ޒުވާން ސްކޮޑަކާއެކު ދެކުނު އެމެރިކާގެ ޗެމްޕިއަން ޗިލީ ބަލިކޮށް، ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުން ފީފާ ކޮންފެޑަރޭޝަންސް ކަޕް ކާމިޔާބުކޮށްފިއެވެ.
ރަޝިއާގައި ކުރިއަށްދާ އެ މުބާރާތުގެ ޗެމްޕިއަންކަން ޖަރުމަނުން ހޯދީ މިރޭ ކުޅުނު ފައިނަލުގައި ޗިލީގެ މައްޗަށް 1-0 ލަނޑުގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިއީ ޖަރުމަނުން ކޮންފެޑަރޭޝަންސް ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ކޮންފެޑެރޭޝަންސް ކަޕްގެ ފައިނަލުގައި ޖަރުމަނާއި ޗިލީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޖަރުމަން މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
މެޗުގެ ކުރީކޮޅު ޗިލީން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް، ޖަރުމަނުން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 20 ވަނަ މިނެޓުގައި ޓިމޯ ވާނާ ދިން ބޯޅައަކުން ޖަރުމަނަށް ލީޑު ހޯދައިދިނީ ލާސް ސްޓިޑެލްއެވެ.
ޖަރުމަނުން ލީޑު ހޯދިތާ ހަތަރު މިނެޓް ފަހުން ޗިލީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މައުރީސިއޯ އިސްލާ ނަގައިދިން ހުރަހުން ލިބުނު ފުރުސަތުގެ ބޭނުން އަރަންގޭޒަށް ހިފޭގޮތެއް ނުވިއެވެ. ޗިލީއަށް ލިބުނު އެ ފުރުސަތަށްފަހު ފުރަތަމަ ހާފުގެ ތެރޭގައި އެ ޓީމުގެ ފަރާތުން ގޯސްތަކެއް ވެސް ފެނިގެންދިޔައެވެ.

ކޮންފެޑެރޭޝަންސް ކަޕްގެ ފައިނަލުގައި ޖަރުމަނާއި ޗިލީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޖަރުމަން މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޖަރުމަނުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އެ ހާފުގެ ފަހުކޮޅު ޗިލީން އެޓޭކިން ކުޅުމެއް ކުޅެމުންދިއުމުން ޖަރުމަނުގެ ފަރާތުން ފެނިގެންދިޔައީ ޑިފެންސިވް ކުޅުމެކެވެ. މެޗުގެ ދެވަނަ ހާފުގައި ޗިލީން ތަނަވަސްކުރި ފުރުސަތުތަކުގެ ތެރެއިން އެލެކްސިސް ސަންޗޭޒްއާއި އާޓުރޯ ވިޑާލް އަދި އެޑޫ ވާގާސްއަށް ލިބުނު ހުސް ފުރުސަތު ފާހަގަކޮށްލެވެއެވެ.
ފީފާ ކޮންފެޑަރޭޝަންސް ކަޕްގެ ތިންވަނަ ހޯދާފައިވަނީ ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލްއެވެ. ކްރިސްޓިއާނޯ ރޮނާލްޑޯއާ ނުލައި މެކްސިކޯއާ ދެކޮޅަށް ކުޅުނު ތިންވަނަ ހޮވާ މެޗުން ޕޯޗުގަލް މޮޅުވީ އިތުރު ވަގުތު ކުޅެގެން 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

ރަން ބޫޓު ހޯދި ވާނާ(ކ)، އެންމެ މޮޅު ގޯލްކީޕަރު ބްރާވޯ(މ) އަދި އެންމެ މޮޅު ކުޅުންތެރިޔާ ޑްރެކްސްލާ(ވ) --- ފޮޓޯ/ އޭޕީ
ކޮންފެޑަރޭޝަންސް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ޖަރުމަނުގެ ކެޕްޓަން ޖޫލިއަން ޑްރެކްސްލާ ހޮވުނުއިރު، އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ޗިލީގެ ކެޕްޓަން އަދި ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯއެވެ. އަދި މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓު ލިބުނީ ޖަރުމަނުގެ ވާނާއަށެވެ. އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ޑްރެކްސްލާއަށް ހަވާލުކޮށްދިނީ ބްރެޒިލް ފުޓްބޯޅަ ލެޖެންޑް ރޮނާލްޑޯއާއި އާޖެންޓީނާ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާއެވެ.