއެވެ.

އުމުރުން 25 އަހަރުގެ ކޮލަމްބިއާ މިޑްފީލްޑަރު ރެއާލް ދޫކޮށް ދިއުމުގެ އަޑުތައް ފެތުރިގެން ދިއުމާއެކު އޭނާ ހޯދުމަށް އެންމެ ގަދައަށް މަސައްކަތްކުރީ އިނގިރޭސި ލީގު ޗެމްޕިއަން ޗެލްސީއާއި ޕްރިމިއަރ ލީގު ކްލަބު މެންޗެސްޓާ ޔުނައިޓެޑުންނެވެ.

އެހެންނަމަވެސް ބަޔާން މިއުނިކުން ވަނީ، 2019 ވަނަ އަހަރާ ހަމައަށް އެ ކްލަބަށް ހަމޭސް ގެނެސްފައެވެ. އަދި އެއްބަސްވުމުގައި ވާގޮތުން ދެ އަހަރު ދުވަހުގެ ފަހުން، ބަޔާނުން ބޭނުން ނަމަ، ދާއިމީ ގޮތެއްގައި އެ ކްލަބަށް ހަމޭސް ރޮޑްރީގޭޒްގެ ސޮއި ހޯދުމުގެ ފުރުސަތުވެސް އެ ކްލަބަށް ލިބިދެއެވެ.

"އަހަރެމެން ވަރަށް އުފާކުރަން މި ޓްރާންސްފަރ ހަމަޖެހުމުން. ހަމޭސް ރޮޑްރިގޭޒް ފަދަ ކަމަށް ގާބިލް ކުޅުންތެރިއަކު ގެނައުމަކީ ހަމޭސްއާ އެކު ރެއާލްގައި މީގެ ކުރީން މަސައްކަތް ކޮށްފައިވާ މި ކްލަބުގެ ކޯޗު ކާލޮސް އެންޗެލޮޓީގެ ވަރަށް ބޮޑު އެދުމެއް،" ބަޔާން މިއުނިކްގެ ބަޔާނެއްގައި ވެއެވެ.

"ހަމޭސްއަކީ ގިނަ މަގާމުތަކަކަށް ބޭނުން ކުރެވިދާނެ ކުޅުންތެރިއެއް. އޭނާއަކީ ނުރައްކާތެރި، ފުރުސަތުތައް ތަނަވަސްކޮށްދޭ އަދި ޝޫޓްކުރަންވެސް މޮޅު ކުޅުންތެރިއެއް."

ބަޔާނުން ބުނީ، ހަމޭސްގެ ޓްރާންސްފަރއާއެކު އެ ކްލަބުގެ ފެންވަރު އިތުރަށް ވަރުގަދަވެގެން ދާނެކަމާމެދު ޝައްކު ނުކުރާ ކަމަށެވެ.

comment ކޮމެންޓް