އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބޭއްވި ހިއުމަންރައިޓްސްގ ކުއިޒްގެ ޗެމްޕިއަންކަން އަރަބިއްޔާ ސްކޫލު ހޯދައިފިއެވެ.
އެޗްއާރްސީއެމުން ބާއްވާ ހިއުމަންރައިޓްސްގ ކުއިޒަކީ ހޯޕްފޯ ވިމެން އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
މިދިޔަ ޖޫން މަހު 27ގައި ފެށި އެ މުބާރާތުގައި މާލެ އާއި އަތޮޅުތަކުގެ އަށް ސްކޫލަކުން ބައިވެރިވިއެވެ. އަރަބިއްޔާ ސްކޫލުން އެ މުބާރާތް ކާމިޔާބު ކުރީ ތާޖުއްދީން ސްކޫލާ ވާދަކޮށް ފަސް ޕޮއިންޓްގެ ތަފާތަކުންނެވެ.
މުބާރާތުގެ ނަތީޖާފާޅު ކުރުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ، އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން އަދި ހޯޕްފޯ ވިމެންގެ ފައުންޑަރ އަނީސާ އަހުމަދެވެ. އެ ރަސްމިއަޔާތުގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު އިކްރާމާއި އެޗްއާރްސީއެމްގެ ރައީސް އައިމިންތު އީނާޒް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އިކްރާމް ވިދާޅުވި ގޮތުގައި އިންސާނީ ހައްގުތަކަކީ ދުނިޔޭގެ އެއްވެސްތަނެއްގައި އެއްގޮތް އެއްޗެއް ނޫން ކަމަށާއި އެކި ގައުމުތަކުގައި އިންސާނީ ހައްގުތައް އޮންނަނީ އެބައެއްގެ ދީނާއި އަދި ސަގާފަތާ ފުށޫނާރާ ގޮތަށް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދިވެހިން އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކާއިރު ދިވެިރާއްޖޭގެ އިންސާނީ ހައްގުތަކުގެ ނާރެހަކީ މާތްވެގެންވާ އިސްލާމްދީން. މީގެ އަށްސަތޭކަ އަހަރު ކުރިއްސުރެ އަޅުގަނޑުމެން ބަލައިގަތް މި ދީނުގައި އޮތް އިންސާނީ ހައްގުތައް އެއީ ދިވެހިރާއްޖޭގެ އިންސާނީ ހައްގުތަކުގެ އަސާސް. އެ އަސާސްތަކުގެ އިމުން ބޭރުވާ ގޮތަކަށް ރާއްޖޭގެ އިންސާނީ ހައްގުތައް ހޯދަދޭކަށް އެހެން ބަޔަކަށް ނާދެވޭނެ. އެކަމެއް ނުކުރަވޭނޭ. އެކަމަށް މިފަސްގަޑުން ޖާގައެއްވެސް ނުދެވޭނެ،" އިކްރާމް ވިދާޅުވިއެވެ.
ހިއުމަން ރައިޓްސް ކުއިޒަކީ ދެހާސްބާރަވަނަ އަހަރުން ފެށިގެން އެޗްއާރްސީއެމުން ކުރިއަށް ގެންދާ މުބާރާތެކެވެ. އެ މުބާރާތުގައި މިއަހަރު ސެމީ ފައިނަލަށް ދަތުކުރި ސްކޫލުތަކަކީ ތާޖުއްދީން، ޢިމާދުއްދީން، މުހްޔިއްދީން، ޢަރަބިއްޔާ އެވެ.