ނިލަންދޫ ގޭބިސީތަކުގެ ކަރަންޓު ބިލުން 75 ޕަސެންޓު އުނިކޮށްދީފި

ފ. ނިލަންދޫ -- ފޮޓޯ: ޓްރިޕް އެޑްވައިޒާ

މިއަހަރުގެ ރޯދަ މަހު ފ. ނިލަންދޫގެ ގޭބިސީތަކުގެ ކަރަންޓު ބިލުތަކުން 75 ޕަސެންޓު އުނިކޮށްދީފިއެވެ.

ނިލަންދޫގައި ކަރަންޓު ދެނީ ރައްޔިތުންގެ އިންޖީނުގެއަކުންނެވެ. އެ އިންޖީނުގެ ބަލަހައްޓަނީ އެރަށު ކައުންސިލުންނެވެ.

އެރަށު ކައުންސިލްގެ ނައިބް ރައީސް އަލީ މުހައްމަދު "ސަން" އަށް ވިދާޅުވީ، ކޮންމެ އަހަރެއްގެ ރޯދަ މަހުވެސް ރަށު ރައްޔިތުންނަށް ކަރަންޓު ބިލުން 50 ޕަސެންޓު އުނިކޮށްދޭ ކަމަށެވެ. ނަމަވެސް މިއަހަރުގެ ރޯދަ މަހު އެރަށަށް ކަރަންޓު ދިނުމުގައި ދަތިތަކެއް ދިމާވެ ރަށުން ކަރަންޓު ކަނޑައިގެން ދިއުމާ ގުޅިގެން ކަރަންޓު ބިލުން 75 ޕަސެންޓު އުނިކުރަން ނިންމީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބުނު ގެއްލުންތަކަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށެވެ.

"މި ރޯދަ މަހު ކަރަންޓު ދިނުމުގައި ދަތިތަކެއް ދިމާވެ ރައްޔިތުން ގެންގުޅޭ ބައެއް އިލެކްޓްރޯނިކް ތަކެއްޗަށް ވަނީ ގެއްލުން ލިބިފަ. އެހެންވެ އެކަންކަމަށްވެސް ރިއާޔަތްކޮށް މިފަހަރު ކައުންސިލުން ނިންމީ 75 ޕަސެންޓު ކަރަންޓު ބިލުން އުނިކުރަން،" އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ފާއިތުވި މަހުގެ ބިލް މިހާރު ގޭބިސީތަކަށް ފޮނުވާފައިވާ ކަމަށާއި ބިލުގައި ހިމަނާފައިވަނީ 75 ޕަސެންޓު އުނިކުރުމަށްފަހުގައި ކަމަށެވެ.

ނިލަންދޫ އަކީ 2300 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެރަށުގައި 215 ގޭބިސީ ހުރެއެވެ.

comment ކޮމެންޓް