ޔުނައިޓެޑްގައި 13 އަހަރު ހޭދަކުރުމަށްފަހު، ރޫނީ އެނބުރި އެވަޓަނަށް

މެންޗެސްޓާ ޔުނައިޓެޑްގެ ތާރީހުގައި އެކްލަބަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ ވޭން ރޫނީ: ރޫނީ ވަނީ އޭނާގެ ފުޓްބޯޅަ ކެރިޔަރު ފެށި އެވަޓަންއާ ގުޅިފައި --- ފޮޓޯ/ އޭޕީ

މެންޗެސްޓާ ޔުނައިޓެޑްގައި 13 އަހަރު ހޭދަކުރުމަށްފަހު، އިނގިރޭސި ފޯވަޑް ވޭން ރޫނީގެ ފުޓްބޯޅަ ކެރިޔަރު ފެށި އެވަޓަންއާ އަލުން އޭނާ ގުޅިއްޖެއެވެ.

ޔުނައިޓެޑާއި އެވަޓަންއާ މަޝްވަރާ ކުރެވުމަށްފަހު، މިހާރު ރޫނީ އެވަޓަންއާ ގުޅުމުގެ ހުރިހާ ކަމެއް ވަނީ ނިމިފައެވެ. އެވަޓަންއާ ރޫނީ ގުޅުނުއިރު، 75 މިލިއަން ޕައުންޑަށް އެ ކްލަބުގެ ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ ޔުނައިޓެޑަށް ވިއްކާލުމުގެ އެންމެ ފަހުގެ މަރުހަލާތައް ވެސް ދަނީ ކުރިއަށެވެ.

ކުރިން އެވަޓަނަށް ކުޅުމަށްފަހު 2004 ވަނަ އަހަރު ޔުނައިޓެޑާ ރޫނީ ގުޅުނީ 25.6 މިލިއަން ޕައުންޑްގެ އަގަކަށެވެ. އުމުރުން 24 އަހަރުގެ ލުކާކޫގެ މަގާމު ފުރުމަށް އުމުރުން 31 އަހަރުގެ ރޫނީ އެވަޓަންއާ ގުޅުނީ ދިހަ މިލިއަން ޕައުންޑްގެ އަގަކަށް ކަމަށް ހަބަރުތައް ބުނަމުންދެއެވެ.

މިދިޔަ ސީޒަނުގައި ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޓީމުން ރޫނީއަށް ފުރުސަތު ލިބިފައިވަނީ މަދު މެޗެއްގައެވެ. އެކަމުގެ ސަބަބުން އޭނާ އަށް ވަނީ އިނގިރޭސި ގައުމީ ޓީމުން ވެސް ފުރުސަތު ގެއްލިފައެވެ. ރޫނީއަކީ ޔުނައިޓެޑް އަދި އިނގިރޭސި ގައުމީ ޓީމަށް ވެސް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއެވެ.

comment ކޮމެންޓް