އެމްޑީޕީ ވަނީ ހިސޯރުކޮށްފައި، އެކަމުގައި އެންމެ އިސްކޮށް ހުރީ ނަޝީދު: އުމަރު

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބޫ އާއި އެކު އުމަރު ނަސީރު(ކ) -- ސަން ފައިލް ފޮޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީ އެމްޑީޕީ ވަނީ ލާދީނީ ފިކުރުގެ ބަޔަކު ހިސޯރުކޮށްފައި ކަމަށާއި އެކަމުގައި އެންމެ އިސްކޮށް ހުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ޕާޓީގެ މެމްބަރުންނަށް މަރުހަބާ ވިދާޅުވެ ނެރުނު ބަޔާނެއްގައި އުމަރު ވިދާޅުވީ އެމްޑީޕީ އުފައްދާފައި ވަނީ ވަރަށް މުނާސަބަތު ވަގުތެއްގައި ނަމަވެސް އެ ޕާޓީ އުފެދުމާ އެކު 'ލާދީނީ' ފިކުރުގެ މަދު ބަޔަކު ވަނީ އެ ޕާޓީ ހިސޯރުކޮށްފައި ކަމަށެވެ.

އުމަރު ދެކޭ ގޮތުގައި އެ މީހުންގެ އެންމެ އިސްފަރާތެއްގެ ގޮތުގައި މިއަދާ ހަމައަށް ވެސް ހުރީ އެ ޕާޓީ އުފެއްދުމުގައި ވެސް އެންމެ އިސްކޮށް އުޅުއްވި އަދި އެ ޕާޓީގެ ފުރަތަމަ ޗެއާޕާސަން، ކުރީގެ ރައީސް މުހަންމަދު ނަޝީދެވެ.

ނަޝީދުގެ އަތް ދަށުން އެމްޑީޕީ ސަލާމަތް ކުރުމަށް ގިނަ ބަޔަކު މަސަތްކަތް ކުރެއްވިކަން ފާހަގަކޮށް އުމަރުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ނަޝީދުގެ ވަކިތަކުން އެމްޑީޕީ ސަލާމަތްކުރުމަށް މަސަތްކަތް ކުރާ ކޮންމެ މީހަކު ވެސް އެޕާޓީން ބޭރު ކުރަމުން ދާ ކަމަށެވެ.

"އެމްޑީޕީ ހިސޯރުކޮށްފައިވާ ކުރުމުން، އެ ޕާޓީ ސަލާމަތް ކުރެވޭތޯ އެ ޕާޓީގެ އިންތިހާބީ ތިން ރައީސުން ކަމަށްވާ އިބްރާހިމް އިސްމާއިލް، ޑރ. މުނައްވަރު އަދި ޑރ. ޑީޑީ މަސަތްކަތް ކުރެއްވި. މި ބޭފުޅުންނަކީ ވަރަށް ފުންނާބު އުސް ސިޔާސީ ބޭފުޅުން. ނަމަވެސް މި ތިން ބޭފުޅުން ވެސް ވަނީ ޕާޓީގެ ރައީސް ކަމުން ދުރުކޮށްފައި،" އުމަރުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި އަދި އެ ޕާޓީގެ ކުރީގެ ޗެއާޕާސަންގެ މަގާމް ވެސް އަދާކޮށްފައިވާ ރީކޯ މޫސާ މަނިކު އެމްޑީޕީން ވަކިކުރި ސަބަބެއްގެ ގޮތުގައި ވެސް އުމަރު ތުހުމަތުކޮށްފައި ވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލާން އިއުލާން ކުރުމެވެ. އަދި ނަޝީދުއާ ދެކޮޅަށް އަޑު އުފުލަމުން ގެންދަވާ އެ ޕާޓީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހްމީ ވެސް ޕާޓީން ވަކިކޮށްފައިވާ ކަން އުމަރު ވަނީ ފާހަގަކޮށްފަ އެވެ.

އުމަރުގެ ބަޔާނުގައި ބުނީ އެމްޑީޕީގެ އެތެރޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވައިފި ނަމަ ރައީސް ނަޝީދުގެ ޓީމަށް ކާމިޔާބެއް ނުލިބޭނެ ކަމަށެވެ. އަދި އެ ސަބަބަށް ޓަކައި އެމްޑީޕީން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބާއްވައި ކުރިއަށްދާ ކަމަށް ވެސް އުމަރު ވަނީ ތުހުމަތުކޮށްފަ އެވެ.

އުމަރުގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުއާ ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ އެ ޕާޓީން ވޭތުވެ ދިޔަ 12 އަހަރު ކުރަމުން އައި މަސަތްކަތް ދިވެހި ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން އަންނަނީ ބަލައިގަންނަމުން ކަމަށާއި އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއަށް ބެލި ނަމަވެސް އެކަން ސާބިތު ވެގެންދާ ކަމަށެވެ.

"އެމްޑީޕީން ކުރަމުން އައި މަސަތްކަތް އެ ވަނީ ލޯކަލް ކައުންސިލް އިންތިހާބުން ވަރަށް ސާފުކޮށް ދިވެހިންގެ އަގްލަބިއްޔަތުން ދައްކުވައިދީފަ އެމްޑީޕީއަށް އޮތް ކާމިޔާބު. އަޅުގަނޑުމެން މިކުރާ މަސަތްކަތުގެ ފޮނި ނަތީޖާ ވަރަށް އަވަހަށް އަނެއްކާ ވެސް ދިވެހީންނަށް ފެނިގެން ދާނެ،" ހަސަން ލަތީފް ވިދާޅުވިއެވެ.

comment ކޮމެންޓް