މިހަފްތާ ބުރާސްފަތި ދުވަހު ހުޅުވާ ވެކޭޝަންސް އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ދޭން ހަމަޖައްސައިފި އެވެ.
ވެކޭޝަންސް އެކްސްޕޯ އިންތިޒާމު ކުރާ ކުންފުނި، ހައިރައިޒްގެ ފައުންޑާ، އިސްމާއިލް ހަމީދު "ސަން" އަށް ވިދާޅުވީ މިއަހަރުގެ އެކްސްޕޯއަށް ޒިޔާރަތް ކުރައްވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް މުސާފިރީން އުމްރާ ގްރޫޕުގެ ފަރާތުން އުމްރާ ދަތުރެއް ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
މުސާފިރީން ގްރޫޕަކީ ކާމިޔާބުކަމާ އެކު ދިވެހިން އުމްރާއަށް ގެންދިއުމުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. މިދިޔަ އަހަރުގެ ވެކޭޝަންސް އެކްސްޕޯގައި ވެސް އެކުންފުނިން ވަނީ ބައިވެރިވެ އުމްރާ ދަތުރުތަކުގެ މައުލޫމާތު ފޯރުކޮށްދީފަ އެވެ.
މިދިޔަ އަހަރު ބޭއްވި ފުރަތަމަ ވެކޭޝަންސް އެކްސްޕޯ ނިމިގެން ދިޔައީ ވަރަށް ކާމިޔާބުކަމާ އެކުގަ އެވެ. އެ ޓްރެވަލް އެގްޒިބިޝަނުގައި ވަނީ، ސިންގަޕޫރާއި މެލޭޝިއާ ފަދަ ގައުމުތަކުގެ ޓޫރިޒަމް ބޯޑުތަކާއި ބޮޑެތި އެއާލައިނުތަކާއި ހޮޓެލްތަކުގެ އިތުރުން ޓްރެވަލް ކުންފުނިތަކުން ބައިވެރިވެފަ އެވެ.
އަދި އެގްޒިބިޝަނަށް ޒިޔާރަތް ކުރި ފަރާތްތަކަށް ކޮންމެ ރެޔަކު ވެސް އަގުހުރި އިނާމުތަކެއް ދީފައިވެ އެވެ. މި އަހަރުގެ އެކްސްޕޯގައި ވެސް ކޮންމެ ރެއަކު "ވިޒިޓް އެންޑް ވިން" އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.
މި ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ބާއްވާ އެ މައުރަޒުގައި މިހާތަނަށް 26 ފަރާތަކުން ބައިވެރިވެފައިވާ އިރު އެ އެކްސްޕޯއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޓްރެވަލް އިންޑަސްޓްރީ ތަމްސީލު ކުރާ ފެއާ އެވެ.
ފެއާގެ މަގުސަދަކީ ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބޭރު މީހުންނަށް ރާއްޖެއާއި ރާއްޖެ ކައިރި ގައުމުތަކުގައި ހުރި ހޮލިޑޭ އޮޕްޝަންސްތައް ތަމްސީލު ކުރުމެވެ. އަދި ރާއްޖޭގައި ހިންގާ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކާއި ގެސްޓްހައުސްތައް އަދި ރިސޯޓުތަކުގެ ޕްރޮޑަކްޓުތައް ދައްކާލުމަކީ ވެސް އެ މައުރަޒުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އެންޑޯޒްކޮށްފައިވާ މި އަހަރުގެ މައުރަޒުގެ މެއިން ސްޕޮންސަރަކީ އިނަ މޯލްޑިވްސް އެވެ. ކޯ ސްޕޮންސަރުންގެ ތެރޭގައި ޓޫރިޒަމް އޮތޯރިޓީ އޮފް ތައިލެންޑާއި ސްރީ ލަންކާގެ ކިންގްސް ބަރީ ހޮޓެލް ފަދަ ތަންތަން ހިމެނެ އެވެ.
ވެކޭޝަންސް އެކްސްޕޯގެ މި އަހަރުގެ މައުރަޒު ތަފާތު ވަނީ މެޑިކަލް ބޮޑެތި ބްރޭންޑުތައް ބައިވެރިވާތީ އެވެ. ޗުއްޓީ ދަތުރުތަކުގައި އާއިލާގެ މެމްބަރުންގެ ހެލްތު ޗެކަޕް ހެދުމާއި ދުޅަހެޔޮކޮށް ތިބުމަށް އެންމެން ވެސް އިސްކަމެއް ދެ އެވެ. އެގޮތުން އިންޑިއާ އާއި ލަންކާއާއި ބެންކޮކް، ސިންގަޕޯ އަދި މެލޭޝިއާ ފަދަ ގައުމުތަކުން ދިވެހިން ފަރުވާ ހޯދަ އެވެ.
މިފަހަރުގެ އެކްސްޕޯގައި ޑާޑެންސްއާއި ލަންކާ ހޮސްޕިޓަލްސް އަދި ބެންކޮކް ހޮސްޕިޓަލްސްއިން ބައިވެރިވާއިރު އެ ހޮސްޕިޓަލުތަކުން ވަނީ އެތަންތަނުން އިންޓަނޭޝަނަލް ޕޭޝަންޓުންނަށް ހުރި ޚިދުމަތްތައް ތަމްސީލް ކުރުމަށް ހަމަޖައްސާފަ އެވެ.