ޖަވާބުތައް ހިއްޕަވައިގެން ގަތަރުގެ ޚާރިޖީ ވަޒީރު ކުވައިތަށް ވަޑައިގެންފި

ކުވައިތު ސިޓީ (ޖުލައި 3): ގަލްފުގެ ތިން ގައުމަކާއި މިސްރުން ގަތަރަށް ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ޖަވާބު ހިއްޕަވައިގެން ގަތަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަޙްމާން ކުވައިތަށް ވަޑައިގެންފި އެވެ.

މި ޖަވާބު ކުވައިތުގެ އަމީރަށް ހުށަހެޅުމަށް ޓަކައި ޝައިޚް މުހައްމަދު ބިން އަބްދުއްރަޙްމާން މިއަދު ހެނދުނު ކުވައިތުގެ އަމީރު ޝައިޚް ސަބާހުލްއަހްމަދާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ގަތަރުގެ ޖަވާބު ގަލްފުގެ ތިންގައުމާއި މިސްރަށް ހުށަހަޅުއްވާނީ ކުވައިތުގެ އަމީރެވެ. ގަތަރާ ދެކޮޅަށް ހިސާރުގެ ފިޔަވަޅުތައް އެޅި އަރަބި ހަތަރު ގައުމުން ބުނީ އެގައުމުތަކުގެ ހުށަހެޅުންތަކަށް ޖަވާބު ދިނުމުގެ ސުންގަޑި އިތުރު ދެދުވަހަށް އިތުރުކޮށްފައިވާ ކަމުގަ އެވެ. ކުރީގެ ސުންގަޑި ރޭގެ ނިޔަލަށް ހަމަވެފައިވީ ނަމަވެސް ފަހުން ކަނޑައެޅި ސުންގަނޑި ހަމަވާނީ އަންގާރަ ދުވަހުގެ ރޭގަ އެވެ.

ގަތަރަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު އެގައުމުން ދޭ ޖަވާބާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޓަކައި ސައޫދީ، ޔޫއޭއީ ބަހްރައިން އަދި މިސްރުގެ ޚާރިޖީ ވަޒީރުން ބުދަ ދުވަހު ގާހިރާގައި ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިހަތަރު ގައުމު ގުޅިގެން ގަތަރާދެކޮޅަށް އަސްކަރީ ބާރެއް އެކުލަވާލައި ބަހްރައިންގައި އެބާރު ރުކުރުވާލުމުގެ މަޝްވަތާރައް ވެސް ފަންނީ ފެންވަރުގައި ގެންދަނީ ކުރަމުންނެވެ. ގަތަރުގެ ޖަވާބު އޮތްގޮތް ސާފުވެފައި ނުވި ނަމަވެސް އެޖަވާބު ބިނާވެފައި ވަނީ އަރަބި ހަތަރު ގައުމުގެ ހުށަހެޅުންތައް ގަބޫލުނުކުރުމުގެ މައްޗަށްކަމަށްވެ އެވެ.

މިގޮތުން ގަތަރަށް ހުށަހެޅި ލިސްޓުގައިވާ ތޭރަ ނުކުތާގެ ތެރެއިން ގިނަ ބައިތައް ގަބޫލުނުކުރެވޭނެ ކަމަށް ބުނާއިރު އަނެއްބައި ނުކުތާތަކާ މެދު މަޝްވަރާކުރުމަށް ތައްޔާރަށް އޮތްކަން ގަތަރުގެ ޖަވާބުގައި ހިމެނޭކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.

