ކަނޑިންމަ ރިސޯޓަށް މުދާހިފައިގެން ދިޔަ ދޯންޏެއް ބޮލިފުށީ ފަރަށް އަރައިފި

ދ. ކަނޑިންމަ ރިސޯޓަށް މުދާ ހިފައިގެން ދިޔަ ޓްރާންސްޕޯޓަރ-1 ކިޔާ 85 ފޫޓުގެ ދޯނި ކ. ބޮލިފުށި ފަރަށް އަރާފައި -- ފޮޓޯ: އެމްއެންޑީއެފް

މާލެއިން ފުރައިގެން ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް މާލެ އަތޮޅު ބޮލިފުށި ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފް އިންފޯމޭޝަން އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، "ޓްރާންސްޕޯޓަރ 1" ނަމަކަށް ކިޔާ 89 ފޫޓުގެ އެ ދޯނި، ބޮލިފުށީ ފަރަށް އެރިކަމުގެ ޚަބަރު، އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައި ވަނީ ރޭ ފަތިހު ގާތްގަނޑަކަށް 05:17 އެހާކަން ހާއިރު ކަމަށާއި ޚަބަރު ލިބުމާ އެކު ކޯސްޓްގާޑްގެ ލޯންޗެއް، ޑައިވަރުންނާ އެކު ދޯނި އޮތް ސަރަޙައްދަށް ފޮނުވި ކަމަށެވެ.

ކެޕްޓަން އާޒިމް ވިދާޅުވީ، ހާދިސާ ހިނގި އިރު އެ ދޯނީގައި ތިބީ ފަސް ދިވެހީން ކަމަށާއި އެއިން އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ.

"މި ހާދިސާގައި ފަރަށް އަރާފައި ވަނީ ދ. ކަނޑިންމަ ރިސޯޓަށް މުދާ ގެންދިއުމަށް ދަތުރުކުރި އުޅަނދެއް. ދޯނީގައި މައިގަނޑުގޮތެއްގައި ހުރީ، ރިސޯޓް ސަޕްލައިއަށް ބޭނުންވާ މުދާ،" އާޒިމް ވިދާޅުވި އެވެ.

ކެޕްޓަން އާޒިމް ވިދާޅުވީ ޓްރާންސްޕޯޓަރ-1 ފުން ކުރުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ސިފައިންނާއި ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަަމަށެވެ.

ދޯނީގެ ވެރިފަރާތާ ގުޅިގެން އެ ދޯނީގައި ހުރި މުދާ އެހެން ދޯންޏަކަށް ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް