މުއްދަތެއް ނެތްގޮތަށް މަޖިލީހުގެ ޖަލްސާތައް ފަސްކޮށްފި

މުއްދަތެއް ނެތްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އޮފިޝަލަކު މިއަދު ވިދާޅުވީ މާދަމާ ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ އަށް ވަނަ ޖަލްސާ މިހާރު ކެންސަލްކޮށްފައިވާ ކަމަށެވެ.

ދެން މަޖިލީހުގެ ޖަލްސާތައް އޮންނާނެ ދުވަހެއް ފަހުން އިއުލާންކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވި ކަމަށް ވެސް މަޖިލީހުގެ އިދާރާގެ އޮފިޝަލް ވިދާޅުވިއެވެ.

މުއްދަތެއް ނެތްގޮތަށް މަޖިލީހުގެ ޖަލްސާތައް ފަސްކޮށްފައި ވަނީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާވެސް 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.

އިދިކޮޅު ފަރާތްތަކުން ހުށަހެޅި އެ މައްސާލަގައި ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ވަފާތެރި 10 މެމްބަރަކު ވަނީ ސޮއިކުރައްވާފައެވެ.

އެ މައްސަލާގައި ސޮއިކޮށްފައިވާ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ އޭނާ އެ މައްސަލާގައި ސޮއިނުކުރައްވާ ކަމަށާއި އެއީ ވަގު ސޮޔެއް ކަމަށެވެ.

އަހުމަދު ރަޝީދު އެހެން ވިދާޅުމުން އިދިކޮޅު ފަރާތްތަކުން ވަނީ އޭނާ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރައްވަން އިންނެވި ފޮޓޯ އާންމުކުރައްވާފައެވެ. އެ ފޮޓޯގައިވާގޮތުން އަހުމަދު ރަޝީދު އިތުބާރުނެތްކަމުގެ މައްސަލާގައި ސޮއިކުރައްވަނީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ކުރިފުޅުމަތީގައި އިންނަވައިގެންނެވެ.

އެފޮޓޯއާ ގުޅިގެން ނޫސްވެރިން ސުވާލު ދެންނެވުމުން އަހުމަދު ރަޝީދު ވިދާޅުވީ މި ޒަމާނުގައި ފޮޓޯއަކަށް އިތުބާރު ނުކުރެވޭ ކަމަށާއި ސައިންޓިފިކްގޮތުން ކުރިއަރާފައިވާ ޒަމާނުގައި ފޮޓޯއެއް ހަދާލުމަކީ އެހާ އުނދަގޫ ކަމެއް ނޫން ކަމަށެވެ.

comment ކޮމެންޓް