މައުމޫނު ނަޝީދާ އެކު މަސައްކަތްކުރެއްވުމުން ގައުމު ވެއްޓޭނީ ކުރިންވެސް ވެއްޓުނު ވަޅުގަނޑަށް: އުމަރު

އުމަރު ނަސީރު (މ) އަދި ރައީސް މައުމޫނު (ވ): އުމަރު ގަބޫލުކުރައްވާ ގޮތުގައި މައުމޫނު އަދި ގާސިމް އިބްރާހީމް އެމްޑީޕީއާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމުން ގައުމަށް ވާނެ އެއްވެސް ފައިދާއެއް ނެތް --- ސަން ފައިލް ފޮޓޯ

މި ވަގުތު ގައުމަށް އެންމެ ފައިދާ ބޮޑީ ރައީސް ނަޝީދާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވުން ކަމަށް ރައީސް މައުމޫނު އިއްޔެރޭ ކުނޫޒުގައި އޮތް ޖަލްސާގައި ވިދާޅުވުމާ ގުޅިގެން އެކަމަށް ފާޑުވިދާޅުވެ މި ސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވާހަކަފުޅުދައްކަވައިފި އެވެ.

ސަން އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ، ރައީސް މައުމޫނު ރައީސް ނަޝީދާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމުން ދިވެހި ގައުމަށް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށާއި އޭގެ ބަދަލުގައި ގައުމު ވެއްޓޭނީ ކުރިންވެސް ވެއްޓުނު ވަޅުގަނޑަށް ކަމަށެވެ.

އުމަރު ވިދާޅުވީ، މިހާރު އެ ކުރެވޭ މަސައްކަތުގެ ސަބަބުން އެމްޑީޕީ އަށް އޮކްސިޖަން ލިބި އެމީހުންގެ ވެރިކަމުގައި ހިންގި ޖަރީމާ ތަކަށް ފަސްއެޅި ފޮރުވި، އެމްޑީޕީ އަނބުރައި ވެރިކަމަށް އައުމަށް މަގުފަހި ވާނެ ކަމަށެވެ.

"އާޚިރުގަ އެކަން އެހެން ވެއްޖެ ނަމަ ދެންވެސް ވާނީ ކުރިންވެސް ވީގޮތް. އެއީ ސިޔާސީ މީހުންނާއި ފަނޑިޔާރުން ހިފައި ހައްޔަރުކުރުމާއި ގައުމުގެ ހަރުމުދާތައް ވިއްކުމާއި ލާދީނީ ކަންކަން ފެތުރުމާއި އެހެން ދީންތައް ރާއްޖެ އަންނަން މަގުފަހިކޮށްދިނުން،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އަމަލުކުރިގޮތަށް ބަލާ އިރު ފެންނަނީ، ގާސިމް ކުރިންވެސް ހައްޔަރުކުރި ގޮތަށް އަލުން ހައްޔަރު ކުރާ މަންޒަރާއި އެމަނިކުފާނުގެ ރިސޯޓުތަކުގެ މަސާޖު ސެންޓަރުތައް ބަންދުކުރުމާއި ބައެއް މުދާތައް ސަރުކާރަށް ނަގަން އުޅޭ މަންޒަރު ކަމަށެވެ.

ހަމައެފަދައިން ރައީސް މައުމޫނާ މެދު އެމްޑީޕީގެ ވެރިކަމުގައި އަމަލުކުރި ގޮތަށް ބަލާ އިރު އަނެއްކާ ވެސް ފެންނަނީ، މިނިސްޓަރުން ކުރީސަފުގައި ތިބެގެން ރައީސް މައުމޫނުގެ ގެކޮޅުދޮށަށް އެއްވެ ނެރޭށޭ، ހަވަރަށް ދޭށޭ، ގޮވާނެ މަންޒަރު ކަމަށެވެ. އަދި ހަމަ އެހެންމެ ފެންނަނީ ރައީސް މައުމޫނުގެ ގެކޮޅަށް ގާއުކާ މަންޒަރާއި ފުލުސް އޮފީހަށް ދަމާ މަންޒަރު ކަމަށެވެ.

comment ކޮމެންޓް