ރާއްޖޭގެ ސިޔާސީ މަސްރަހާއި، ތަރައްގީ އަދި އިގްތިސޯދީ ގޮތުން ރާއްޖެއަށް ފައިދާ ހުރި ކަންތައްތަކާ ގުޅޭ ގޮތުން ދެކުނު ކޮރެއާގެ އެމްބެސެޑާ ޖޮން-މޫން ޗޮއީ، އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައި އޮތް ދުވަސްވީ ގުޅުން ފާހަގަކުރައްވައި، ދެ ގައުމު އެކުގައި މަސައްކަތް ކުރެވެން ހުރި ފުރުސަތުތައް ދެނެގަނެ، ގުޅިގެން މަސައްކަތް ކުރެވޭނެ މަގުތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން ވެސް ވަނީ މަޝްވަރާ ކުރައްވައިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ބިނާކުރަނިވި މަޝްވަރާތައް އިތުރުކޮށް، މިހާރަށް ވުރެ ވެސް އިތުރަށް ގުޅުން ބަދަހި ކުރަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެ ބޭފުޅުން ވެސް ވަނީ ދެއްވައިފައެވެ.
މީގެ އިތުރުން ރާއްޖޭގެ ސިޔާސީ މަސްރަހާއި، ތަރައްގީގެ މަޝްރޫއުތަކާއި، އިގްތިސޯދީ ގޮތުން ރާއްޖެއަށް ފައިދާ ހުރި ކަންތައްތަކާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވައިފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވި ދާއިރާތަކުގެ ތެރޭގައި އިކޮނޮމިކް އެމްޕަވާމަންޓް، ސޯޝަލް ވެލްފެއާ, ރީޖަނަލް ޑިވެލޮޕްމަންޓްސް، ޖަސްޓިސް އެންޑް އީކުއެލިޓީ ހިމެނެއެވެ.
ހަމައެއާއެކު ކޮރެއާގެ ފަރާތުން ރާއްޖެއަށް ކޮށްދެވޭނެ ކަންކަމަކީ ކޮބައިތޯ ވެސް އެމްބެސެޑާ ޗޮއީ މި ބައްދަލުކުރެއްވުމުގައި ސާފުކުރެއްވިއެވެ.
އެމްބެސެޑާ ވަނީ އެމްޑީއޭގެ ރައީސް، ސިޔާސީ ގޮތުން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅު ފާހަގަކުރެއްވައިފައެވެ. އަދި ވަކިން ޚާއްސަކޮށް ގައުމުގެ އިގްތިސޯދު ކުރިއެރުވުމުގައި އެމަނިކުފާނުގެ ވިޔަފާރި ތެރެއިން އަދާކުރައްވާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށް ވަރަށް ބޮޑު ތައުރީފެއް އެމްބެސެޑާ ވަނީ ކުރައްވައިފައެވެ.
އެމްބެސެޑާ ޖޮން-މޫން ޗޮއީ އަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި، އިގްތިސޯދީ ސަލާމަތީ ކަންކަމާއި، ބޭރުގެ އިންވެސްޓްމަންޓްތަކުގެ އިތުރުން ޖިއޯ-ޕޮލިޓިކަލް އަދި ޖިއޯ-ޓެކްނޮލޮޖިކަލް ރިސްކްތައް ދެނެގަތުމުގައި 40 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ދެކުނު ކޮރެއާގެ ޚާރިޖީ ވުޒާރާގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތްކުރެއްވުމަށް ފަހު، އެމްބެސެޑާ ޗޮއީ ވަނީ އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ސެކަންޑް ވައިސް މިނިސްޓަރުކަމުގެ މަގާމު އަދާކުރައްވާފައެވެ. މީގެ އިތުރުން ފަރަންސޭސިވިލާތާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމު ވެސް ފުރުއްވާފައި ވެއެވެ.
މިހާރު އޭނާ މަސައްކަތްކުރައްވަމުން ގެންދަވަނީ 'ޔޫން އެންޑް ޔަންގް އެލްއެލްސީ' ގެ ސީނިއާ ކޮންސަލްޓެންޓެއްގެ ގޮތުގައެވެ.
އެމްބެސެޑާ ޗޮއީ އަކީ ކޮރެއާ-އާސިއާން ގުޅުންތަކާއި، އިންވެސްޓްމަންޓްތައް ފުޅާކުރުމާއި، އަދި ބައިނަލްއަގްވާމީ ފެންވަރުގެ މަޝްވަރާތަކުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ، ޚާރިޖީ ގުޅުންތަކުގެ ދާއިރާއިން ފުންނާބު އުސް ބޭފުޅެކެވެ.