އާޖެންޓީނާގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑިއޭގޯ މަރަޑޯނާއާ އިންޓަވިއުއެއް ކުރަމުން ދިޔަ ރަޝިއާގެ އަންހެން ނޫސްވެރިއަކު ބަރަހަނާކުރި ކަމަށް ބުނެ މަރަޑޯނާގެ މައްޗަށް ދައުވާކޮށްފިއެވެ.
އުމުރުން 56 އަހަރުގެ ފުޓްބޯޅަ ލެޖެންޑު ވަނީ، އެކަޓެރީނާ ނަޑޮލްސްކަޔާ ނަމަކަށް ކިޔާ އުމުރުން 30 އަހަރުގެ ނޫސްވެރިޔާ ހަދަނީ ދޮގުކަމަށް ބުނެ އެ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އަދި އެ ނޫސްވެރިޔާ، އޭނާއާ އިންޓަވިއުކުރުމަށް ހޮޓަލަށް ގޮސް، އެތަނުގައި އަމިއްލައަށް ބަރަހަނާވާން ފެށުމުން ހޮޓަލުގެ ސެކިއުރިޓީއަށް އަންގައިގެން އޭނާ އެތަނުން ބޭރުކުރިވީ ކަމަށް ވެސް މަރަޑޯނާ ބުންޏެވެ.
އާދީއްތަ ދުވަހު ރަޝީއާގައި ނިމިގެން ދިޔަ ފީފާ ކޮންފެޑެރޭޝަންސް ކަޕް ކަވަރުކުރުމުގައި ހަރަކާތްތެރިވި އެކަޓެރީނާ ބުނީ، މަރަޑޯނާއާ އިންޓަވިއުކުރުމަށް އޭނާ އެ ހޮޓަލަށް ދިޔަ ކަމަށާއި އަދި މަރަޑޯނާއާ ދިމާވީ ހޮޓަލުގެ ލޮބީއިން ކަމަށެވެ.
"އަހަރެން އޭނަގެ އިންޓަވިއުއަކަށް އެދުނީ. ދެން އޭނާ ބުނީ ތިމަންނަގެ ރޫމަށް ހިނގާށޭ،" އެކަޓެރީނާ ބުންޏެވެ.

ރަޝިއާގެ ކުޅިވަރު ޖާނަލިސްޓެއް ކަމަށްވާ، އެކަޓެރީނާ ނަޑޮލްސްކަޔާ -- ފޮޓޯ: ސީޓަސްނިއުސް
ރަޝިއާގެ އިންވެސްޓިގޭޓިވް ކޮމިޓީއަށް އެކަޓެރިނާ ހުށަހަޅާފައިވާ ޝަކުވާގައި ވަނީ، އޭނާގެ އަންހެން ރަހްމަތްތެރިއަކާ އެކު އެ ހޮޓެލްގައި އުޅެނިކޮށް މަރަޑޯނާއާ ދިމާވިކަމަށާއި އަދި އިންޓަވިއު ހަމަޖެހުމުން އެ ރަހްމަތްތެރިޔާ ދިޔައީ ކަމަށެވެ.
"މަރަޑޯނާ ކޮޓަރީގެ ދޮރުލެއްޕީ، އަދި ފުރަތަމަ އަހަރެންގެ ސުވާލުތަކަށް ޖަވާބު ދެމުން ގެންދިޔަ. އެއަށް ފަހު އަހަންނަށް ޖިންސީ ފުރައްސާރަކުރާން ފެށީ،" އޭނާ ބުންޏެވެ.
"އަހަރެން ބަރަހަނާކުރުމުން ފުލުހުންނަށް ގުޅާނެ ކަމަށް ބުނެ އޭނާއަށް އިންޒާރު ދިނިން. ދެން އޭނާ ހެދިގޮތަކީ އެތަނުގެ ސެކިއުރިޓީންނަށް ގޮވާފައި ގެނެސް އަހަރެން ބޭރުކުރީ.