ސައޫދީ، ޔޫއޭއީ ބަހްރައިން އަދި މިސްރުން ގަތަރަށް ތޭރަކަމެއް ހުށަހަޅާފައިވާ އިރު އޭގެތެރޭގައި ގަތަރުގައިވާ ތުރުކީގެ އަސްކަރީ ބޭސް ބަންދުކުރުމާއި އީރާނާ އެކު ބާއްވާ ގުޅުންތައް ވަރަށްބޮޑަށް ދަށްކުރުމާއި މިސްރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތާ ގުޅުންތައް ކަނޑާލައި އެޖަމާއަތުގެ ލީޑަރުން ގަތަރުންބޭރުކޮށްލުމާއި ގަތަރުގެ އަލްޖަޒީރާ ޓީވީ ބަންދުކުރުމާއި އެ ޓީވީން ފޮނުވި ޚަބަރުތަކާއި ރިޕޯޓްތަކާއި ޕްރޮގްރާމްތަކުން އެގައުމުތަކަށް ގެއްލުންވި ކަމަށްބުނެ އެކަމަށް ގަތަރުން އެތައް ބިލިޔަން ޑޮލަރެއްގެ ބަދަލުގެ ގޮތުގައި ދިނުން ވެސް ހިމެނެ އެވެ. އަލްޖަޒީރާ ބަންދުކުރުމަށް ގަތަރަށް އަމުރުކުރުމަކީ ބީބީސީ ބަންދުކުރުމަށް އިނގިރޭސިވިލާތަށް ޕްރެޝަރު ކުރުން ފަދަ ކަމެކެވެ.

ސައޫދީ، ޔޫއޭއީ ބަހްރައިން އަދި މިސްރުން ގަތަރަށް ހުށަހަޅާފައިވާ ކަންކަން ގަތަރުން ގަބޫލުނުކޮށްފި ނަމަ ގަތަރާ ދެކޮޅަށް ހަރުކަށި އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު އެގައުމުތަކުން ވަނީ ދީފަ އެވެ. މީގެ ތެރޭގައި ސައޫދީން ގަތަރަށް ފޯރުކޮށްދޭ އިލެކްޓްރިކް ކަރަންޓް ކަނޑާލުމާއި ސައޫދީއާއި ޔޫއޭއީ ގައިވާ ބޭންކްތަކުގައިވާ ގަތަރުގެ އެތަށް ބިލިޔަން ޑޮލަރެއްގެ ބޭންކް ޑިޕޮޒިޓްތައް ފްރީޒްކުރުމާއި ގަތަރުގެ ބެންކްތަކުގައިވާ އެ ދެގައުމުގެ އެތައް ބިލިޔަން ޑޮލަރެއްގެ ފައިސާ އަނބުރައި ގެންދިޔުމާއި ސައޫދީން ގަތަރަށް ފޯރުކޮށްދޭ ކޮންސްޓްރަކްޝަން މެޓީރިއަލް ފޯރުކޮށްދިނުން ހުއްޓާލުން ހިމެނެ އެވެ.

މީގެއިތުރުން ގަތަރާ އެކު ވިޔަފާރި ކުރާ ގައުމުތަކަށް ސައޫދީ އާއި ޔުއޭއީ އާ އެކު ވިޔަފާރިކުރުމުގެ ފުރްސަތު ނުދިނުން ވެސް އަލަށް އެޅުމަށް ރަވާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެ އެވެ.

މިފިޔަވަޅުތަކުގެ ކުރިމަތީގައި ކެތްކޮށްލުމަކީ ގަތަރުފަދަ ކުޑަ ގައުމަކަށް ވަރަށް ޚަރަދު ބޮޑުކަމަކަށްވާނެ އެވެ. ނަމަވެސް ބައިނަލްއަގްވާމީ ގޮތުން ފިޔަވަޅު ނާޅާ ނަމަ ޚަރަދު ބޮޑުނަމަވެސް މިފިޔަވަޅުތަކަށް ގަތަރަށް ކެތްކޮށްލެވޭނެ އެވެ. ގަތަރަކީ ސައޫދީ އާއި ޔޫއޭއީ އަށްވުރެ ދެގުނައަށް މުއްސަނދި ގައުމެކެވެ. އެހެންކަމުން ގަތަރުގެ ތެލާއި ގޭސް ބޭރުކުރެވޭނެ ނަމަ ދަތިކުރުމުގެ ފިޔަވަޅުތަކަށް ގަތަރަށް ކެތްކޮށްލެވޭނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ.

