މާލީ ހާލަތު ރަނގަޅު، ނަމަވެސް ގޮންޖެހުންތަކެއް އެބަހުރި: އެމްއެމްއޭ

މަރުކަޒީ ބެންކް، އެމްއެމްއޭ-- ފޮޓޯ: އެމްއެމްއޭ

ދައުލަތުގެ މާލީ ހާލަތު ފެންނަން އޮތީ ރަނގަޅަށް ކަމަށާއި ނަމަވެސް އަދިވެސް ގޮންޖެހުންތަކެއް އެބަހުރިކަމަށް އެމްއެމްއޭއިން އިއްޔެ ބުނެފިއެވެ.

އިއްޔެ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރާއި އިތުރު ބައެއް ބޭފުޅުންވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އެ ކޮމިޓީގައި ވާހަކަދައްކަވަމުން އެމްއެމްއޭއިން ބުނީ ދައުލަތުގެ ޚަރަދުތަކަށް ބަލާނަމަ، މިހާރު ވަރަށް ބޮޑަށް ކެޕިޓަލް ޚަރަދުތައް ދަށްވެފައިވާ ކަމަށެވެ.

ނަމަވެސް އެ ޚަރަދުތައް ކުރިއަށް އޮތް ތަނުގައި އިތުރުކުރާނަމަ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ އެ ކަމަށް ފައިސާ ހޯދަން ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތުން، ކެޕިޓަލް އެކްސްޕެންޑިޗާ ވެސް އަދި ދެން ހުރި އެކްސްޕެންޑިޗާތައް ކުރިއަށް ގެންދިއުމަށް ހުންނާނެ އެންމެ ބޮޑު ޗެލެންޖަކަށް ވާނީ ފައިނޭންސިން ރެއިޒްކުރުމުގައި ހުރި ޗެލެންޖުތައް،" އޭނާ ވިދާޅުވިއެވެ.

ޔޫޒަބަލް ރިޒާވް މި މަސް ނިމޭއިރު ވެސް ހުންނާނެ ކަމަށް ލަފާކުރެވެނީ 100 މިލިއަން ޑޮލަރުން މަތީގައި ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބުނީ މި ވަގުތު ފެންނަ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭރު ފައިސާގެ ސެކިއުރިޓީ ދެމެހެއްޓުމުގައި ހުރި ގޮންޖެހުންތައް ކަމަށެވެ.

ނަމަވެސް ރާއްޖެއަށް ޑޮލަރު އިތުރުވަމުން އަންނަ މަގުތައް ވަރަށް ބޮޑަށް ފަހިވެ ރަނގަޅުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ވަނީ ފައިސާ ޗާޕުކުރުން ހުއްޓައިލައިފައެވެ. އެއާއެކު ދިވެހި ރުފިޔާގެ އަގު މަތިވެ، ޑޮލަރުގެ އަގު ކޮންމެވެސް މިންވަރަކަށް ވަނީ ދަށްވެފައެވެ.

comment ކޮމެންޓް