މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްތަކަށް ސަރުކާރުގެ ކުންފުނިތަކުން ފޯރުކޮށްދެމުންދާ ކަރަންޓުގެ އަގު ހެޔޮކޮށްފިއެވެ.
ޕީއެސްއެމް ރޭޑިއޯ ބިލްޑިން ގެ ސެނަކޯ މާލަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެންވަޔަރަންމެންޓު މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވީ މިމަހުން ފެށިގެން ކަރަންޓުގެ އަގު 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަގަކަށް ހެޔޮކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ބަދަލާ އަންނަ މަހުގެ ބިލުގައި ހިމަނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޠާރިޤު ވިދާޅުވި ގޮތުގައި މި ބަދަލު ގެނައީ، ތެލުން ނަގާ އިމްޕޯޓު ޑިއުޓީ 10 ޕަސެންޓުން ފަސް ޕަސެންޓަށް ދަަށް ކުރުމާ އެކު ތެލުގެ އަގު ހެޔޮ ވެފައިވާތީ އެވެ. އިމްޕޯޓު ޑިއުޓީ ހެޔޮ ކުރުމުން ތެލުގެ ބޭނުން ކުރާ ހުރިހާ ދާއިރާތަކާއި ރާއްޖޭގެ އިގްތިޞާދަށް ހެޔޮ ބަދަލު ތަކެއް އަންނަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތެލުގެ ޑިއުޓީ ކުޑަ ކުރުމުން އޭގެ އެންމެ ބޮޑު ފައިދާއެއް ކުރާނެ ދާއިރާތަކަކީ ދިވެހި ޓޫރިޒަމާއި އާންމު ރައްޔިތުންގެ އިތުރުން މަސްވެރިންނަށެވެ. މީގެ ސަބަބުން ރާއްޖޭގެ އިގްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ޠާރިޤު ވިދާޅުވިއެވެ.
"މަސްވެރިންނަށް ވިއްކާ ތެލުންވެސް މިވަނީ މާ ބޮޑުތަނުން އަގު ކުޑަވެ މަސްވެރިންނަށްވެސް މިވަނީ ލުއި ދެވިފަ. ކަރަންޓުގެ އަގަށް މިއައި ބަދަލުގަ މާލެއާއި އަތޮޅު ތެރެއަށް ބަލާލާއިރު 10 އާއި 15 ޕަސެންޓާ ދެމެދުގަ މިވަނީ އަގު ކުޑަ ވެގެން ގޮސްފަ،" ޠާރިޤު ވިދާޅުވިއެވެ.
ކަރަންޓުގެ އަގަށް ގެނައި ބަދަލާއެކު ގޭބިސީތަކުގެ އިތުރުން ވިޔަފާރިތަކުގެ ކަރަންޓު ބިލަށްވެސް ލުޔެއް ގެނެސްފައިވާ ކަމަށް ޠާރިޤު ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ ތަފްސީލް ފަހުން ހާމަ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ އެ ކުންފުނީގެ ކަރަންޓު، 50،000 އަށްވުރެ ގިނަ ގޭބިސީތަކުން ބޭނުން ކުރަމުން އަންނަ ކަމަށާއި އެހުރިހާ ގޭބިސީއަކަށް ދެން ފޮނުވާ ބިލެއްގައި 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގައި ލުއި ކޮށްދޭނެ ކަމަށެވެ. އަދި މަހެއްގެ މައްޗަށް ބިލުން ލުއި ވާނެ މިންވަރު ކައިރި މުސްތަގުބަލެއްގައި އާންމު ކުރާނެ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
އޭގެ އިތުރުން، ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފު ވިދާޅުވީ އެ ކުންފުނިން ކަރަންޓު ފޯރުކޮށްދޭ ރަށްރަށަށްވެސް އެ ރޭންޖުގެ ތެރޭގައި ލުޔެއް ދޭން ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެކުންފުނީގެ މަގްސަދަކީ ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތެއްގެ މަތިން ކަރަންޓު ފޯރުކޮށްދިނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.