ރޮނާލްޑޯ އިންސްޓަގްރާމަށް ދޫކޮށްލާ ކޮންމެ ޕޯސްޓަކަށް 310,000 ޕައުންޑް

އިންސްޓަގްރާމްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުރާ ކޮންމެ ޕޯސްޓަކަށް 310,000 ޕައުންޑު ލިބޭ -- ފޮޓޯ: އިންސްޓަގްރާމް

ސޯޝަލް މީޑިއާގެ ތަފާތު ވަސީލަތްތަކަކީ އިސްތިހާރުކުރުމުގެ ދުނިޔޭގައި މިއަދު އެންމެ ބާރުގަދަ ވަސީލަތެވެ. އިންސްޓަގްރާމް ފަދަ އެޕް ތަކަކީ ހަމައެކަނި ފޮޓޯއާއި ވީޑިއޯ ޝެއާކުރާ އެޕްތަކެއްކަމަށް ހީކުރުމަކީ މުޅިން ކުށްހީއެކެވެ.

އަލަށް ޝާއިއުކުރި ރިޕޯޓެއްގައި، މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އިންސްޓަގްރާމަށް ދޫކޮށްލާ ކޮންމެ ސްޕޮންސަރޑް ޕޯސްޓަކަށް 310,000 ޕައުންޑް ލިބޭކަން ހާމަކޮށްފައި އޮތުމުން މިކަން ވަަރަށް ރަނގަޅަށް އެނގެއެވެ.

އިންސްޓަގްރާމް ޝެޑިއުލަރެއް ކަމަށްވާ ހޮޕަރ އިން ކުރި ދިރާސާއެއްގައި ހާމަކޮށްފައިވާ ގޮތުގައި، ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަކީ އިންސްޓަގްރާމްގައި ތިން ވަނައަށް އެންމެ ނުފޫޒުގަދަ ފަރާތެވެ. އިންސްޓަގްރާމްގައި ރޮނާލްޑޯ އެހާ ހަރަކާތްތެރިކަން ބޮޑީވެސް މި ސަބަބާހުރެ ކަމަށް ވެދާނެއެވެ.

އިންސްޓަގްރާމްގައި ސެލީނާ ގޮމޭޒް ކުރާ ކޮންމެ ޕޯސްޓަކަށް 425,000 ޕައުންޑު ލިބޭ -- ފޮޓޯ: އިންސްޓަގްރާމް

އިންސްޓަގްރާމުން އާމްދަނީ ލިބޭ އެންމެ ގަދަ 10 މީހުންގެ ތެރޭގައި ރޮނާލްޑޯ ހިމެނޭއިރު އެ ލިސްޓުގެ އެއްވަނައިގައި އޮތީ، މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒެވެ. އަދި ދެވަނައިގައި އޮތީ އެމެރިކާގެ ރިއަލިޓީ ޓީވީ ތަރި ކިމް ކަރޑޭޝިއަން އެވެ.

ބެލޮންޑޯ އެވޯޑް ހަތަރު ފަހަރަށް ހޯދާފައިވާ ރޮނާލްޑޯއަށް އިންސްޓަގްރާމްގައި ފޮލޯކުރާ އާބާދީ 106 މިލިއަނަށް އަރާއިރު، ޓޮޕް-10 ލިސްޓުގައި ހިމެނޭ ދެ ކުޅިވަރު އެތުލީޓުންގެ ތެރެއިން އެކަކީ ރޮނާލްޑޯއެވެ. އަނެއް އެތުލީޓަކީ އެ ލިސްޓުގެ 10 ވަނައިގައިވާ، ބާސްކެޓްބޯލް ކުޅުންތެރިޔާ ލެބްރޮމް ޖޭމްސްއެވެ. އޭނާއަށް ފޮލޯކުރާ މީހުންގެ އަދަދު 30.7 މިލިއަނަށް އަރާއިރު، އޭނާކުރާ ކޮންމެ ޕޯސްޓަކަށް 93,000 ޕައުންޑު ޖެހޭކަމަށް ރިޕޯޓުގައި ވެއެވެ.

އިންސްޓަގްރާމްގައި ކިމް ކަރޑޭޝިއަންގެ ކުރާ ކޮންމެ ޕޯސްޓަކަށް 387,000 ޕައުންޑު ލިބޭ -- ފޮޓޯ: އިންސްޓަގްރާމް

ލިސްޓުގައި ހިމެނޭ ހަމައެކަނި ފިރިހެން ދެ ސެލެބްރިޓީންނަކީވެސް ރޮނާލްޑޯއާއި ޖޭމްސްއެވެ.

އިންސްޓަގްރާމްގައި އެންމެ ގިނަ ބަޔަކު ފޮލޯކުރާ ސެލީނާ ގޮމޭޒްގެ ފޮލޮވަރުންގެ އަދަދު 122 މިލިއަނަށް އަރާއިރު، އޭނާ ކުރާ ކޮންމެ ޕޯސްޓަކަށް 425,000 ޕައުންޑު ލިބޭކަމަށް ވެއެވެ.

އަދި ކިމް ކަރޑޭޝިއަންގެ 100 މިލިއަން އިންސްޓަގްރާމް ފޮލޮވަރުން ތިބޭއިރު، އޭނާ ދޫކޮށްލާ ކޮންމެ ޕޯސްޓަކަށް 387,000 ޕައުންޑު ލިބެއެވެ.

އިންސްޓަގްރާމްގައި ރޮނާލްޑޯ ޕްރޮމޯޓްކުރާ ބްރޭންޑްތަކުގެ ތެރޭގައި އިޖިޕްޝަން ސްޓީލް، ހާބަލް ލައިފް ނިއުޓްރިޝަން، އަދި އަންނައުނުގެ ބައެއް ބާވަތްތައް ހިމެނެއެވެ.

comment ކޮމެންޓް