ވިލާތުން ފިޔަވަޅު އަޅާކަށް ނޫޅޭ، ބޭނުންވަނީ ރާއްޖެއާ އިތުރަށް ގުޅެން: ސަފީރު ޝިއާން

ރާއްޖެއިން އީޔޫއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝިއާން، ޔޫރަޕިއަން ކައުންސިލްގެ ރައީސް ޑޮނަލްޑް ޓަސްކާ އެކު ---

ވިލާތުގެ އިއްތިހާދުން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅައި، ގަރާރު ނެރޭކަށް ނޫޅޭ ކަމަށާއި، އެ އިއްތިހާދުން ބޭނުންވަނީ ރާއްޖެއާ އިތުރަށް ގުޅުން ބަދަހިކުރުމަށް ކަމަށް ކަމަށް ރާއްޖެއިން ވިލާތުގެ އިއްތިހާދަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު ޝިއާން ވިދާޅުވެއްޖެއެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގާނޫނު ހަދާ މަޖިލީހުގެ ފޮރިން ރިލޭޝަންސް ކޮމިޓީން މިއަދު ވަނީ، އީޔޫއާ ރާއްޖެއާ ދެމެދު އޮތް ގުޅުމާ ބެހޭގޮތުން ބައްދަލުވުމެއް ބާއްވައިފައެވެ. ވިލާތުގެ އިއްތިހާދުގެ ޕާލަމެންޓުން ކޮންމެ އަހަރަކުވެސް، އެކިއެކި ގައުމުތައް އެފަދައިން ހާޒިރުކޮށް، އެގައުމުތަކުގެ އަޕްޑޭޓުތަކާއި މައުލޫމާތު ހޯދާ ހަދައެވެ.

ރާއްޖެއިން ވިލާތުގެ އިއްތިހާދަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހްމަދު ޝިއާން މިއަދު ވިދާޅުވި ގޮތުގައި، މިއީ ރޫޓީންކޮށް ވިލާތުގެ އިއްތިހާދުން ކުރިޔަށް ގެންދާ ބައްދަލުވުންތަކެކެވެ.

އީޔޫ ޕާލަމެންޓް ---

ޝިއާން ވިދާޅުވި ގޮތުގައި، އެ ބައްދަލުވުމުގައި އީޔޫގެ ފޮރިން މިނިސްޓްރީ ގެ ބޭފުޅުން ހާޒިރުކޮށް، ރާއްޖެއާ އެކު އޮތް ގުޅުމާ މެދު ސުވާލުތަކެއް ކުރިއެވެ. އޭގެ ޖަވާބުގައި، އީޔޫގެ ފޮރިން މިނިސްޓްރީން ވަނީ، ރާއްޖެއާ އީޔޫ ގުޅިގެން ކުރި މަސައްކަތްތަކުގެ މައުލޫމާތު ފޮރިން ރިލޭޝަންސް ކޮމިޓީއަށް އަރުވައިފައެވެ. އެގޮތުން، އީޔޫއާ ރާއްޖެއާ ދެމެދު މިއަހަރު ބޭއްވި ޕޮލިސީ ޑައިލޮގާއި، ރާއްޖޭގެ މުއައްސަސާތައް ހަރުދަނާކުރަން އީޔޫއިން ކުރާ މަސައްކަތްތަކުގެ މައުލޫމާތުތައް ފޮރިން ރިލޭޝަންސް ކޮމިޓީއަށް ހިއްސާކުރިއެވެ.

ހަމަ އޭގެ އަނެއް ކޮޅުން އީޔޫއިން ވަނީ ރާއްޖެއަށް ބައެއް ކަންކަމުގައި ފާޑުކިޔުންތައް ވެސް އަމާޒުކޮށްފައެވެ. އެގޮތުން، ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް އުޅޭ އުޅުމަށް އީޔޫއިން ނުރުހުން ފާޅުކުރި އިރު، ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައިވެސް އީޔޫއިން ވާހަކަދެއްވިއެވެ.

"ޔާމީންގެ މަރުގެ މައްސަލައިގައި ދިވެހި ފުލުހުން ހަތް މީހަކު ހައްޔަރުކުރި ކުރުން އީޔޫއިން ވަރަށް ބޮޑަށް ބަލައިގަތް،" ސަފީރުު ޝިއާން ވިދާޅުވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމާ ބެހޭގޮތުން ޝިއާން ވިދާޅުވީ، ވިލާތުގެ އިއްތިހާދުން ބޭނުންވަނީ ރާއްޖެއާ އެކު އިތުރަށް ގުޅިގެން މަސައްކަތް ކުރުކަމަށެވެ.

"ޚާއްސަކޮށް ތިމާވެށީގެ ދާއިރާއިން. އީޔޫއިން ބުނީ ރާއްޖެއާ އެކު މަސައްކަތް ކުރަން ތިމަންނާމެން ވަރަށް ބޭނުންވެއޭ. ބައެއް ކަންކަން ރާއްޖެއާ ނުލައި ނުވާނެއޭ، ކަންކަމުގައި ރާއްޖޭގެ ބަސް ބޭނުންވެއޭ އީޔޫއިން ބުނި،"

ރާއްޖެއިން އީޔޫއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހްމަދު ޝިއާން ---

ޝިއާން ވިދާޅުވީ މިއީ ރާއްޖެއާ މެދު ގޮތް ކިޔުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމެއް ނޫން ކަމަށެވެ. އަދި މިއަދުގެ ބައްދަލުވުމުގައި ރާއްޖެއާ މެދު ފިޔަވަޅު އެޅުމަށް ވެސް ނިންމާފައި ނުވާ ކަމަށާއި، ފިޔަވަޅު އަޅަން ބޭނުންވެސް ނުވާކަމަށް އީޔޫއިން ބުނި ކަމަށް އީޔޫއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވިއެވެ.

"މިއަދުގެ ސްޓޭޓްމަންޓުގައިވެސް އެކަން ފާހަގަކުރި. މިދިޔަ ހަފްތާގައި ހަމަ މިފަދަ ބައްދަލުވުމެއް ޕާކިސްތާނާ އެކު ވެސް ބާއްވައި، އެގައުމާ ދެކޮޅަށް ގަރާރެއްވެސް ފާސްކުރި. މީގެ ކުރިން ސިންގަޕޫރާ ދެކޮޅަށްވެސް މިފަދައިން ގަރާރެއް ފާސްކުރި. އެކަމަކު މިއަދުގެ ބައްދަލުވުމުގައި އެބޭފުޅުން ވިދާޅުވި ފިޔަވަޅު އަޅާކަށް ނޫޅޭކަން،" ޝިއާން ވިދާޅުވިއެވެ.

"މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް