ކާޑާ ނުލައި ފައިސާ ޖަމާ ކުރެވޭ އޭޓީއެމްއެއް އެސްބީއައި އިން ތައާރަފުކޮށްފި

އެސްބީއައިގައި އަލަށް ހުޅުވި ދެއޭޓީއެމް މެޝިން ބެހެއްޓިފައިހުރި ތަން --- ސަންފޮޓޯ: މުހައްމަދު އަފްރާހް

ޑެބިޓް ކާޑް ބޭނުން ނުކޮށް ފައިސާ ޖަމާކުރެވޭ އޮޓަމޭޓް ޓެލީ މެޝިން (އޭޓީއެމް)ގެ ދެ މެޝީން ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން މިއަދު މާލޭގައި ތައާރަފުކޮށްފި އެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުންނަ މައި އިމާރާތް، ހެންވޭރު ސަންލީޓްގައި ކުރިޔަށް ދިޔަ އެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް އެވެ.

އެސްބީއައިގައި އައު ދެ އޭޓީއެމްގެ ހިދުމަތް ތައާރަފް ކުރުމުގެ ހަފްލާގެ ތެރެއިން --- ސަންފޮޓޯ: މުހައްމަދު އަފްރާހް

ކޭޝްކާޑުގެ ބޭނުންނުކޮށް ދިވެހި ފައިސާ ޖަމާކުރެވޭ އޭޓީއެމް މެޝިނަކާއި އަދި ޔޫއެސް ޑޮލަރު ނެގޭ ދެ އޭޓީއެމްގެ ހިދުމަތް މިއަދުން ފެށިގެން ލިބެން ހުންނާނެ ކަމަށް އެ ބޭންކުން ބުންޏެވެ. އަދި ޑޮލަރު އޭޓީއެމުން އެ ބޭންކުގެ ކަސްޓަމަރުންނަށް ދުވާލެއްގެ މައްޗަށް 1000 ޑޮލަރުގެ އަދަދު ނެގޭ އިރު، ޑޮލަރު ލިބޭނީ 20ގެ އަދި 100ގެ ނޫޓުންނެވެ. ދިވެހި ރުފިޔާ ޖަމާކުރެވޭ އޭޓީއެމުން ޖަމާކޮށް ހެދޭނީ 100 އަދި 500 ނޫޓުން އެކަންޏެވެ.

އެސްބީއައިގައި މިއަދު ކުރިޔަށްދިޔަ ހަފްލާގެ ތެރެއިން --- ސަންފޮޓޯ: މުހައްމަދު އަފްރާހް

ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި ގޮތުގައި މިއީ އެ ބޭންކުން ފަހުގެ އަދި ފަސޭހަ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް ގިނަ ވަގުތުތަކެއް ހޭދަކުރަން ނުޖެހި ފައިސާ ނެގޭނެ ނިޒާމެކެވެ. އަދި މީގެ އިތުރުން އެ ބޭންކުން ވިސްނާނީ ބަދަލުވަމުން އަންނަ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އައު އަދި ފަސޭހަ އިތުރު ހިދުމަތްތަކެއް ތައާރަފް ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން އެ ބޭންކުން ކައިރި މުސްތަގްބަލެއްގައި ހުޅުމާލޭގައި ވެސް އެ ބޭންކުގެ ގޮތްޕެއް ހުޅުވާނެ ކަމަށާއި އަދި އެބޭންކުގެ ގިނަ މަސައްކަތްތަކެއް ކުރިޔަށްދާނީ އޮޓޮމޭޓެޑްކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް