މެސީގެ ކައިވެނި ހަފްލާއަށް މަރަޑޯނާ ނުދިޔައީ މިހެންވެ!

ޑިއެގޯ މަރަޑޯނާ އާޖެންޓީނާގެ ކޯޗަކަށް ހުރި އިރު އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީއަށް އިރުޝާދުދެނީ -- ފޮޓޯ: ލެޓިންޓައިމްސް

މިދިޔަ ހުކުރު ދުވަހަކީ ފުޓްބޯޅައަށް ލޯބިކުރާ އެތަކެއް ހާސް ބަޔަކަށް ވަރަށް ޚާއްސަ ދުވަހެކެވެ. ޚާއްސަކޮށް އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއާއި އޭނާގެ ގާތް ފަރާތްތަކާއި އޭނާގެ ފޭނުންނަށް ވަރަށްވެސް ޚާއްސަ ދުވަހެކެވެ.

އާޖެންޓީނާގެ ރޮޒެރިއޯގައި ހުކުރު ދުވަހު ބޭއްވި، ލިއޯ މެސީއާއި އޭނާގެ ޒަމާންވީ ލޯބިވެރިޔާ އަދި މެސީގެ ދެ ދަރީން (ތިއާގޯއާއި މެޓީއޯ)ގެ މަންމަ އެންޓޮނެއްލާ ރޮކޫޒޯގެ ކައިވެނި ހަފްލާ އެގައުމުގެ ނޫސްތަކުން ސިފަކުރީ "ގަރުނުގެ ކައިވެނި" ހަފްލާގެ ގޮތުގައެވެ.

ރޮޒެރިއޯގެ ލަގްޜަރީ ހޮޓަލެއްގައި ބޭއްވި އެ ހަފްލާފައި 260 ސެލެބްރިޓީން ބައިވެރިވެފައިވާއިރު، ގިނަ ބަޔަކު ފާހަގަކުރި އެއް ކަމަކީ، މެސީއާ ވަރަށް ގާތް، ވަރަށް މުހިއްމު ބަޔަކު ކައިވެނީގެ ދައުވަތު ލިސްޓުގައި ނެތުމެވެ. އޭގެ ތެރޭންވެސް ވަކީން ޚާއްސަވި އެއް ނަމަކީ، އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑު، އަދި މެސީ ދެކެ އެމީހަކު އިންތިޚާއަށް ލޯބިވާ ކުރީގެ ފުޓްބޯޅައިގެ ރަސްގެފާނު ޑިއޭގޯ މަރަޑޯނާގެ ނަން ދައުވަތު ލިސްޓުގައި ނެތުމެވެ.

ލިއޮނަލް މެސީއަށް އެންޓޮނެއްލާ ރޮކޫޒޯ އާ ފުރަތަމަ ބައްދަލުވީ އުމުރުން ފަސް އަހަރުގައި -- ފޮޓޯ: ރޮއިޓާސް

މެސީގެ ކައިވެނި ހަފްލާއަށް ނުދެވުމުން ހަމަ ޔަގީނުންވެސް މަރަޑޯނާގެ ހިތަށް ބައިވަރުތަކެއް އަރާނެއެވެ. އެންމެފަހުން އޭނާ މިވަނީ އެ ވާހަކަތައް މީޑިއާއާވެސް ހިއްސާކޮށްފައެވެ.

މަރަޑޯނާ ބުނީ، މެސީގެ ކައިވެނި ހަފްލާއަށް އޭނާއަށް ނުދެވުނީ، އޭނާއަށް ދިން ދައުވަތު ކާޑު ކޮންމެވެސް ދިމާއަކަށް ގެއްލުމުން ކަމަށެވެ. އެހެން ނަމަވެސް، އެކަމާ ދޭތެރޭ ހިތްބަރު ނުކުރާކަމަށް މަރަޑޯނާ ބުންޏެވެ. އަދި މެސީއާ ދޭތެރޭ އޭނާ ދެކޭގޮތް ބަދަލު ނުވާކަމަށްވެސް ދުނިޔެދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ބުންޏެވެ.

"މެސީއަށް އަަހަރެން މަރުހަބާކިޔަން. އޭނާއަށް އެނގޭނެ އަހަރެން އޭނާދެކެ ލޯބިވާ މިންވަރު،" ކޮންފެޑެރޭޝަންސް ކަޕަށް މިވަގުތު ރަޝިއާގައި ހުރި މަރަޑޯނާ، ސްވެޓްސްކީ ސްޕޯޓްސްއަށް ބުންޏެވެ.

"މެސީގެ ކައިވެނި ހަފްލާއަށް އަހަރެންނަށް ފޮނުވި ދައުވަތު ކޮންމެވެސް ތާކަށް ގެއްލުނީ، އެކަމަކު މީގެ ސަބަބުން އަހަރެން މެސީއާ މެދު ދެކޭ ގޮތް ބަދަލެއް ނުވާނެ. އެއީ ރަނގަޅު އެތުލީޓެއް. އަދި މޮޅު މީހެއް."

މެސީގެ ކައިވެނި ހަފްލާގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ގައުމީ ޓީމަށް އޭނާއާކުއެކު ކުޅެފައިވާ އަންހެލް ޑި މަރިއާ، ސާޖިއޯ އަގުއެރޯ، ސާޖިއޯ ރޮމެރޯ، މެކްސީ ރޮޑްރިގޭޒް ފަދަ ކުޅުންތެރީން ހިމެނެއެވެ.

މެސީގެ ކައިވެނީގެ ހަފްލާގައި، ޕުޔޯލް، އަލޮންސޯ، ފަބްރިގާސް ފަދަ ކުޅުންތެރީން ބައިވެރިވި -- ފޮޓޯ: ރޮއިޓާސް

މީގެ އިތުރުން މެސީއާއެކު ބާސާގައި ކުރިން ކުޅެފައިވާ، އަދި މިހާރު ކުޅެމުން އަންނަ ބައެއް ކުޅުންތެރީން ހިމެނޭއިރު، އޭގެ ތެރޭގައި ނޭމާ، ލުއިސް ސުއަރޭޒް، ހަވިއާ މަޝަރާނޯ، ޒަވީ، ސަމުއެލް އެޓޫ، ކާލްސް ޕުޔޯލް ފަދަ ތަރީން ހިމެނެއެވެ.

މެސީގެ ކައިވެނީގެ ހަފްލާއަށް ދައުވަތު އެރުވި ލިސްޓުގައި ބާސެލޯނާގެ މުޅި ސްކޮޑާއި އާޖެންޓީނާގެ ގައުމީ ޓީމުގެ ސްކޮޑް ހިމެނުނު ނަމަވެސް އޭނާގެ ކުރީގެ އެއްވެސް ކޯޗަކަށް ދައުވަތު ދީފައި ނުވާކަމަށް ވެއެވެ. އޭގެ ތެރޭގައި މަރަޑޯނާ، ޕެޕް ގާޑިއޮލާ، ލުއިސް އެންރީކޭ ވެސް ހިމެނެއެވެ.

މެސީއާ ރޮކޫޒޯ ފުރަތަމަ ބައްދަލުވެފައި ވަނީ، އޭނާގެ އުމުރުން 13 އަހަރުގައި ސްޕެއިނަށް ބަދަލުވުމުގެ ކުރީންނެވެ. އެއީ މެސީގެ އުމުރުން އެންމެ ފަސް އަހަރުގައެވެ. ރޮކޫޒޯއަކީ މެސީގެ އެންމެ ގާތް ރަހްމަތްތެރިޔާ، ލޫކަސް ސަގްލިއާގެ ދެބެންގެ ދެދަރި ކޮއްކޮއެކެވެ.

comment ކޮމެންޓް