"ސެކިއުރިޓީންގެ ތިން މީހަކު އަހަރެން އުފުލާލައިގެން ކޮޓަރީން ބޭރަށް ނެރެ، ހޮޓަލުގެ ކޮރިޑޯގައި ބެހެއްޓީ. އަހަރެންގެ ފޯނާއި އެހެނިހެން ސާމާނު ވެސް ހުރީ އެ ކޮޓަރިތެރޭގައި. އޭގެ ތިން ގަޑިއިރު ފަހުން އަހަންނަށް އެ ތަކެތި ލިބުނީ."
ރަޝިއާގެ އަންހެން ނޫސްވެރިޔާ ބުނީ، އޭނާގެ އަންނައުނު ލިބުމުގެ ކުރީން، ފަސްތަރީގެ އެ ހޮޓަލުގެ ލޮބީގައި ބަރަހަނާ ހާލުގައި ތިން ގަޑިއެއްހާއިރު ވަންދެން ހުރުމަށް އޭނާއަށް މަޖުބޫރުވި ކަމަށާއި، އެތަނުގެ މުވައްޒަފުން އޭނާ ގަދަކަމުން އެތަނުން ބޭރުކުރާން އުޅުމުން ފުލުހުންނާ އެކު ނޫނީ ނުދާނޭ ކަމަށްބުނެ އެތާ މަޑުކުރީ ކަމަށެވެ. އަދި މަރަޑޯނާގެ އެހީތެރީން އެވަގުތު އޭނާގެ މޫނުމައްޗަށް 500 ޑޮލަރު އެއްލާފައި އެތަނުން ނުކުތުމަށް އެދުނުކަމަށެވެ.

އެކަޓެރީނާ ނަޑޮލްސްކަޔާ ވަނީ އިންޓަވިއުގެ ތެރޭގައި މަރަޑޯނާ އޭނާ ބަރަހަނާކުރަން މަސައްކަތްކުރިކަމަށް ބުނެ މައްސަލަ ހުށަހަޅަފައި-- ފޮޓޯ: ދަސަން
ރިޕޯޓުކުރިތާ އެތަކެއް އިރެއް ފަހުން ފުލުހުން އައިސް އޭނާ ގެންދިޔަ ނަމަވެސް އެ ހޮޓަލުގެ ފަރާތުން ވެސް އެއްވެސް މީހަކު އެންމެ ކުޑަމިނުން މާފަށް ވެސް އެދިފައި ނުވާ ކަމަށް އެ ނޫސްވެރިޔާ ބުނެފައިވެ އެވެ.
އޭނާ އިތުރަށް ބުނީ، މަރަޑޯނާ ފަދަ މީހަކު އެގޮތަށް އަމަލުކޮށްފާނޭ ކަމަށް ދުވަހަކު ވެސް ހީނުކުރާ ކަމަށާއި، އޭނާގެ އަމަލުތައް ހޮޓަލުގެ ސީސީޓީވީ ފުޓޭޖުން ފެންނަން ހުންނާނޭ ކަމަށެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި އެއް ދުވަސްވަރެއްގައި ފެނުނު މަރަޑޯނާއާ ގުޅޭގޮތުން ނޫސްވެރިޔާ ދެއްކި ވާހަކަތަކަށް ރައްދުދީ، މަރަޑޯނާގެ ގާތް މަސްދަރުތަކުން ބުނެފައި ވަނީ، އެ ނޫސްވެރިޔާގެ އަމަލުތައް ހުރި ގޮތުން މަރަޑޯނާ ހިތްހަމަ ނުޖެހިގެން އެތަނުން ނޫސްވެރިޔާ ނުކުތުމަށް އޭނާ އެންގީ ކަމަށެވެ.
ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު މަރަޑޯނާގެ މައްޗަށް ކޮށްފައި މިވަނީ، އޭނާގެ މި ދަތުރުގައި ރަޝިއާގެ ޕާސްޕޯޓް ހޯދުމަށް އެގައުމުގެ ރައީސް ވްލަޑްމިއާ ޕޫޓިން އަރިހުގައި އެދޭނޭ ކަމަށް އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ.