ޖަރުމަނާއި ޗިލީން ކޮންފެޑެރޭޝަންސް ކަޕްގެ ސެމީން ޖާގަ ހޯދައިފި

ކޮންފެޑެރޭޝަންސް ކަޕްގައި ޖަރުމަނާއި ކެމަރޫން ބައްދަލުކުރި މެޗުގެ ތެރޭން. މި މެޗުގެ ނަތީޖާއަކީ ޖަރުމަނު 3-1 ކެމަރޫން -- ގެޓީ ފޮޓޯ: ފީފާ

ކޮންފެޑެރޭޝަންސް ކަޕްގެ ގްރޫޕް "ބީ"ގެ އެއްވަނަ ޓީމުގެ ގޮތުގައި ޖަރުމަނުން ސެމީ ފައިނަލްގެ ޖާގައެއް ހޯދިއިރު އެ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޗިލީ ސެމީއަށް ދަތުރުކޮށްފިއެވެ.

މި ނަތީޖާތަކާއެކު ބުދަ ދުވަހުގެ ރޭ ކުޅެން ހަމަޖެހިފައިވާ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޗިލީ ވާދަކުރާން ޖެހޭނީ ޔޫރަޕްގެ ޗެމްޕިއަން ޕޯޗްގަލް އާއެވެ.

އޭޝިއާގެ ޗެމްޕިއަންސް އޮސްޓްރޭލިއާއާ ދެކޮޅަށް ރޭ ޗިލީ ކުޅުނު މެޗު 1-1 ލަނޑުން އެއްވަރުވެފައި ވާއިރު، މެޗުގައި ފުރަތަމަ ލަނޑެއް ކާމިޔާބުކުރީ އޮސްޓްރޭލިއާއެވެ. މެޗުގެ 42 ވަނަ މިނިޓްގައި އެޓީމަށް ލަނޑު ޖަހައިދިނީ ޖޭމްސް ޓްރޮއިސީއެވެ. އޮސްޓްރޭލިއާ ލީޑުގައި އޮވެ ދެވަނަ ހާފްގެ ކުޅުން ފެށި ނަމަވެސް، 62 ވަނަ މިނިޓްގައި ޗިލީގެ މާޓިން ރޮޑްރިގޭޒް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ކޮންފެޑެރޭޝަންސް ކަޕްގައި ޗިލީއާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗުގެ ތެރޭން. މި މެޗުގެ ނަތީޖާއަކީ ޗިލީ 1-1 އޮސްޓްރޭލިއާ -- ގެޓީ ފޮޓޯ: ފީފާ

ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުން ގްރޫޕްގެ އެއްވަނަ ހޯދީ، ރޭ ކެމަރޫން އަތުން 3-1 ލަނޑުން މޮޅުވެގެންނެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ ސެމީގައި އެޓީމު ވާދަކުރާން ޖެހޭނީ މެކްސިކޯއާ ދެކޮޅަށެވެ.

ޒުވާން ކުޅުންތެރީންތަކެއް ގޮވައިގެން މި މުބާރާތުގައި ވާދަކުރާ ޖަރުމަނަށް ރޭ ކެމަރޫންގެ މައްޗަށް ކުރި ހޯދައިދިނީ، ފުރަތަމަ ހާފް ނިމެން ދަނިކޮށް ކެރަމް ޑިމިރްބައީއެވެ.

ދެވަނަ ހާފްގައި ޖަރުމަނުގެ ޒުވާން ފޯވާޑް ޓީމޯ ވާރނަރ އެޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިން އިރު ކެމަރޫންގެ ހަމަ އެކަނި ލަނޑު މެޗުގެ ފަހު ފަނަރަ މިނިޓްތެރޭ ކާމިޔާބުކޮށްދިނީ ވިންސެންޓް އަބޫބަކުރުއެވެ.

comment ކޮމެންޓް