ފ.ނިލަންދޫގެ ކަތީބުކަން ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި އެ ރަށުގެ އަތިރީގޭ އަޙްމަދު މޫސާ ނުވަތަ ނިލަންދޫ މީހުންގެ ނަމުން ނަމަ ކަތީބުދޮންބެ އުމުރުފުޅުން 100 އަހަރުގައި މިއަދު އަވަހާރަވެއްޖެއެވެ.
އޭނާގެ އާއިލާގެ މެންބަރަކު ވަނީ މިއަދު ކަތީބުދޮންބެ އަވަހާރަވިކަން 'ސަން'އަށް ކަށަވަރުކޮށްދެއްވާފައެވެ.
އާއިލާއިން މައުލޫމާތު ދޭ ގޮތުގައި ކަތީބުދޮންބެ އުފަންވެފައިވަނީ ހިޖުރީ ސަނަތުން 1347 ވަނަ އަހަރުގެ ރަބީޢުލްއައްވަލު 26 ވަނަ ދުވަހެވެ. މީލާދީގޮތުން އެ ތަރީޚު ދިމާވަނީ ސެޕްޓެންބަރު, 10, 1928 އެވެ. އެހެންކަމުން މީލާދީގޮތުން ބަލާނަމަ ކަތީބުދޮންބެގެ އުމުރަކީ 97 އަހަރެވެ.
އެކަމަކު، ހިޖުރީ ގޮތުން އޭނާއަށް ވަނީ 100 އަހަރު ފުރިފައެވެ.
އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުން، މިއަދު މެންދުރު ފަހު 3:08 އެހާކަންހާއިރު ކަތީބުދޮންބެ އަވަހާރަވީ ނިލަންދޫ ހޮސްޕިޓަލުގައެވެ. އަވާހަރަވިއިރު އޭނާގެ ހުރިހާ ކުދިން ވެސް ތިބީ އެ ރަށުގައެވެ.
ކަތީބުދޮންބެގެ ޖަނާޒާ ބާއްވަން ހަމަޖެހިފައިވަނީ މިރޭ އިޝާނަމާދަށް ފަހެވެ.
ކަތީބުދޮންބެގެ މިހާރުގެ އަނބިކަނބަލުން މަރްޔަމް ހަމީދާގެ އުމުރުން 87 އަހަރެވެ. ކަތީބުދޮންބެގެ 11 ކުދިންގެ މަންމައަކީ ހަމީދާއެވެ. ކަތީބުދޮންބެގެ ކާފަދަރިންނާއި މުނިކާފަ، ހޫރުކާފަ ދަރީންގެ އަދަދު 200 އަށްވުރެ މައްޗެވެ. އެއީ ނިލަންދޫއަށް އެތައް ގިނަގުނަ ޚިދުމަތެއް ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުން އަންނަ އެ ރަށަށް ވަރަށް ޚާއްސަ އާއިލާއެކެވެ.
ކަތީބުދޮންބެގެ ގިނަ ދަރިންނަކީ ވަރަށް ފާހަގަކޮށްލެވޭ ބޭފުޅުންނެވެ. އޭގެ ތެރޭގައި ކުރީގެ މަޖިލިސް މެންބަރު, އަލީ އަޙްމަދާއި ހިތުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު އަބްދުލް އަޒީޒް އަޙްމަދާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްލަތީފް އަޙްމަދު (އުދަރެސް ލަތީފް) ހިމެނެއެވެ. މީގެ އިތުރުން ވެސް ނިލަންދޫގެ އިސް މަގާމުތައް ކަތީބުދޮންބެގެ ދަރިން ފުރުއްވިއެވެ.
ކާފަދަރިންގެ ތެރޭގައި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަންވަރު އަލީއާއި ފަރުހާދު އިސްމާއީލްގެ އިތުރުން ހައި ކޯޓުގެ މީޑިއާ އޮފިޝަލް, އަދި ކުރީގެ ނޫސްވެރިޔާ އަމީން ފައިސަލް ހިމެނިވަޑައިގަންނަވައެވެ. އަދި، މިހާރު އިލެކްޝަންސް ކޮމިޝަންގެ މެންބަރަކަށް ހުންނެވި, އަބްދުލް ހަސީބު އިސްމާއީލަކީ ކަތީބުދޮންބެގެ މުނި ކާފަ ދަރިއެކެވެ.

