ފެނަކައިގެ ކުރީގެ އެމްޑީ މުއާޒް، އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ ކަމަށް އައްޔަނުކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު: އޭނާ އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ ކަމަށް ވަނީ އައްޔަންކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު، ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަނުކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ފެނަކައިގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި މުއާޒް އެ މަގާމުން އިސްތިއުފާދެއްވީ ޑިސެންބަރު 23، 2024ގައެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި މުއާޒް އެމްޑަބްލިއުއެސްސީގެ ބޯޑަށް އައްޔަންކުރަން އެ ކުންފުނިން ވަނީ ފާސްކޮށްފައެވެ.

ފެނަކައިން އިސްތިއުފާދެއްވައި އޭރު މުއާޒް އާންމުކުރެއްވި ސިޓީއެއްގައި ވަނީ، އޭނާ މަގާމާ ހަވާލުވެވަޑައިގެން ހުންނެވި އެއް އަހަރުގެ ތެރޭ ކުންފުނި ހިންގަން ދިމާވި ދަތިތަކާއެކުގައި ވެސް ރައްޔިތުންނަށް މެދުނުކެނޑި ޚިދުމަތް ފޯރުކޮށްދިނުމުގައި އެދެވޭ ނަތީޖާއެއް ހާސިލްކުރެވިފައިވާ ކަމަށެވެ.

އެ ސިޓީގައި މުޢާޒް ލިޔުއްވައިފައިވާ ގޮތުގައި، ފެނަކަ ސަލާމަތްކުރުމަށް ތައްޔާރުކޮށްފައިވާ ޕްލޭންތައް ކަމާގުޅޭ އިދާރާތަކާ ހިއްސާކުރި ނަމަވެސް އެކަމުގެ އެއްވެސް އަލިމަގެއް ފެނިފައި ނުވެއެވެ.

އިސްތިއުފާދެއްވި ސަބަބެއް ކަމަށް އޭނާ ލިޔުއްވައިފައި ވަނީ، ފެނަކައިގެ ޚަރަދު ބޮޑުވެ، ދެމެހެއްޓެނިވި ގޮތެއްގައި އޮޕަރޭޝަން ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ކުންފުނި ވެއްޓިފައިވާތީއާއި، އޭނާ ހުރެގެން އިތުރަށް އެ ކަން ރަނގަޅު ކުރެވޭނެ މަގެއް ނުފެންނާތީއެވެ.

https://sun.mv/200603

މުއާޒް އިސްތިއުފާދެއްވުމާއެކު، ރައީސަށް ތާއީދުކުރާ 'އެކްސް' އެކައުންޓަކުން ވަނީ މުއާޒްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައެވެ. އެކަމަކު އެ ތުހުމަތުތައް އޭނާ ވަނީ ދޮގުކުރައްވައިފައެވެ.

comment ކޮމެންޓް