ސައޫދީ، ޔޫއޭއީ ބަހްރައިން އަދި މިސްރުން ގަތަރަށް ހުށަހަޅާފައިވާ ކަންކަން ގަތަރުން ގަބޫލުކޮށްފި ނަމަ އިތުރުކަންކަން އެގައުމުތަކުން ގަތަރަށް އަނެއްކާ ވެސް ހުށަހަޅާނެ އެވެ. އެގައުމުތަކުގެ ހަގީގީ ބޭނުމަކީ ގަތަރުގެ ވެރިކަން ބަދަލުކޮށް ސައޫދީގެ ކޮންޓްރޯލާއި ބާރާއި ނުފޫޒު އޮންނަ ގޮނޑިކޮށްކޮ ވެރިކަމެއް ގަތަރުގައި ބިނާކުރުން ކަމަށް ގަތަރުން ދެކެއެވެ. ނަމަވެސް ސައޫދީ ގެ ކޮންޓްރޯލާއި ބާރާއި ނުފޫޒު އޮންނަ ގޮނޑިކޮށްކޮ ވެރިކަމެއް ގަލްފުގައި އޮންނަނީ ހަމައެކަނި ބަހްރައިން ގަ އެވެ.

ގަލްފުގެ އެހެން ގައުމުތައް ކަމަށްވާ ކުވައިތާއި އޮމާން އަކީ ސައޫދީ އަށް އެހާބޮޑަށް ސަޕޯޓް ކުރާ ދެގައުމެއް ނޫނެވެ. އަދި ޔޫއޭއީ އާއި ސައޫދީ އަކީ ވެސް މައްސަލަތަކެއް ހުރި ދެގައުމެވެ.

އަނެއްކޮޅުން ސައޫދީ އަކީ މިހާރު އަރަބި ދުނިޔޭގައި އެކަހެރިވެފައިވާގައުމެކެވެ. އަރަބި ގިނަ ގައުމުތަކާއި ސައޫދީ އާ ގުޅުންތައް ރަނގަނޅެއް ނޫނެވެ. އަދި ސަރަހައްދީ ބާރުތައް ކަމަށްވާ އީރާނާއި ތުރުކީއާ އަދި ޕާކިސްތާނާ ވެސް ސައޫދީގެ ގުޅުންތައް ރަނގަނޅެއްނޫނެވެ. ޚާއްސަކޮށް އީރާނާއި ސައޫދީގެ ގުޅުންތައް ވަނީ ހަނގުރާމައިގެ ހާލަތުގަ އެވެ. ޔަމަންގެ ހަނގުރާމައަށް ވަނުމަށާއި ގަތަރާ ގުޅުންތައް ކަނޑާލުމަށް ޕާކިސްތާނުން ދެކޮޅު ހެދުމުން ސައޫދީ ޕާކިސްތާނުގެ ދެމެދުގައި ކުރިން އޮތް ގާތް ގުޅުންތަކަށްވަނީ ބުރޫއަރާފަ އެވެ.

ސައޫދީ އާ ގުޅުންތައް ރަނގަނޅީ އަމިއްލަ ގައުމުގައި އެކަހެރިވެ ވަޑައިގެންފައިވާ އަދި މުސްލިމުންދާ ދުޝްމަން ކަން ގެންގުޅުއްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއެވެ. ނަމަވެސް މުސްލިމުންގެ އެންމެ ބޮޑު ދުޝްމަން ކަމަށްވާ އިސްރާއީލާއި ސައޫދީން ގުޅުންތައް ގާއިމް ކުރަން މަސައްކަތްކުރާ ކަމުގެ ޚަބަރުތަކެއް ދަނި ފެތުރެމުންނެވެ.

ގަތަރެކޭ އެއްގޮތަށް އަރަބި ގައުމުތަކުގައި ހިނގާ ދާޚިލީ ހަނގުރާމަތަކަށް ސީޔާސީ ބޭނުންތަކުގައި ވެދެގަންނަމުންދާ ކަމުގެ ތުހުމަތު ސައޫދީގެ މައްޗަށް ވެސް ވަނީ ކުރެވިފައެވެ. މީގެތެރޭގައި ސޫރިޔާއާއި ލީބިޔާއާއި ޔަމަންގެ ހަނގުރާމަތައް ހިމެނެ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް