މުވައްޒަފުންގެ ގާބިލުކަން އިތުރުކުރަން އެޗްއާރްސީއެމާއި ސީއެސްސީ އެއްބަސްވުމަކަށް

މުވައްޒަފުންގެ ގާބިލުކަން އިތުރުކުރަން އެޗްއާރްސީއެމާއި ސީއެސްސީ އިން އެއްބަސްވުމެއްގައި އޮސިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.... ފޮޓޯ/ އެޗްއާރުސީއެމް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާ ދެމެދު ތަޖުރިބާއާއި ފަންނުވެރިކަން އަދި ވަސީލަތްތައް ހިއްސާކޮށް، މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށްޓަކައި މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ސީއެސްސީގެ ފަރާތުން މަސައްކަތްތައް ވިލަރެސްކުރުމަށް ހަމަޖެހިފައި ވަނީ ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓް (ސީއެސްޓީއައި) އިންނެވެ.

މި އެއްބަސްވުމުގެ ދަށުން ސީއެސްޓީއައިގެ ތަމްރީނު ޕްރޮގުރާމްތަކާއި ވަސީލަތްތަކުން އެޗްއާރްސީއެމްގެ މުވައްޒަފުންނަށް ފުރުސަތު ފަހިކޮށްދިނުމާއި، ސިވިލް ސާވިސް މުވައްޒަފުންނަށް ޚާއްސަކޮށްގެން އިންސާނީ ޙައްގުތަކާއި ވިސްލްބްލޯކުރުމާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ދެފަރާތް ގުޅިގެން ދިރާސީ މަސައްކަތްތަކާއި ސެމިނާތަކާއި މަސައްކަތު ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން، އިންސާނީ ޙައްޤުތަކުގެ ބައިތައް ހިމެނޭހެން ތަމްރީނު މަންހަޖުތައް ފަރުމާކުރުމާއި ދެ އިދާރާގެ ދެމެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.

މުވައްޒަފުންގެ ގާބިލުކަން އިތުރުކުރަން އެޗްއާރްސީއެމާއި ސީއެސްސީ އެއްބަސްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން... ފޮޓޯ/ އެޗްއާރުސީއެމް

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްއާރްސީއެމްގެ ރައީސް ޑރ. ޢާއިޝަތު ރަމީލާ އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޒް މުޙައްމަދު މުޖުތާޒު ވަނީ ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ޑރ. ޢާއިޝަތު ރަމީލާ ދެއްކެވި ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ ދައުލަތުގެ މުއައްސަސާތަކުގައި އިންސާނީ ޙައްގުތަކުގެ އަސާސްތައް އަށަގަންނުވައި، މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.

މީގެއިތުރުން އަލްއުސްތާޒް މުޙައްމަދު މުޖުތާޒުގެ ވާހަކަފުޅުގައި މިފަދަ ގުޅުންތަކުގެ ސަބަބުން ސިވިލް ސާވިސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ފާހަގަކުރެވޭގޮތުގައި އެޗްއާރްސީއެމްއަކީ ދިވެހިރާއްޖޭގައި އިންސާނީ އަސާސީ ޙައްގުތައް ހިމާޔަތްކޮށް، އެ ޙައްގުތައް ކުރިއެރުވުމަށްޓަކައި ގާނޫނީ ގޮތުން އުފައްދާފައިވާ މުއައްސަސާއެކެވެ.

މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރާއްޖޭގައި އިންސާނީ ޙައްގުތަކާ ޚިލާފުވާ ކަންކަން ބަލައި ތަޙުގީގު ކުރުމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ބައިނަލްއަގްވާމީ މުޢާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ރައްޔިތުންގެ ޙައްގުތައް ރައްކާތެރިކުރުމުގެ އިތުރުން އިންސާނީ ޙައްގުތަކާ ގުޅޭގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޖަލުތަކާއި އެކި މަރުކަޒުތަކުގެ ޙާލަތު މޮނިޓަރކޮށް ބެލެހެއްޓުންހިމެނެއެވެ.

މީގެ އިތުރުން ސިވިލް ސާވިސް ކޮމިޝަން އަކީ ވެސް ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ، ދައުލަތުގެ އިދާރީ ޚިދުމަތްތައް ބަލަހައްޓައި ތަރައްގީކޮށް ހިންގުމުގެ އެންމެ އިސް މުއައްސަސާއެވެ.

މި ކޮމިޝަނުގެ މައިގަނޑު ބައެއް މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސިވިލް ސާވިސްގެ ސިޔާސަތު ކަނޑައެޅުމާއި ސަރުކާރުގެ އިދާރާތަކަށް މުވައްޒަފުން ނެގުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި، ތަމްރީނުކުރުމުގެ އިތުރުން މުވައްޒަފުންގެ ސުލޫކީ މިންގަނޑުތައް އެކަށައަޅައި ތަންފީޒުކުރުން ހިމެނެއެވެ.

comment ކޮމެންޓް