ނިލަންދޫގައި މަސް ބަންދުކުރާ ކާރުހާނާ ހަދަން ބޭނުންވާ ބިން ހިއްކަން ފަށައިފި

ނިލަންދޫގައި ގާއިމްކުރާ ކޭނިން ފެކްޓްރީއަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި -- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ފ. ނިލަންދޫގައި ގާއިމުކުރާ މަސް ބަންދުކުރާ ކާރުހާނާއަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫއަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް، އުފެއްދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން ޒަމާނީ ފެންވަރުގެ ބަނދަރެއް ހެދުމާއި، މަސް ރައްކާކުރެވޭނެ ބޮޑު ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިން ދ. މާދެލީގައި އެޅުމަށް ނިންމި މި ފެކްޓްރީ، ފަހުން ނިލަންދޫއަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

  • ފ. ނިލަންދޫގައި މަސް ބަންދުކުރާ ކާރުހާނާގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުން
  • ދުވާލަކު 50 ޓަނުގެ މަސް ދަޅު ބަންދުކުރެވޭނެ އާލާތްތައް ގާއިމުކުރުން
  • 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އެޅުމަށް ނިންމުން
  • ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ މަޝްރޫއު ހަވާލުކުރުން

ފ. ނިލަންދޫގައި ގާއިމުކުރާ މަސް ބަންދުކުރާ ފެކްޓްރީއަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.

މިނިސްޓްރީން ވަނީ ނިލަންދޫގައި ގާއިމުކުރާ މަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ބުނެފައެވެ. އަދި، މި މަޝްރޫގެ ދަށުން ގާއިމުކުރާ ކާރުޚާނާގައި ދުވާލަކު 50 ޓަނުގެ މަސް ދަޅު ބަންދުކުރެވޭނެެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ވަނީ މި މަޝްރޫޢުގެ ދަށުން 1،500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ވެސް އެޅުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.

ފާހަގަކޮށްލޭވޭ ގޮތުގައި، ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވަނީ ރާއްޖޭގެ މަސް ބަންދުކުރުމުގެ ސިނާއަތަށް އިންވެސްޓްމެންޓު ހޯދުމަށް ޗައިނާގެ ސަފީރާއި މީގެ ކުރިން މަޝްވަރާ ކުރައްވާފައެވެ.

އަދި، ރާއްޖޭގައި މަސް ޕްރޮސެސްކުރުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި، ތިން ސަރަހައްދެއްގައި މަސް ޕްރޮސެސްކުރާ ފެކްޓްރީތައް އެޅުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ.

އެ ގޮތުން، ފުރަތަމަ ޅ. ފެލިވަރާއި ދ. މާދެލީގެ އިތުރުން ގދ. ފިޔޯރީގައި މަސްފެކްޓްރީ އެޅުމަށް ނިންމި ނަމަވެސް މާދެލީގައި އަޅަން ނިންމި މަސް ފެކްޓްރީ ފ. ނިލަންދޫގައި އަޅަން ފަހުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް