ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ގދ. ނަޑެއްލާއާއި ރ. އަލިފުއްޓަށް ކުރިއަށް އޮތް ގަޑިއެއްހާ އިރު ތެރޭ ކަރަންޓު ދެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މިރޭ "ސަން" އަށް ވިދާޅުވީ ނަޑެއްލާގައި ބޭނުން ކުރާ ޖަނެރޭޓަރުގެ އިންޖެކްޓަރުގައި ދިމާވި މައްސަލަ ހައްލު ކުރުމަށް އެކުންފުނީގެ ސަދާން ރީޖަނުގެ އިންޖީނެރުން އެ ރަށުގައި މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްލަ ހައްލު ކުރެވި ކުރިއަށް އޮތް ގަޑިއެއްހާ އިރު ތެރޭ އެރަށަށް ކަރަންޓު ދެވޭނެ ކަމަށެވެ.
އަދި އަލިފުށިން ކަރަންޓު ކަނޑައިގެން ދިއުމާ ގުޅިގެން އެރަށު އިންޖީނުގޭގައި ބޭނުން ކުރާ 400 ކިލޯ ވޯޓުގެ ޖަނެރޭޓަރުގެ ރޭޑިއޭޓަރުގައި މައްސަލަ ޖެހިގެން އެ މައްސަލަ ހައްލު ކޮށް މިއަދު 5:30 ހާއިރު ކަރަންޓު ދޭން ފެށި ނަމަވެސް މިރޭ 08:00 ގައި އަނެއްކާ ކަރަންޓު ކަނޑައިގެން ގޮސްގެން އަލުން އެ ޖަނެރޭޓަރުގެ މޮޑިއުލް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"އަޅުގަނޑު ދެންމެ ގުޅާލިން އެކޮޅަށް. ވިދާޅުވީ 45 ވަރަކަށް މިނެޓު ތެރޭ ކަރަންޓު ދެވޭނެ ކަމަށް،" ޝަރީފު ވިދާޅުވި އެވެ.
ދެހާސް އަށް ސަތޭކަ މީހުންގެ އާބާދީއެއް އޮންނަ އަލިފުށިން ކަރަންޓު ކަނޑައިގެން ދިޔައީ މިއަދު ހެނދުނު 10:30 ހާއިރު އެވެ.