ނިލަންދޫ ކަތީބުދޮންބެ އާއިލާއާ އެކު: އޭނާ މިއަދު ވަނީ އަވަހާރަވެފައި --- ފޮޓޯ/ އަމީން ފައިސަލް
ކާފަދަރިންނާއި މުނި ކާފަ ދަރިންގެ ތެރޭގައި, ޑޮކްޓަރުންނާއި އިންޖީނިއަރުންގެ އިތުރުން ޕައިލެޓުންނާއި ޓީޗަރުން ފަދަ ގައުމަށް އެކި ރޮނގުތަކުން ޚިދުމަތް ކުރައްވާ ގިނަ ބޭފުޅުންތަކެއް ހިމެނިވަޑައިގަންނަވައެވެ.
ނިލަންދޫގެ ކަތީބުކަން ގިނަ ދުވަސްތަކެއް ކުރެއްވުމުގެ އިތުރުން ކަތީބުދޮންބެއަކީ އަބަދުވެސް ވަރަށް ހަރަކާތްތެރި ބޭފުޅެއް ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ. އެގޮތުން، ބޮޑުތަދާދިމާކޮށް އޭނާ އިސްވެ ހުންނަވައި ނިލަންދޫގައި ވަރަށް ބޮޑަށް ދަނޑުވެރިކަން ފުޅާ ކުރައްވަން މަސައްކަތް ކުރެއްވެވިއެވެ. އެގޮތުން 1990 ވަނަ އަހަރު ކަތީބުދޮންބެއަށް ދިވެހި ސަރުކާރުން ވަނީ ދަނޑުވެރިކަން ކުރެއްވުމުގެ ދާއިރާއިން އާންމުޚިދުމަތުގެ އިނާމު ވެސް ދެއްވައިފައެވެ.
ކަތީބުދޮންބެގެ ބޭފުޅެއް ކަމަށްވާ އުދަރެސް ލަތީފް, މީގެ ކުރިން "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ބައްޕަގެ ދިގު އުމުރުގެ ސިއްރެއް ކަމަށް އޭނާއަށް ފާހަގަ ކުރެއްވެނީ ހަރަކާތްތެރިކަމާއި މަސައްކަތްތެރި ކަމެވެ. ރަށުގެ ވެރިކަން ކުރެއްވުމުގެ އިތުރުން ގިނައިން އުޅުއްވީ ކޮންމެ ވެސް މަސައްކަތެއްގައި މަސްއޫލުވެވަޑައިގެން ކަމަށް ލަތީފް ވިދާޅުވިއެވެ. އެގޮތުން މަސްވެރިކަމާއި ވަޑާމާއި ދަނޑުވެރިކަން ކުރައްވައެވެ.
ހަމައެހެންމެ ގަޑިން ގަޑިއަށް ކެއިންބެއްލެވުމުގެ ކަންކަމަށް އަބަދު ވެސް ވަރަށް ސަމާލުކަން ދެއްވާ ކަމަށާއި ގިނައިން ކެއިންބައްލަވަނީ ދިވެހި ކެއުންތައް ކަމަށް ލަތީފް ވިދާޅުވިއެވެ. އަދި، ޚާއްސަކޮށް އަބަދު ވެސް ދީނުގެ އަޅުކަންތަކަށް ވަރަށް ބޮޑަށް ފަރުވާތެރިވެލައްވާކަން ލަތީފް ފާހަގަކުރެއްވެވިއެވެ.
ކަތީބުދޮންބެ އަވަހާރަވިއިރު ދިރިއުޅުއްވަމުން ގެންދެވީ އާއިލާއާ އެކު ނިލަންދޫގައެވެ. އޭނާއަކީ އެ ރަށުގެ ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމު ހޯއްދަވާފައިވާ ޚިދުމަތްތެރިއެކެވެ.