އެވަޓަންގެ މެޑިކަލްގައި ރޫނީ ބައިވެރިވެއްޖެ

މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ފޯވަޑް ވޭން ރޫނީ: އޭނާ ވަނީ އެވަޓަންގެ މެޑިކަލްގައި ބައިވެރިވެފައި --- ފޮޓޯ/ އޭޕީ

މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީ އޭނާގެ ފުރަތަމަ ކްލަބު ކަމަށްވާ އެވަޓަންއާ އެކު މެޑިކަލްގައި ބައިވެރިވެއްޖެ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ތާރީހުގައި އެންމެ ގިނަ ލަނޑުޖެހި ރޫނީ، އެވަޓަންއާ ގުޅެން ތައްޔާރުވަމުންދަނީ އޭނާ އެ ކްލަބުން ވަކިވެ ޔުނައިޓެޑާ ގުޅުނުތާ 13 އަހަރުވާން ގާތް ވެފައި ވަނިކޮށެވެ.

އެވަޓަންގެ މެޑިކަލްގައި އުމުރުން 31 އަހަރުގެ ފޯވަޑް ރޫނީ ބައިވެރިވެފައިވާ އިރު، މިދިޔަ ސީޒަނުގައި ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޓީމުން ރޫނީއަށް ފުރުސަތު ލިބިފައިވަނީ މަދު މެޗެއްގަ އެވެ. އެކަމުގެ ސަބަބުން އޭނާ އަށް ވަނީ އިނގިރޭސި ގައުމީ ޓީމުން ވެސް ފުރުސަތު ގެއްލިފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ފޯވަޑް ވޭން ރޫނީ، އެވަޓަންގެ މެޑިކަލްގައި ބައިވެރިވުމާ އެކު ސަޕޯޓަރުން އޭނާއަށް މަރުހަބާ ކިޔަނީ --- ފޮޓޯ/ ސެލެބްޓީވީ

މެޑިކަލަށްފަހު ރޫނީގެ ކެރިޔަރު ފެށި އެވަޓަންގެ ސަޕޯޓަރުންގެ ފަރާތުން އޭނާއަށް ހޫނު މަރުހަބާއެއް ލިބިގެންދިޔައެވެ. ރޫނީގެ މެޑިކަލް ކުރިއަށްދިޔައީ އެވަޓަންގެ ޓްރޭނިން ދަނޑުގަ އެވެ. އެވަޓަންއާ ރޫނީ ގުޅެން ތައްޔާރުވެފައިވާއިރު، އެވަޓަނުން ވަނީ އެ ކްލަބުގެ ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ ޔުނައިޓެޑަށް ވިއްކާލުމަށް އެއްބަސްވެފަ އެވެ.

އެވަޓަންގެ ޔޫތު ސްކޮޑުތަކުގައި ކުޅުމަށް ފަހު އެ ކްލަބުގެ ސީނިއާ ޓީމުން އޭނާއަށް ފުރަތަމަ ފުރުސަތު ލިބިގެންދިޔައީ 2002 ވަނަ އަހަރެވެ. ޔުނައިޓެޑާ އޭނާ ގުޅުނީ 2004 ވަނަ އަހަރުގެ އޮގަސްޓް މަހު 27 މިލިއަން ޕައުންޑްގެ އަގަކަށެވެ.

comment ކޮމެންޓް