އެޗްއާރްސީއެމާއި ފިލިޕީންސްގެ ހިއުމަން ރައިޓްސް ކޮމިޝަނާ ދެމެދު ގުޅުން ބަދަހިކުރުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފި

އެޗްއާރުސީއެމް އާއި ފިލިޕީންސްގެ ކޮމިޝަން އޮން ހިއުމަން ރައިޓްސްއާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެޗްއާރްސީއެމް

ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ފިލިޕީންސްގެ ކޮމިޝަން އޮން ހިއުމަން ރައިޓްސްއާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.

ފިލިޕީންސްގެ ކުއެޒޯން ސިޓީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސޮއިކުރެވުނު މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ، ގައުމީ އިންސާނީ ހައްގުތަކާ ބެހޭ މި ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، މައުލޫމާތާއި ތަޖުރިބާ ހިއްސާކުރުމުގެ އިތުރުން ދެ މުއައްސަސާގެ ގާބިލުކަން އިތުރުކުރުމެވެ.

މި ރަސްމިއްޔާތު ފެށިގެން ދިޔައީ ފިލިޕީންސްގެ ކޮމިޝަން އޮން ހިއުމަން ރައިޓްސްގެ ޗެއާޕާސަން ރިޗާޑް ޕީ. ޕަލްޕަލް-ލަޓޮކް ދެއްކެވި ވާހަކައިންނެވެ. އެއަށްފަހު ހަފްލާގެ ބައިވެރިންނާ މުޚާތަބުކުރައްވައި އެޗްއާރުސީއެމްގެ ރައީސް ޑރ. އާއިޝަތު ރަމީލާ ވަނީ ވާހަކަ ދައްކަވާފައެވެ.

ޑރ. ރަމީލާގެ ވާހަކައިގައި، ދެ މުއައްސަސާގެ މެދުގައި އުނގެނުމުގެ ފުރުސަތުތައް ފަހިކުރުމަށާއި، ދެ ގައުމުގައި ވެސް އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް މި އެއްބަސްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި މި އެއްބަސްވުމުގެ ޒަރީއާއިން ދެ ގައުމުގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ރަނގަޅު ނަތީޖާތަކެއް ހާސިލުކުރެވޭނީ ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކޮށް، އަމަލީ މަސައްކަތްތަކެއް ކޮށްގެން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން އެޗްއާރުސީއެމްގެ ނައިބު ރައީސް މުހައްމަދު ޝަފީގު މަހްމޫދު ވަނީ އެ ކޮމިޝަނުގެ މެންޑޭޓާއި، ކުރިއަށްގެންދާ ޕްރޮގްރާމްތަކާއި އިސްނެގުންތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. މީގެއިތުރުން، ފިލިޕީންސްގެ ކޮމިޝަން އޮން ހިއުމަން ރައިޓްސްގެ ފަރާތުންވެސް އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި، ސިޔާސަތުތައް އެކަށައެޅުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަންތައް ހުށަހެޅިއެވެ.

މި އެމްއޯޔޫގެ ދަށުން ގުޅިގެން ހިންގާ ތަމްރީނުތަކާއި، ދިރާސާ ދަތުރުތައް ކުރުމުގެ އިތުރުން މައުލޫމާތު ހިއްސާކުރުމުގެ ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އޮނިގަނޑެއް އެކުލަވާލެވިގެންދާނެ ކަމަށް އެޗްއާރްސީއެމުން މައުލޫމާތު ދިނެވެ.

comment ކޮމެންޓް