ހުޅުމާލެ ފެރީ: ބަލި މީހުން އުފުލުމަށް އެހެން ގޮތެއް ބޭނުންވެފައި

ހުޅުމާލެ ފެރީއެއްގައި ބަލި މީހަކު މާލެ ގެންނަނީ-- ފޮޓޯ: މުހައްމަދު ހަމީދު

ހުޅުމާލެ އާއި މާލެއާ ދޭތެރޭ ދަތުރުކުރާ ފެރީގައި އެތައް ބަޔަކު ތިއްބެވެ. އެއީ ހަމަ އާދައިގެ މަތިން ދަތުރުކުރާ ފެރީ އެވެ. އެންމެންގެ ނަޒަރު ހުއްޓިގެން ދިޔައީ ފެރީގެ ވަތުމަތީގައި ބާއްވާފައި އޮތް ބަލިމީހާ އަށެވެ. އިތުރު ފަރުވާއަށް މާލެ ގެންނަ އެދުވަސްވީ މީހާ ބާއްވާފައި އޮތީ މީހުން ހިނގަން ފެރީގައި ހާއްސަކުރެވިފައިވާ މަގުގަ އެވެ.

"ކޮބާތޯ އެވިދާޅުވާ ސީއެމްބިއުލާންސް، މިކަހަލަ ނިކަމެތި ގޮތަކަށްތޯ އަޅުގަނޑުމެން މިފަދަ ތަރައްގީ ޒަމާނުގައި އުޅެންވީ،" އެފެރީގައި އިން މުހައްމަދު ހަމީދު (އުމަރުބެ) ފޭސްބުކްގައި ލިޔެފައިވެ އެވެ.

ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން މައުލޫމާތުދޭ ގޮތުގައި އާންމުން ދަތުރުކުރާ ފެރީގައި ބާއްވައިގެން ބަލިމީހުން އުފުލުމަކީ ވަރަށް އާންމުކަމެކެވެ.

ހުޅުމާލޭ ފެރީއަށް އެރުވުމުގެ ކުރިން ބަލިމީހަކު ތަޅުންމަތީ ބާއްވާފައި-- ފޮޓޯ: ކިޔުންތެރިއެއް

އެމަޖެންސީނަމަ ސީއެމްބިއުލާންސް ހަމަޖައްސައިދެން: އާސަންދަ

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދައިގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭ ހޮސްޕޮޓަލަށް ފަރުވާ ދޭން ގެންނަ މީހުންގެ ތެރެއިން އެމަޖެންސީކޮށް މާލެ ގެންނަން ޖެހޭ މީހުން ސީއެމްބިއުލާންސް މެދުވެރިކޮށް ފޮނުވައިދޭ ކަމަށެވެ.

ފެރީގައި މާލެ ފޮނުވަނީ އިތުރު ފަރުވާއަށް މާލެ ގެންނަން ޖެހުނު ނަމަވެސް އެމަޖެންސީކޮށް ގެންނަން ނުޖެހޭ ބަލި މީހުން އެކަނި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އެގަޑިއެއްގައި ގެނެވޭނެ އެންމެ އަވަހަށް ގެނެވޭނެ ގޮތެއް އެހަދަނީ، ފެރީގައި ފޮނުވަނީ އެމަޖެންސީ ކޭސްތައް ނޫނިއްޔާ،" އޮފިޝަލް ވިދާޅުވި އެވެ.

ސީއެމްބިއުލާންސް ހިޔާރުކުރޭ: އެމްޓީސީސީ

އިތުރު ފަރުވާއަށް މާލެ ގެނެވޭ ބަލި މީހުން އެގޮތަށް އުފުލުމަކީ އޭގެ ސަބަބުން ބަލިމީހާއަށް ވެސް އޭގެ އުނދަގޫތަކެއް ކުރިމަތިވާނެ ކަމެކެވެ.

އެކަމާ ގުޅޭ ގޮތުން އެމްޓީސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކުންފުނީގެ ފެރީތަކަކީ ބަލި މީހުން އުފުލުމަށް ހާއްސަ ފެރީތަކަކަށް ނުވުމުން ބަލިމީހުން ގެންދިއުމަށް ސީ އެމްބިއުލާންސް އިހުތިޔާރު ކުރުމަށް އެދޭ ކަމަށެވެ.

ހުޅުމާލެ އިން އިތުރު ފަރުވާއަށް މާލެ ގެންނަ ފަރާތްތައް ފެރީއަށް އެރުވުމުގެ ކުރިން ޓާމިނަލްގެ ތަޅުންމަތީ ބާއްވާ ބޭއްވުމަކީ ވެސް ދޭތެރެ ދޭތެރެއިން ފާހަގަވާ ބޮޑު މައްސަލައެކެވެ.

އާންމުކޮށް އޮންނަ އުސޫލަކީ ފެރީއަށް އަރުވަން ގެންނަ ބަލިމީހާ އެމްބިއުލާންސް އިން ސީދާ ފެރީއަށް އަރުވާ ގޮތަށެވެ. ނަމަވެސް އެމްޓީސީސީ ފެރީއަށް އެރުވުމަށް ހުޅުމާލޭ ހޮސްޕިޓަލުން ގެންނަ ބަލި މީހާ، ފެރީއަށް އެހެން މީހުން އަރައި ހަމަޖެހެންދެން ޓާމިނަލްގައި މީހުން ހިނގާ ތަޅުންމަތީގައި ބާއްވާފައި އޮންނަނީ ސްޓްރެޗާއެގެ މަތީގަ އެވެ.

އެމްޓީސީސީ ހުޅުމާލޭ ފެރީ އޮޕަރޭޝަން މެނޭޖަރު މުހައްމަދު ނާޒިމް ކުރިން ވިދާޅުވީ، އެކަން އެގޮތަށް ހިނގީ މައުލޫމާތު އޮޅުވަމުން ކަމަށް ބެލެވޭތީ އެކަން އެގޮތަށް ނުކުރުމަށް އަންގާފައިވާ ކަމަށެވެ.

comment ކޮމެންޓް