އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގައި މިހާރު ކުރިއަށްދާ އަބޫދާބީ ސަސްޓެއިނެބިލިޓީ ވީކްގައި ފ. އަތޮޅު ތައުލީމީ މަރުކަޒަށް، ޝަރަފުވެރި އެވޯޑެއް ލިބިއްޖެއެވެ.
އެގޮތުން ފ. އަތޮޅު ތައުލީމީ މަރުކަޒަށް ލިބިފައިވަނީ ޒައިދު ސަސްޓެއިނެބިލިޓީ އެވޯޑު، ބައިނަލްއަގުވާމީ ސާނަވީ ސްކޫލްތަކުގެ ދެކުނު އޭޝިއާގެ ކެޓަގަރީންނެވެ.
އެ ސުކޫލަށް މި އެވޯޑު ހަވާލުކުރީ "ޒައިދު ސަސްޓެއިނެބިލިޓީ ވީކް" ފެށުމުގެ ރަސްމިއްޔާތުގައެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޑރ. ޢަބްދުالله ޚަލީލް ބައިވެރިވެވަޑައިގެންނެވިއެވެ. ނިލަންދޫގައި ހުންނަ ފ. އަތޮޅު ތައުލީމީ މަރުކަޒަށް މި އެވޯޑު ލިބުނުއިރު، ފާހަގަކުރެވޭ ގޮތުގައި ޚަލީލަކީ ނިލަންދުއަށް އުފަން، ނިލަންދޫ ބޭފުޅެކެވެ.
ފ. އަތޮޅު ތައުލީމީ މަރުކަޒަށް ޒައިދު ސަސްޓެއިނެބިލިޓީ އެވޯޑު ލިބިފައިވަނީ އެ ސުކޫލުގެ ދަރިވަރުން، ވައިގެ ހަކަތައާއި އިރުގެ ހަކަތަ ބޭނުންކުރުމާއި، ވާރޭފެން ރައްކާކޮށް ފެން މެނޭޖުކުރުމާއި، ދެމެހެއްޓެނިވި ދަނޑުވެރިކަން ހިމެނޭހެން ފަރުމާކޮށްފައިވާ މަޝްރޫއަށެވެ.
މި މަޝްރޫއުގެ މަގުސަދަކީ ފުޑް ސެކިއުރިޓީ ގާއިމްކޮށް، ތިމާވެށި ހިމާޔަތްކުރުމަށާއި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ބާރުއެޅުމެވެ.
ހަމަ މި މަޝްރޫއުގެ ސަބަބުން ފ. އަތޮޅު ތައުލީމީ މަރުކަޒާއި އެ ރަށުގެ ހޮސްޕިޓަލު ހިންގުމަށް ބޭނުންވާ ހަކަތަ ފޯރުކޮށްދެވި، ކާބަންޑައިއޮކްސައިޑް ބޭރުކުރާ ވަރު އަހަރަކު 120 ޓަނު މަދުކޮށްދޭނެއެވެ.
މި އެވޯޑު ލިބުމަކީ އުފަލެއްކަން ފާހަގަކޮށް ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ބުނީ، ފ. ނިލަންދުއަކީ ކުޑަ ރަށެއް ކަމަށެވެ. އެހެންވެ ސާފު ބޯފެނާއި މުހިންމު ވަސީލަތްތައް ލިބުމުގައި ދަތިތައް ދިމާވާ ކަމަށެވެ.
އެގޮތުން ފެނާއި ކާބޯތަކެތި މަދުވުމުގެ ސަބަބުން ދިރިއުޅުމަށް ކުރާ އަސަރު ފެނިފައިވާ ކަމަށް، ދަރިވަރުން ބުންޏެވެ.
އެހެންކަމުން މި އުފެއްދި މަޝްރޫއަކީ މި ކަންކަމަށް ހައްލު އަންނަންދެން މަޑުކޮށްގެން ތިބުމުގެ ބަދަލުގައި މި ކަންކަން ހައްލުކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ ކަމަށް، ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ދަރިވަރުން ވަނީ ބަނބުކޭލާއި ބޭސްވެރިކަމުގައި ބޭނުންކުރާ ބައެއް ގަސްގަހާގެހި އިންދައިފައެވެ.
އެހެން ސްކޫލުތަކާއި ރަށްރަށަށް ވެސް މި މަޝްރޫއު ހިއްސާކުރުމަށް ވިސްނަމުން އަންނަ ކަމަށާއި، އޭރުން ކުދި މުޖުތަމައުތަކަށް ހެޔޮ ބަދަލުތައް އަންނާނެ ކަމަށް ގަބޫލުކުރާ ކަމަށް، ދަރިވަރުން ބުންޏެވެ.
ދެހާސް އަށްވަނަ އަހަރުން ފެށިގެން ދެމުން އަންނަ ޒައިދު ސަސްޓެއިނެބިލިޓީ އެވޯޑު ދެނީ ޔޫއޭއީގެ ބާނީ ޝައިޚް ޒައިދު ބިން ސުލްޠާން އައްނަޙްޔާންގެ ނަންފުޅުގައެވެ. މި އެވޯޑު ދެނީ އީޖާދީގޮތެއްގައި މުޖުތަމައަށް ހެޔޮ ބަދަލުތައް ގެންނަ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
ފާހަގަކުރެވޭ ގޮތުގައި، ޒައިދު ސަސްޓެއިނެބިލިޓީ އެވޯޑު 2015ވަނަ އަހަރު އައްޑޫ ހައި ސްކޫލުން ވެސް ހާސިލުކޮށްފައިވެއެވެ.